Advertisement

ބިލެތް ހެއްދުމަކީ ދޫކޮށްލާވަރުގެ ކަމެއްނޫން!

31 މާރިޗު 2022 - 09:26 0

އއ. ތޮއްޑޫ

އަހުމަދު ސައީދު

އަހުމަދު ސައީދު

އއ. ތޮއްޑޫގެ ގެއެއްގައި ހައްދާފައިވާ ބިލެތް ޅޮސް ތަކެއް: ބިލެއް ޅޮހަކުން 500ރ. ގެ އާމްދަނީ އެއް މަހަކު ލިބޭ -- އަދަދު ފޮޓޯ/ އަހުމަދު ސައީދު


ބިލެތް ހެއްދުމަކީ ދޫކޮށްލާވަރުގެ ކަމެއްނޫން!

31 މާރިޗު 2022 - 09:26 0

އއ. ތޮއްޑޫ

މާބޮޑު އަޅާލުމެއް ނުދިނަސް ގޭތެރޭގައި އޮންނަ ކުޑަ ހުސް ޖާގަ އެއްގައި ވެސް ބިލެތް ހެއްދިދާނެ އެވެ. ބިލެތަކީ ބަލިތަކާ ދުރުު, ހައްދަން ފަސޭހަ އެއްޗެކެވެ. އަތް އުރާލައިގެން ހުރެގެން، ބިލެތް ޅޮހަކުން މަހަކު މަދުވެގެން 500ރ. ލިބޭނަމަ، އެއީ ދޫކޮށްލާ ވަރުގެ ކަމެއް ނޫނެވެ.

އއ. ތޮއްޑޫގެ ކުރީގެ ބޮޑެތި ގޯތި ތަކުގައި ވަރަށް ގިނައިން ބިލެތް ހައްދާފައިވެ އެވެ. ބައެއް ގޯތި ތަކުގައި އޮންނަ ހުސް ޖާގަ ފުރާލާފައި ވަނީ ދުނބުރި އާއި ރުއްރުކަށް އަރުވާފައިވާ 15-20 ޅޮސް ބިލެތުންނެވެ.

ތޮއްޑޫގައި ބިލެއް ހައްދާ މުހައްމަދު ނަސީރު ބުނި ގޮތުގައި ރަނގަޅު ފައިދާ ހޯދުމަށްޓަކައި، ބިލެތް ހައްދަނީ ގަސް ކާނާ ދީގެން ބޭސް ވެސް ޖަހައިގެންނެވެ. ހޫނު ގަދަ ދުވަސް ވަރެއް ނަމަ ދެ ދުވަހުން އެއް ދުވަހު ފެން ޖަހަން ޖެހެ އެވެ.

"މިއީ ނުކޮށް ދޫކޮށްލާވަރުގެ ކަމެއް ނޫން، މިދުވަސްވަރު އަގު ދަށް، މިހާރު ބިލެތް ބޮނޑިއެއް ވިއްކަނީ 50-60ރ. އަށް، އަގު ރަނގަޅުއިރު، 85ރ، 90ރ. އަދި 100ރ. އަށް ވެސް ބިލެއް ބޮނޑިއެއް ވިކޭ،" ނަސީރު ބުންޏެވެ.

ހެނދުނު ހައެއް ޖަހާއިރު ފެށީމަ، ދިގު ހަރަށް އަރައިގެން ތިން ޅޮހުން ބިލެއް ކަނޑައި ނުވައެއް ޖަހަން ވާއިރަށް ނިންމާލެވޭ ކަމަށް އޭނާ ބުނެޏެވެ. ތިން ޅޮހުން 35-40 ބޮނޑި ބިލެއް ކެނޑޭ ކަމަށް އޭނަ ބުންޏެވެ. އެއީ ޅޮހަކުން 13 ވަރަކަށް ބޮނޑި ބިލެތެވެ.

"ބޮނޑިއެއްގަ އިންނާނީ 50 ގަނޑު، ތިން ޅޮހުން ލިބޭނެ 35-40 ގަނޑު ރީތި ބިލެތް،" ނަސީރު ބުނެދިން ހިސާބުން ބަލާއިރު، އެއްމެ ދަށްކޮށް އަގު ހުންނައިރު ވެސް ދުވާލަކު ދެހާހެއްހާ ރުފިޔާ (ތިން ޅޮހުން ކަނޑާ) ބިލެތް ވިއްކައިގެން ހޯދެނޭ އެވެ.

ބިލެތް ޅޮސް ތަކަކަށް މީހަކު ފެން ދެނީ: ބިލެތައް ފެން ދެނީ ދެ ދުވަހުން އެއް ދުވަހު -- އަދަދު ފޮޓޯ/ އަހުމަދު ސައީދު


ބިލެތް ޅޮސްތަކުން އާންމުކޮށް ބިލެތް ކަނޑަަނީ، ބިލެތް ކަނޑާ ދުވަހުން ފެށިގެން، މަސް ދުވަސް ހަމަ ކޮށްފަ އެވެ. ބިލެއް ހައްދާ މީހުންގެ ވާހަކަތަކަށް ބަލާއިރު، މަހަކު ބިލެއް ޅޮހަކުން 500ރ. ގެ އާމްދަނީ އެއް ޔަގީން ކަމާއެކު ލިބެ އެވެ.

ތޮއްޑޫގެ ގިނަ ގޭގޭގައި ހައްދާ ބިލެއް، ގޭގެ ވެރިފަރާތައް އާމްދަނީ ލިބޭ ގޮތަށް ދޫކޮށްލާފައި އޮންނަނީ ބިލެތް ކަނޑައި ވިއްކާ މީހުންނަށެެވެ. ތިރީސް ޅޮސް ބިލެެއް ހުންނަ ގެއެއްގެ މީހަކު ބުނި ގޮތުގައި އޭނާ އަށް މަހަކު 15،000ރ. ގެ އާމްދަނީ އެއް ބިލެއް ވިއްކައިގެން ލިބެ އެވެ.

"ވަކި ބަޔަކު އުޅޭނޭ އެކަން ކުރާ، އެމީހުން ކާނާ އަޅާ ބިލެއް ޅޮސް ބަލަހައްޓާނީ ވެސް، އެކި ދުވަސް މަތިން ބިލެއް ކަނޑާނީ،" އެމީހާ ބުންޏެވެ.

ބިލެތަކީ އުމުރު ދިގުވެސް އެއްޗެކެވެ. ދުބުރި ގަހަކަށް އަރުވާ ބިލެތް ކުރިއެއްގައި އަންނަ ކޮންމެ ފަތަކީ މަދުވެގެން އެއް ރުފިޔާ އެވެ. ބޭނުން ނަމަ ރީތި ބަޖީޗާއެއް ގޮތަށް ވެސް ބިލެތް ހެއްދިދާނެ އެވެ.