Advertisement

އެމްޑީޕީގެ މެންބަރުން ހަރަކާތްތެރި ނުވެ 2023 ނުލިބޭނެ: ފައްޔާޒު

11 އޭޕްރީލް 2022 - 11:49 0

ނާޒިމް ހަސަން

ނާޒިމް ހަސަން

އެމްޑީޕީގެ މެންބަރަކާއެކު ފައްޔާޒު: 2023 ލިބޭނީ މެންބަރުން ހަރަކާތްތެރިވެގެން ކަމަށް ވިދާޅުވި


އެމްޑީޕީގެ މެންބަރުން ހަރަކާތްތެރި ނުވެ 2023 ނުލިބޭނެ: ފައްޔާޒު

11 އޭޕްރީލް 2022 - 11:49 0

އެމްޑީޕީގެ އާންމު މެންބަރުން ހަރަކާތްތެރިވެ, ގުޅުން ބަދަހިވެގެން ނޫނީ އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ, އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

"ހިނގާލަން" ނަމުގައި ރަށްރަށަށް ވަޑައިގެން ފައްޔާޒު, ޗެއާޕާސަން ކަމަށް ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު, އޭނާގެ އެންމެ ބޮޑު ވައުދަކީ ޕާޓީގެ އާންމު މެންބަރުންނާ ޕާޓީއާ ދެމެދު އޮތް ގުޅުން ރަނގަޅު ކުރުމާއި ރަށްރަށުގެ ދާއިރާ ޖަގަހަތައް ހަރަކާތްތެރިކުރުވުމެވެ.

ޗެއާޕާސަންގެ ގޮނޑިއަށް ފައްޔާޒާއެކު ވާދަކުރައްވާ އިމްތިޔާޒު ފަހުމީ, "ތިލަފަތުގެ ރަމްޒު"ގެ ޝިއާރުގެ ދަށުން ކުރައްވާ ކެމްޕެއިންގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ އެމްޑީޕީގެ އަސާސްތައް އަލުން ނެގެހެއްޓުމެވެ. އޭނާ ޕްރޮމޯޓް ކުރަނީ ނަޒާހަތްތެރިކަމެވެ. މި ދެ ޝިއާރުގެ ދަށުން ކުރިއަށްދާ ފޯރިގަދަ ކެމްޕެއިންގައި އެއް ޓީމުން އަނެއް ޓީމަށް ހޫނު ހަމަލާތައް ދަނީ ރައްދުކުރަމުންނެވެ.

އިމްތިޔާޒުގެ ފަޅިން ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތުތައް އަމާޒުކުރާއިރު, ޕާޓީ ހިނގަން ނޭނގި, ވިއްސިވިހާލިވަމުންދާ ކަމަށް ފައްޔާޒުގެ ފަޅިން ދަނީ ބުނަމުންނެވެ. މި ހަމަލާތައް ހޫނުވެފައިވާއިރު އެމްޑީޕީގެ އެންމެފަހުގެ ޗެއާޕާސަން ހަސަން ލަތީފާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހުންނެވީ އިމްތިޔާޒުގެ ފަޅީގަ އެވެ.

އިމްތިޔާޒުގެ ފަހަތުގައި ހުންނެވި, އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ފައްޔާޒުގެ ޓީމަށް ރައްދު ދެއްވަމުން ވިދާޅުވެފައިވަނީ އިންތިހާބެއް ކާމިޔާބު ކުރުމަށް ނޫން ގޮތަކަށް އެމްޑީޕީ ހިނގާލަކަށް ނުޖެހޭ ކަމެވެ. ޕާޓީގެ ދިދަ މިހާރު ވެސް ރަށްރަށުގައި ފެންނަން އެބަހުރި ކަމާއި އަދި ޕާޓީގެ ބަހުސްތަކުގައި މެންބަރުން ބައިވެރިވެ އަޑު އިއްވަމުންދާ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

ޕާޓީ މިހާރު އޮތީ ހިނގާލަން ޖެހިފައި ކަމަށް ފައްޔާޒުގެ ޓީމުން ބުނަމުންދާތީ, އެއީ މިވަގުތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެއްޗެއް ބުނަން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ, އެމްޑީޕީން އަންނަނީ ޕާޓީގެ ހަރަކާތްތައް ހިނގަމުން ކަމަށެވެ.

