Advertisement

ކުރަނީ ހުސް ތުހުމަތު، ނުހައްގު މުއްސަނދިކަމެއް ނެތް: މަހްލޫފް

5 އޭޕްރީލް 2022 - 10:13 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ކުރަނީ ހުސް ތުހުމަތު، ނުހައްގު މުއްސަނދިކަމެއް ނެތް: މަހްލޫފް

5 އޭޕްރީލް 2022 - 10:13 0

ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ވަގުތުން ފެށިގެން މުޅީން ވެސް ކުރަނީ ތުހުމަތު ކަމަށާއި ނުހައްގު ގޮތުގައި އެއްވެސް މުއްސަނދިކަމެއް ހޯދާފައި ނުވާނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.

ކުރީގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަނާ ގުޅުވައި މަހްލޫފަށް ތުހުމަތުތަކެއް ކުރެވޭއިރު، ދާދި ފަހުން ބޭއްވި ކުޅިވަރު އެވޯޑާ ގުޅުވައި ވެސް ކޮރަޕްޝަންގެ ތުހުމަތުތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި ދާދި ފަހުން މަހްލޫފް ބައްލަވައިގަތް ފްލެޓާއެކު އެ ތުހުމަތުތައް އިތުރުވި އެވެ.

މި ރޯދަ މަހު "އަދަދު" ނޫހުން ގެނެސްދޭ "ކުޅިކޮށް" ޕްރޮގްރާމްގައި މި ތުހުމަތުތަކާގުޅޭ ގޮތުން ސުވާލު ކުރުމުން މަހްލޫފް ވިދާޅުވީ ދާދި ފަހުން ގަތް ފްލެޓަކާ ގުޅޭ ގޮތުން ވާހަކަތަކެއް ދެކެވޭއިރު އެ ފްލެޓް ގަތީ އޭނާއާއި އަނބިކަނބަލުން ނަޒުރާ ނަސީމަށް ލިބިވަޑައިގަންނަވާ މުސާރައިން ކަމަށެވެ.

އެ ފްލެޓް ބައްލަވައިގަތީ 3.5 މިލިއަނެއްހާ ރުފިޔާގެ ލޯނެއް ނަންގަވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. ލޯނަށް ޝަރުތު ހަމަވީ ވެސް އޭނާ އާއެކު އަނބިކަނބަލުންގެ މުސާރަ ވެސް ހިމެނިގެން ކަމަށް މަހްލޫފް ވިދާޅުވި އެވެ.

"ލޯނަށް ޝަރުުތު ހަމަވީ ވެސް ދެމަފިރިންގެ އާމްދަނީއިން، އަޅުގަނޑަށް އެކަނި ނުވެސް ވާނެ، ލޯނު އޮންނާނީ ވެސް އަޅުގަނޑުމެން ދެމަފިރިންގެ ނަމުގައި،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ ސިޔާސީ ބޭފުޅުންގެ ވެސް އަސާސީ ބޭނުންތައް ހުންނަ ކަމަށާއި އަސާސީ ކަންކަން ފުރިހަމަ ކުރަން މަސައްކަތް ކުރައްވާއިރު ފާޑުކިއުންތައް އަމާޒުވާ ކަމަށެވެ. ނަމަވެސް ފާޑުކިއުންތަކަށް ޓަކައި، އަސާސީ ކަންކަން ފުރިހަމަނުކޮށް ވެސް ތިބެވެން ނެތް ކަމަށް އޭނާ ވިދާޅުވެ އެވެ.

"އަޅުގަނޑަކަށް ވެސް ދެން އަޅުގަނޑު ބޭނުންވާ ކަންކަން، އަޅުގަނޑު ކުރަން ޖެހޭ ކަންކަން، ނުކޮށް ނުހުރެވޭނެ ދެއްތޯ،" މަހްލޫފް ވިދާޅުވި އެވެ.

"ކުޅިވަރު އެވޯޑުގައި ވެސް ހިޔާނާތުގެ ކަމެއް ނޯންނާނެ"

ޔޫތު މިނިސްޓްރީން ބޭއްވި ކުޅިވަރު އެވޯޑު ދިނުމުގެ ހަފުލާއަށް ދުނިޔޭގެ ނަން މަޝްހޫރު ވަރުގަދަ ޝަހުސިއްޔަތުން ބައިވެރިވެވަފައިވެ އެވެ.

ސްރީ ލަންކާގެ ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިޔާ، ސްރީ ލަންކާގެ ކުރީގެ ނެޓްބޯޅަ ކުޅުންތެރިޔާ ތަރްޖިނީ، ޕޫލް ބިލިއާޑްގެ ދުނިޔޭގެ ޗެމްޕިއަނެއް އޮސްޓްރިއާގެ އަލްބިން އޮސްކަން، ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް، ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ)، ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ، އިނގިރޭސިވިލާތަށް އުފަން، ކްރޮއޭޝިއާގެ ޓީޓީ ލެޖެންޑް ޒޯރާން ޕްރިމޯރަކް، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ އަދި ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް ސްޕޯޓްސް އެވޯޑަށް ރާއްޖެ އައިސްފައިވެ އެވެ.

މި ފެންވަރުގެ ކުޅިވަރު ތަރިން އާންމު ގޮތެއްގައި ގެނައުމަށް "އެޕިއަރަންސް ފީ" އެއް ނަގާނެ އެވެ. މި އެވޯޑަށް ވެސް މި ތަރިން ބައިވެރިވެފައި ވަނީ ބޮޑު ފީއެއް ދައްކައިގެން ކަމަށް ބުނެ، އާންމުންގެ ފާޑުކިއުންތައް އިންތިހާއަށް އަމާޒުވި އެވެ.

މި ފާޑުކިއުންތަކާގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ، އެ ޝަހުސިއްޔަތުންނާއި "ކަނެކްޝަން" އެއް ނުވަތަ ގުޅުމެއް އޮތުމުން މާ ބޮޑު ހަރަދުތަކެއް ކޮށްގެން ގެންނަން ނުޖެހުނު ކަމަށެވެ. އަދި އޭގެ ތެރެއިން އެއްވެސް ކުޅުންތެރިއަކަށް ފީއެއް ދީފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޅި ކުޅިވަރު އެވޯޑަށް ހަރަދު ވެފައި ވަނީ 6.5 މިލިއަން ރުފިޔާ ކަމަށް މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. މި އެވޯޑަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ގައި ވެސް ލިޔެފައިވާ ކަމެއް ކަން މަހްލޫފް ފާހަގަ ކުރެއްވި އެވެ. އަދި "ބެނާއެއްގައި ބެޓިކުން އެވޯޑު ލިޔާ" ފެންވަރަށް ދަށްކޮށް އެވޯޑެއް ނުބާއްވާނެ ކަމަށް ވިދާޅުވި އެވެ.