Advertisement

ކެޕޭސިޓީއަށް ނުތަކާވަރަށް މަސްވެރިކަން ތިޔާގިވެ ކޫއްޑޫއަށް މަސްކިރުން ލިމިޓުކޮށްފި

6 އޭޕްރީލް 2022 - 12:18 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

މިފްކޯގެ ހުވަދު އަތޮޅުގެ ހަބު ކޫއްޑޫގައި މަސްކިރުމުގެ މަސައްކަތް ކުރިޔަށް ދަނީ: ދެކުނު އަތޮޅުތަކަށް މިދިޔަ ހަ މަސް ދުވަސް ތެރޭ މަސްވެރިކަން ވަނީ އިންތިހާއަށް ރަނގަޅުވެފަ. ފޮޓޯ: މިފްކޯ


ކެޕޭސިޓީއަށް ނުތަކާވަރަށް މަސްވެރިކަން ތިޔާގިވެ ކޫއްޑޫއަށް މަސްކިރުން ލިމިޓުކޮށްފި

6 އޭޕްރީލް 2022 - 12:18 0

ރާއްޖޭގެ ދެކުނަށް އަނެއްކާ ވެސް އާދަޔާހިލާފަށް މަސްވެރިކަން ތިޔާގިވެ މިފްކޯގެ ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ބާނަމުންދާތީ ހުވަދު އަތޮޅުގެ މިފްކޯގެ ހަބު, ކޫއްޑޫއަށް ބާރުބޮޑުވެ މަސްކިރުމުގައި ދަތިތަކާ ކުރިމަތިވާން ފަށައިފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ މި ދުވަސްވަރު ދުވާލެއްގެ މައްޗަށް 800 ޓަނާ ހަމަޔަށް ކޫއްޑުއަށް މަސްކިރަމުންދާ ކަމަށެވެ. އަދި، ބައެއް ފަހަރު އެންމެ ދޯންޏަކުން އެކަނި ވެސް 60 ޓަނުގެ މަސް ކިރަން އަންނަ ކަމަށް ފައުޒީ ވިދާޅުވި އެެވެ.

"އެހެންވީމަ އެބަ އުޅޭ ދަތިތަކެއް، ތާށިތަކެއް ކޫއްޑޫ ކައިރިން. އެކަމަކު އަދި ދަނީ މަސްކިރަމުން،" ފައުޒީ ވިދާޅުވި އެވެ.

މިފްކޯއިން މިހާރު ކޫއްުޑޫއަށް މަސްކިރާ މިންވަރު ވަނީ ލިމިޓްކޮށްފަ އެވެ. އެގޮތުން ކޮންމެ ދޯންޏަކުން ވެސް ކޫއްޑުއަށް ދެން ނަގާނީ ފަސް ޓަނުގެ މަހެވެ.

ކޫއްޑޫ ކައިރިއަށް މަސްކިރަން ގޮސް އޮތް "ތެދުމަގު" ދޯނީގެ ކައްޕި އައްޔަ މި ނޫހަށް ބުނީ ކޫއްޑޫގައި މިވަގުތު މަސްކިރަމުން ދަނީ ފެލިވަރުގައި އޮތް ކުޑަ ދެ ބޯޓެއް ގެނެސްގެން ކަމަށެވެ. ނަމަވެސް، ކޫއްޑޫގައި މަސްކިރުމުގައި ބޮޑެތި ތާށިތަކެއް އަދިވެސް ހުރިކަމަށް އައްޔަ ބުނެ އެވެ.

މިފްކޯއިން ބުނީ އެ ދެ ބޯޓު ވެސް މިހާރު ކެޕޭސިޓީއާ ހަމަޔަށް ފުރިފައިވާ ކަމަށެވެ. އެހެންވެ މަސްކިރުމުގެ ކަންކަން ހަމަޔަކަށް އެޅެންދެން ކޫއްޑޫއިން ކިރާނީ ދޯންޏަކަށް ފަސް ޓަނުގެ މަހެވެ.

ތެދުމަގު ދޯނީގެ ކައްޕި ބުނީ މަސްވެރިންނަށް މިފްކޯގެ ކެޕޭސިޓީއަށް ވިސްނައިގެން މަސް ބޭނޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި، އެކަމުގެ ސަބަބުން މަސްބާނާ މިންވަރު މަދުވެ ދަތިތަކާއި ކުރިމަތި ވެދާނެ ކަމަށް އޭނާ ބުނެ އެވެ.

"އަނެއްހެން އަހަރުމެންނަށް ކިހިނެތް އިނގޭނީ؟ ކެޕޭސިޓީއަށް ވުރެ ގިނަ ވާނެ ކަމެއް. ކޮންމެ ދޯންޏަކުން ބާނާނީ މިވަރު ކަމެއް؟ މިކަމަށް އޮތް ހައްލަކީ ސްޓޮރޭޖް އިތުރުކުރުން ހަމަ. ހުވަދުއަކީ އަބަދު ވެސް މަސްވެރިކަން އެންމެ ރަނގަޅު ތަން. އެހެންވީމަ މިކޮޅަށް އެބަ އިތުރުކުރަން ޖެހޭ ކަންނޭނގެ. ކޫއްޑޫއިން އެކަނި ނުވޭ،" އައްޔަ ބުންޏެވެ.

އޭނާ ބުނީ މަސްވެރިންނަށް މަސްކިރުމުގެ އިތުރުން އައިސް ލިބުމުގައި ވެސް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އަދި، ތިނަދޫގައި މިހާރު އަޅަމުންދާ އައިސް ޕްލާންޓުގެ މަސައްކަތް ކުރިއަށްނުދާކަމަށާއި އައްޑޫގައި އެޅި ސްޓޮރޭޖް ޕްލާންޓުގެ ކެޕޭސިޓީ ކުޑަކަމުން ބޭކާރު ވެފައިވާ ކަމަށް އޭނާ ބުނެ އެވެ. އަދި، އެކަންކަމާ މަސްވެރިންގެ މެދުގައި ހިތްހަމަނުޖެހުން ހުރި ކަމަށް އޭނާ ބުނެ އެވެ.