ނަމަވެސް, ނަޝީދުގެ އެ ވާހަކަތަކަށް ކ. ހިންމަފުށީގެ އެމްޑީޕީ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަގައި ފައްޔާޒު ވަނީ ރައްދު ދެއްވާފަ އެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި, ޕާޓީގެ ހަރަކާތްތައް އިތުރުކޮށް, ކަންކަން އިތުރަށް ހިނގާލަން ޖެހެ އެވެ. އެހެންނޫންނަމަ, އަންނަ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރުމަށް ދަތިވާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑަކަށް ނުފެނެއޭ 2023 ލިބޭ ތަނެއް ޕާޓީގެ މެންބަރުން އެކްޓިވްވެގެން ނޫނިއްޔާ, ޕާޓީގެ މެންބަރުން އެކްޓިވްވެ ޕާޓީ އާއި މެންބަރުންނާ ގުޅުން ބަދަހިވެގެން އެ ގުޅުމާއެކު ޕާޓީ އާއި ސަރުކާރާ ވެސް ގުޅުން ބަދަހިވެގެން ނޫނިއްޔާ 2023 ލިބޭ ތަނެއް އަޅުގަނޑަކަށް ނުފެނޭ އިނގޭތޯ, ކިތަންމެ މަސައްކަތެއް ކުރިޔަސް," ހިންމަފުށީގައި, ފައްޔާޒު ވިދާޅުވި އެވެ.

އަންނަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ވެސް އެމްޑީޕީގެ ތެރޭ އޮތީ ހިޔާލު ތަފާތުވުމެވެ. އެގޮތުން, ނަޝީދު ބޭނުން ވަނީ ރިޔާސީ އިންތިހާބު ނުބާއްވައި, ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑު ވަޒީރަކަށް ވެވަޑައިގަންނަވާށެވެ. އެގޮތަށް ނުވެއްޖެނަމަ, ރިޔާސީ އިންތިހާބުގައި 30 ޕަސެންޓް ވޯޓު ލިބޭ ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބުވާ ގޮތް ހެދުމަށް ވެސް ނަޝީދު ބޭނުންވެ އެވެ.

ރިޔާސީ އިންތިހާބު ބާއްވާނަމަ, އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރައްވާނެކަން ނަޝީދު ވަނީ އިއުލާން ކުރައްވާފަ އެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާން ކުރައްވާފައިނުވީ ނަމަވެސް, އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ އެކަމަށް ކެމްޕެއިން ކުރައްވަމުންނެވެ.

އެގޮތުން, ފައްޔާޒު އިސްމާއިލް ވެސް ވިދާޅުވެފައިވަނީ ޗެއާޕާސަންގެ އިންތިހާބަށް ނުކުންނަވާ ކުރައްވާ މަސައްކަތަކީ ވެސް ރައީސަށް ދެވަނަ ދައުރެއް ޔަގީން ކުރެއްވުމަށް ކުރައްވާ މަސައްކަތެއް ކަމަށެވެ. މި އަހަރަށް އެމްޑީޕީގެ ކޮންގްރެސް ތާވަލުކޮށްފައިވާއިރު, ގާނޫނުއަސާސީއަށް ބަދަލު ގެންނަން ހުށަހެޅުމާމެދު ގޮތެއް ނިންމަން އަހާނީ އެ ކޮންގްރެސްގަ އެވެ.

ދެވަނަ 'އުކުޅަސް ކޮންގްރެސް'ގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ އަލަށް އިންތިހާބު ކުރާ ޗެއާޕާސަނަށެވެ. އެމްޑީޕީގެ މި އިންތިހާބު މިހާ ވާދަވެރި, ބޭނުންތެރިވެފައިވަނީ ވެސް މި ސަބަބަށްޓަކަ އެވެ. އިންތިހާބު އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ.