Advertisement

ޔަމަން ހަނގުރާމަ ދެ މަހަށް މެދުކަނޑާލަން އެއްބަސްވެއްޖެ

2 އޭޕްރީލް 2022 - 12:56 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔަމަނުގެ ދިގު ދާހިލީ ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ އިންސާނީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި. -- ފޮޓޯ: އޭއެފްޕީ


ޔަމަން ހަނގުރާމަ ދެ މަހަށް މެދުކަނޑާލަން އެއްބަސްވެއްޖެ

2 އޭޕްރީލް 2022 - 12:56 0

ޔަމަން ހަނގުރާމަ ދެ މަހަށް މެދުކަނޑާލަން އެއްބަސްވެފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

މިއީ 2016 ވަނަ އަހަރަށް ފަހު ހަނގުރާމަ މެދުކަނޑާލި ފުރަތަމަ ފަހަރެވެ. އދ. އިން ލަފާ ކުރާ ގޮތުގައި އެ ހަނގުރާމައިގައި 400،000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އޭގެ ތެރެއިން 60 ޕަސެންޓު މަރުވީ ބަނޑުހައި ހޫނުކަމާއި، ސިއްހީ އެހީތެރިކަން ނުލިބުމާއި، ސާފު ބޯފެން ނެތުމުގެ ސަބަބުންނެވެ.

އިރާނުގެ ތާއީދާ އެކު އުޅޭ ހޫތީންނާއި ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނާ ދެމެދު ސޮއިކުރި އެއްބަސްވުން ތަންފީޒު ކުރަން ފަށާނީ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގަ އެވެ.

ދެ ފަރާތުން އެއްބަސްވެއްޖެ ނަމަ، ހަނގުރާމަ މެދުކަނޑާލާފައި އޮންނަ މުއްދަތު އިތުރު ވެސް ކުރެވޭނެ އެވެ.

ޔަމަނަށް ސުލްހަ ގެނައުމުގެ މަޝްވަރާ ސައުދީ އަރަބިއްޔާގައި ރިޔާދްގައި ކުރިއަށް ދިޔައިރު، ހުކުރު ދުވަހު އދ. ގެ ހާއްސަ މަންދޫބު ހާންސް ގްރުންޑްބާގް ވިދާޅުވީ ޔަމަނަށް ބޭނުންވާ އެހީ އެތެރެ ކުރެވޭނެ ކަމަށެވެ.

އެގޮތުން ތެޔޮ ގެންނަ މަނަވަރުތަކަށް ހުދައިދާ ބަނދަރާ ކައިރި ކުރެވޭނެ ކަމަށާއި ސަނާ އެއާޕޯޓުން ކޮމާޝަލް ފްލައިޓްތައް އޮޕަރޭޓް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އެ ދެ ތަން ވެސް ކޮންޓްރޯލް ކުރަނީ ހޫތީންނެވެ.

ޔަމަނުގެ އިންތިހާބީ ސަރުކާރަށް ތާއީދު ކުރާ ސައުދީ އަސްކަރީ ކޯލިޝަނުން ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރާތާ ހަތް އަހަރު ފާއިތުވެއްޖެ އެވެ.

ރައްދުގައި ހޫތީން ދަނީ ސައުދީ އަރަބިއްޔާ އާއި އަސްކަރީ ކޯލިޝަނުގައި ހިމެނޭ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް މިސައިލް އަދި ޑްރޯން ހަމަލާތައް ފޮނުވަމުންނެވެ.