Advertisement

މޯލްޑިވިއަން ފްލައިން ސްކޫލް ދަރިވަރުންގެ އުދުހުން މި މަހު ފަށާނެ

4 އޭޕްރީލް 2022 - 17:39 0

އަމަން ހަލީމް

އަމަން ހަލީމް

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް: މޯލްޑިވިއަން އޭވިއޭޝަން އެކެޑެމީ އުފެއްދީ އައިލެންޑް އޭވިއޭޝަނާއި އާއި އެމްއެންޔޫ ގުޅިގެން. --


މޯލްޑިވިއަން ފްލައިން ސްކޫލް ދަރިވަރުންގެ އުދުހުން މި މަހު ފަށާނެ

4 އޭޕްރީލް 2022 - 17:39 0

ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަނާއި ގައުމީ ޔުނިވާސިޓީ ގުޅިގެން އުފައްދާފައިވާ މޯލްޑިވިއަން އޭވިއޭޝަން އެކެޑެމީގެ ފުރަތަމަ ބެޗުގެ ދަރިވަރުންގެ އުދުހުން މި މަހު ފަހުކޮޅު ފަށާނެ ކަމަށް އެ އެކެޑެމީން ބުނެފި އެވެ.

އެކަމާ ގުޅިގެން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނީފާ "އަދަދު" ނޫހަށް ވިދާޅުވީ، މިހާރު ކިޔަވަމުންދާ 35 ދަރިވަރުންގެ އުދުހުން އޭޕްރިލް 28 ގައި ފަށާނެ ކަން އެ ކުދިންނަށް އަންގާފައިވާ ކަމަށެވެ.

މި އުދުހުންތަކުގައި ބޭނުންކުރާ ފްލައިޓުތައް ވެސް މިހާރު ހުރީ ރާއްޖެ އައުމުގެ މަގުމަތީގައި ލަންކާގަ އެވެ. އެ ފްލައިޓުތައް ރާއްޖެ އަންނާނީ އަންނަ އާދިއްތަ ދުވަހެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކެޑެމީގެ ފުރަތަމަ ބެޗުގައި ކިޔަވައިދެމުންދަނީ ރިފްރެޝާ ޕްރޮގްރާމެކެވެ. މި ރިފްރެޝާ ޕްރޮގްރާމުގައި ހިމެނެނީ 150 ގަޑިއިރުގެ ތިއަރީ ކްލާސްތަކާއި 10 ގަޑިއިރުގެ އުދުހުމެވެ. ތިއަރީ ކްލާސްތައް ކުރިޔަށް ގެންދަނީ އޮންލައިންކޮށެވެ.

މި ޕްރޮގްރާމަކީ ކުރިން ހިންގި އޭޝިއަން އޭވިއޭޝަން އެކެޑެމީ (އޭއޭއޭ) ފެއިލްވުމުގެ ސަބަބުން ކިޔެވުން ހުއްޓިފައި ތިބި ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ.

ޖެނީފާ ވިދާޅުވީ ފުރަތަމަ ބެޗުގެ އުދުހުން ފެށުމާ އެކީ، ދެވަނަ ބެޗަށް ހުޅުވާލާނެ ކަމަށެވެ. މި ބެޗުން ވެސް 35 ދަރިވަރަކަށް ކިޔެވުމުގެ ފުރުސަތު ލިބިގެން ދާއިރު، އިސްކަން ދޭނީ އޭއޭއޭގެ ސަބަބުން ކިޔެވުން ހުއްޓިފައި ތިބި ދަރިވަރުންނަށެވެ.

ސަރުކާރު ކުންފުނިތަކުން ބޮޑު ހަރަދެއްކޮށްގެން ފްލައިން ސްކޫލެއް ހަދަން ޖެހުނީ ވެސް، އޭއޭއޭ އަށް ފައިސާ ދައްކައިގެން ޕައިލެޓު ތަމްރީނުތައް ފުރިހަމަކުރަމުން ދިޔަ 100 އަށް ވުރެ ގިނަ ދަރިވަރެއްގެ ކިޔެވުން ހުއްޓުމާ ގުޅިގެންނެވެ.

މިއީ ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ތަނެއް ނަމަވެސް، މިތަން މެނޭޖު ކުރަނީ ޗެކް ރިޕަބްލިކުގެ ފްލައިން އެކެޑެމީންނެވެ.