Advertisement

މާލޭގައި 2017 ވަނަ އަހަރު ބޮމެއް ހެދި މައްސަލައިގައި ހިމެނޭ ހެކިތައް ސިއްރުކޮށްފި

ބޮން ހެދި މައްސަލައިގައި ހިމެނޭ ތަސްލީމް: މި މައްސަލަ ކޯޓުގައި މަޑު ޖެހިފައި އޮންނަތާ ހަތަރު އަހަރު ފާއިތުވެފައިވާއިރު އިބްތިދާއީ މަރުހަލާވެސް އަދި ނުނިމޭ -- ފޮޓޯ: އަދަދު ފައިލް


މާލޭގައި 2017 ވަނަ އަހަރު ބޮމެއް ހެދި މައްސަލައިގައި ހިމެނޭ ހެކިތައް ސިއްރުކޮށްފި

މާލޭގެ އޮފީސް އިމާރާތެއްގައި 2017 ވަނަ އަހަރު އައިއީޑީއެއް ހަދައި ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރާ ފަސް މީހުންނާ ދެކޮޅަށް ހުށަހެޅި ހެކިވެރިޔާގެ ބަޔާނާއި ބައެއް އެހެނިހެން ހެކިތައް ސިއްރު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ މުހައްމަދު ހއ. ހޯރަފުށީ، އަލަނާސިގޭ، މުހައްމަދު ތަސްލީމާއި ހަމަ އެރަށު، ވިދުވަރުގޭ، ނާސިހު މުހައްމަދާއި ތ. މަޑިފުށީ، ކަރަންކާގޭ، މުހައްމަދު ހައްމާދާއި ހދ. ނައިވާދޫ، ރިވެލި، ޝިމާން ޝަރީފާއި ގދ. މަޑަވެލި، ގަމަރީ، އިގްތިސާމް މުހައްމަދު ސައީދުގެ މައްޗަށެވެ. އެ މައްސަލައިގައި އެމީހުން ހައްޔަރު ކުރީ އޭޕްރީލް 24، 2017 ގަ އެވެ.

އޭގެ ތެރެެއިން ތަސްލީމަކީ، ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، 2021 ގައި މާލޭގައި ބޮން ގޮއްވި މައްސަލައިގައި ވެސް ހިމެނޭ މީހެކެވެ.

މިއަދު ކުރިއަަށް ދިޔަ އަޑުއެހުމުގައި ގާޒީ އަލީ އާދަމް ވަނީ ދައުލަތުން ހުށަހެޅި ހެކިތަކެއް ރައްކާތެރިކުރުމާއި ގުޅިގެން ގޮތެއް ނިންމަވަފާ އެވެ.

އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިޔާގެ ބަޔާން ސިއްރުކޮށްދިނުމަށް ދައުލަތުން އެދިފައިވެ އެވެ. އެކަމަށް އިއުތިރާޒްކޮށް ދިފާއުން ވަނީ އެ ހެކިވެރިޔާގެ ވަނަވަރު އުނިކުރުމަށްފަހު، ޝަރީއަތުން ކަނޑައަޅާ ގޮތެއް މަތިން އެ ބަޔާން ދޫކުރުމަށް އެދިފަ އެވެ. އެއީ ދިފާއު ބިނާކުރުމުގައި އެ ބަޔާން މުހިންމުވާނެތީ ކަމަށް ދައުވާ ލިބޭ ފަރާތުން ދެކެ އެވެ. ނަމަވެސް ގާޒީ ނިންމެވީ ދައުލަތުން އެދުނު ގޮތަށް މުޅި ބަޔާން ސިއްރުކުރުމަށެވެ.

"އެހެން ބަޔާންތަކާއި ހިލާފަށް މިއީ ވަރަށް ތަފާތު ވައްތަރެއްގެ ބަޔާނެއް،" ގާޒީ ވިދާޅުވި އެވެ.

ދެން ދައުލަތުން އެދުނީ ވަކި މިންވަރަކަށް ހެކި ހާމަކުރުމުގެ އަމުރަކަށެވެ. އޭގެ ތެރޭގައި ގައުމީ ދިފާއީ ބާރުން ތައްޔާރުކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓަކާއި އައިއީޑީ ހަދާނެ ގޮތް ކިޔައިދީ، އެމްއެންޑީއެފްގެ އެކްސްޕާޓަކު ދީފައިވާ ރައުޔުގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި އެހެނިހެން ތަހުލީލުތައް ހިމެނެ އެވެ.

އޭގެ ތެރެއިން އިންޓެލް ރިޕޯޓު ކޯޓުގައި ބެލި ނަމަވެސް ނުވަތަ ދިފާއަށް ދޫކުރި ނަމަވެސް ފުލުހުންގެ އުކުޅުތައް އެނގިގެން ދާނެ ކަމަށާއި އެހާ ހިސާބުން ދައުލަތުގެ އެ ހުށައެޅުމުގެ މަގްސަދު ގެއްލިގެން ދާނެ ކަމަށް މިއަދުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވި އެވެ.

ދައުލަތުން އެދިފައިވާ ގޮތަށް އެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓްތައް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން ދިރާސާކުރުމުގެ ފުރުސަތު ދީފިނަމަ، އިންޓެލިޖެންސް މައުލޫމާތު ހޯދާ މަސްތަރުތަކާއި އުކުޅުތައް ހާމަވެ، ދައުލަތުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަށް ވާސިލް ނުވެ ދާނެ ކަމަށް ދިފާއުން ބުނެ އެވެ. އެހެންވެ އެ ހުށައެޅުން ދައުލަތުން އެދުނު ގޮތަށް ނިންމައެއް ނުދެއްވި އެވެ.

ނަމަވެސް އެހެނިގެން ލިޔުންތައް ދައުލަތުން އެދުނު ގޮތަށް ނިންމީ އެކަމާއި ދިފާއުން ވެސް އިއުތިރާޒް ކޮށްފައި ނުވާތީ އެވެ.

ގާޒީ ނަދީމް ވިދާޅުވި ގޮތުގައި އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވާ އަޑުއެހުމުގައި އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމާއި މެދު ގޮތެއް ނިންމަވާނެ ކަމަށެވެ. އެހެންވެ، އެ ޓެރެރިޒަމްގެ ތުހުމަތުތަކުން ބަރީއަވުމަށް ދިފާއީ ހެކި ހުށަހެޅުމަށް ތައްޔާރުވެގެން ވަޑައިގަތުމަށް ގާޒީ އެދުނެވެ. އަދި އިތުރު ފުރުސަތެއް ފަހުން ނުދޭނެ ކަަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދަށް ދިން ހަމަލާގެ ބައިވެރިވި ތުހްމަތުގައި ތަސްލީމް ހައްޔަރުކުރީ ޖުލައި 24، 2021 ގައި އައްޑޫއިންނެވެ. ހަރުކަށި ފިކުރަށް މީހުން އަނބުރާލައި ސިކުނޑި 'ދޮވެލުމުގައި" އިސްކޮށް ހަރަކާތްތެރިވަނީ އޭނާ އެވެ. އަދި ފުލުހުން ބުނެފައިވާ ގޮތުގައި އޭނާއަކީ ރައީސް ނަޝީދަށް ހަމަލާދީ މަރާލަން ޖެހޭ ކަމަށް، ވިސްނައިދީ އިރުޝާދީ އަދި ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްރެރިވި ފަރާތެވެ.