Advertisement

ހުޅުމާލެ އެފްއެސްއެމް ޕެޓްރޯލް ޝެޑުން 24 ގަޑިއިރު ހިދުމަތް ދޭން ފަށަނީ

އެފްއެސްއެމް: ރޯދަމަހުން ފެށިގެން ހުޅުމާލެ ޝެޑު 24 ގަޑީރުގެ ހިދުމަތަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ހުޅުމާލެ އެފްއެސްއެމް ޕެޓްރޯލް ޝެޑުން 24 ގަޑިއިރު ހިދުމަތް ދޭން ފަށަނީ

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޕެޓްރޯލް އަދި ޑީސެލްގެ ހިދުމަތްދޭ ޝެޑުގެ އިތުރުން އޮޑިދޯނިފަހަރަށް ތެޔޮއަޅާ ޕަމްޕް ސްޓޭޝަންގެ ހިދުމަތް 24 ގަޑިއިރަށް ބަދަލު ކުރަން ނިންމައިފި އެވެ.

އެސްޓީއޯގެ ސަބްސިޑިއާރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެފްއެސްއެމުން ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި ހިންގަމުން އަންނަ ޕެޓްރޯލް ޝެޑުން މިހާރު ހިދުމަތް ދެމުން އަންނަނީ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 11:00 ޖެހުމާއި ހަމައަށެވެ.

އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ގަސަމް "އަދަދު"އަށް ވިދާޅުވި ގޮތުގައި މި ފެށޭ ރަމަޟާން މަހާއެކު ހުޅުމާލޭގެ ޝެޑުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރެވިގެން ދާނެ އެވެ.

"24 ގަޑިއިރޭ ދެންނެވިއަކަސް ރޯދަވީއްލުމަށް ދާ ވަގުތަށާއި [އެދެމެދުގައި ދާ] ނަމާދުތަކަށް ހަވީރު 5:00 - 8:30 އަށް، އަދި ހުކުރު ދުވަސްތަކުގައި ހެނދުނު 10:00 އިން 2:30 އަށް ޝެޑް ބަންދުވާނެ،" ގަސަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 24 ގަޑިއިރުގެ ހިދުމަތަށް ހުޅުމާލެ ޝެޑް ގެނައީ، ބޮޑު އާބާދީއެއް ދެވަނަ ފިޔަވައްސަށް ބަދަލުވުމާ ގުޅިގެން ގިނަ އަދަދެއްގެ ވެހިކަލް މިހާރު ހުޅުމާލޭގައި ބޭނުންކުރަމުން ދާތީ އެވެ. އަދި ކާރޫބާރު ބޮޑުވެ، ރޭގަނޑު ތެޔޮ އެޅުމުގެ ހިދުމަތްދޭ އެއްވެސް ޝެޑެއް މިވަގުތު ހުޅުމާލޭގައި ނެތުމުންނެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ރައްޔިތުންނަށް ވީހާވެސް ފަސޭހަވާނެ ގޮތަށް އަޅުގަނޑުމެންގެ ހިދުމަތްތައް ފުޅާކުރެވޭތޯ،" ގަސަމް ވިދާޅުވި އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އިތުރު ޕެޓްރޯލް ޝެޑެއް ހަދާނެ ބަޔަކު ހޯދަން އިއުލާންކުރުމާ ގުޅިގެން އެ ކުންފުނިން ބޮޑު ހުށަހެޅި ނަމަވެސް ކާމިޔާބުވެފައެއް ނުވެ އެވެ.

އެކަމަކު ގަސަމް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ނަމަވެސް އެފްއެސްއެމްގެ ޕެޓްރޯލްޝެޑެއް އެޅުމަކީ އަމާޒެއް ކަމަށާއި، އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.