Advertisement

ހުޅުމާލެ ބިމުގެ މައްސަލާގައި ނެރުނު އަމުރަށް ހައިކޯޓުން ވެސް ތާއީދުކޮށްފި


ހުޅުމާލެ ބިމުގެ މައްސަލާގައި ނެރުނު އަމުރަށް ހައިކޯޓުން ވެސް ތާއީދުކޮށްފި

ހުޅުމާލެ ބިމުގެ ރަޖިސްޓްރީ މާލެ ސިޓީ ކައުންސިލުން ބާތިލްކުރި ނަމަވެސް، އެ ނިންމުމަށް އަމުލުކުރުން ފަސްކުރަން ސިވިލް ކޯޓުން ނެރުނު އަމުރު މިއަދު ހައިކޯޓުގައި ވެސް ދަމަހައްޓައިފި އެވެ.

އެޗްޑީސީއަށް ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭތް ހިމެނޭ ގޮތަށް ހަދައިފައިވާ ބިމުގެ ރެޖިސްޓްރީ ބާތިލްކުރި މައްސަލަ އެ ކުންފުނިން ސިވިލް ކޯޓަށް ވެއްދުމަށްފަހު ވަގުތީ އަމުރަކަށް އެދުނެވެ. އެއީ އެ މައްސަލާގައި ދަށު ކޯޓުން ވަކި ގޮތެއް ނިމެންދެން ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށެވެ. އެ އަމުރު ސިިވިލް ކޯޓުން ނެރެދިނީ، ހުޅުމާލޭގެ ބިން އެޗްޑީސީގެ ދަށަށް ގެންދިޔައިރު، އެބިން ހިއްކަން ސަރުކާރުން ކުރި ހަރަދާއި، ނެގި ލޯނުތަކުގެ ޒިންމާ ނަނގާފައިވާތީ އެވެ.

އެހެން ނަމަވެސް އެ ނިންމުން ސިޓީ ކައުންސިލުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު އެ ވަގުތީ އަމުރާ ގުޅިގެން އެ ކޯޓުން ގޮތެއް ނިންމެވި އެވެ.

"ކޯޓުގައި ހުސޫމާތެއް އޮތް މި މައްސަލައާ މެދު ގޮތެއް ނުނިމެނިސް އެހެން ފަރާތަކުން މި ބިމުގެ މިލްކުވެރިކަމަށް ވަދެއްޖެ ނަމަ އެކަމުގެ ސަބަބުން މި މައްސަލައިގެ ހަސްމުންގެ ގޮތުގައި ނެތް ތިންވަނަ ފަރާތެއްގެ ހައްގުތަކަށްވެސް އެކަމުގެ ސަބަބުން އަސަރުކޮށް، އިޔާދަކުރަން ދަތި އަދި އުނދަގޫ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމުގެ އިހްތިމާލް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އެބަ އޮތް،" ފަނޑިޔާރު އަލީ ސަމީރު ހުކުމް އިއްވަމުން ވިދާޅުވި އެވެ.

އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނުނެރެފި ނަމަ އެޗްޑީސީއަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އެބައޮތެވެ. އެއީ އެޗްޑީސީއަށް ސިޓީ ކައުންސިލުން ހަދާދީފައިވާ ރަޖިސްޓްރީގެ މައްޗަށް ބަރާސާވެ، ބިންވިއްކުމާއި ރަހުނު ކުރުމުގެ މަސައްކަތްތައް އެޗްޑީސީއިން ކުރަމުން ދާތީ އެވެ.

"ވަގުތީ އަމުރެއް ނެރުމުގެ ސަބަބުން ދައުވާ ލިބޭ ފަރާތަށް [އެޗްޑީސީއަށް] ލިބޭ ގެއްލުމާއި އުނދަގުލާ، ވަގުތީ އަމުރެއް ނުނެރުމުގެ ދައުވާ ކުރާ ފަރާތަށް [ސިޓީ ކައުންސިލަށް] ލިބޭ ގެއްލުމާއި އުނދަގުލުގެ މައްޗަށް ބަލާއިރު، މި މައްސަލާގައި ދައުވާ ކުރާ ފަރާތަށް ލިބޭ ގެއްލުމާއި އުނދަގުލުގެ މިންވަރު ދައުވާ ލިބޭ ފަރާތަށްވުރެ ބޮޑުވުމުގެ ފުރުސަތު އެބަ އޮތްކަން އެނގޭ," ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަނޑިޔާރު ސަމީރު އިއްވެވި ހުކުމުގައި ވިދާޅުވި އެވެ.

ފަނޑިޔާރު ސަމީރުގެ އިތުރުން އެ މައްސަލަ ބެންޗުގައި ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު މުހައްމަދު ފައިސަލެވެ.

ރަޖިސްޓްރީ ބާތިލްކުރީ ކިހިނެއް؟

ރަޖިސްޓްރީ ބާތިލްކޮށް މާލެ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންނަން އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 30 ވަނަ ރަސްމީ އާއްމު ޖަލްސާއަށް ހުށަހެޅުއްވީ، ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝެވެ.

އޭނާ ވިދާޅުވީ ހުޅުމާލެއަކީ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތާނަކަށްވާއިރު، އެތަނުގައި ރައްޔިތުން އެދޭ ކަމެއް ކުރުމުގެ ޖާގަ ނުލިބޭ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އަދި ބިމަށް ހަދާފައިވާ ރަޖިސްޓްރީ ބާތިލްކޮށް އެއީ ކައުންސިލްގެ ބިމެއްގެ ގޮތުގައި އޮތުން މުހިއްމު ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެެވެ.

އެ ހުށަހެޅުން ފާސްކުރީ އިދިކޮޅު ޕީޕީއެމްގެ އަގުލަބިއްޔަތު އޮންނަ މާލެ ސިޓީ ކައުންސިލްގައި ތިއްބަވާ 12 މެމްބަރުންގެ ވޯޓުންނެވެ. ހުށަހެޅުން ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ތިން މެމެބަރެކެވެ. އެއާއެކު އެ ރަޖިސްޓްރީ ބާތިލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ލޭންޑް ބިލްޑިން ސެކްޝަނަށް އެކަން އަންގަވާފަ އެވެ.

ނަމަވެސް ސިޓީ ކައުންސިލުގެ ނިންމުން ގާނޫނު އަސާސީ އާއި ލާމަރުކަޒީ ގާނޫނުގެ އިތުރުން ބިމާ ބެހޭ ގާނޫނާ ވެސް ހިލާފު ކަމަށް އެޗްޑީސީން ބުނެ އެވެ.

އިތުރަށް ކިޔާލުމަށް