Advertisement

ދިހަ ރަށެއްގެ ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާނުކޮށްފި

ސިވިލް ކޯޓަށް އެންމެ ފަހުން ނެނގި ދެ ގާޒީން ހުވާކުރަނިކޮށް: ޖޭއެސްސީއިން ވަނީ 10 ރަށެއްގެ މެޖިސްޓްރޭޓް ކަމަށް ކުރިމަތިލާން ހުޅުވާލާފައި -- ފޮޓޯ: ޖޭއެސްސީ


ދިހަ ރަށެއްގެ ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާނުކޮށްފި

ދިހަ ރަށެއްގައި ގާއިމްކޮށްފައިވާ މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިއުލާނުކޮށްފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރެފައިވާ އިއުލާނުގައި ވަނީ އަށް ރަށެއްގެ ކޯޓަށް އިސް މެޖިސްޓްރޭޓުން ބޭނުވާއިރު ދެ ރަށަކަށް މެޖިސްޓްރޭޓުން ހޯދުމަށެވެ.

އިސް މެޖިސްޓްރޭޓަކަށް އަސާސީ މުސާރައިގެ ގޮތުގައި 21،000ރ. ލިބޭއިރު، އެލެވެންސްތަކާއެކު ޖުމްލަ 25،000ރ. އަށް ވުރެ ގިނައިން ލިބޭނެ އެވެ. މެޖިސްޓްރޭޓަކަށް ގާތްގަނޑަކަށް 19،000ރ. އަސާސީ މުސާރައިގެ ގޮތުގައި ލިބޭއިރު، އިނާޔަތްތަކާއެކު 23،000ރ. އަށްވުރެ ގިނައިން ލިބޭނެ އެވެ.

ޖޭއެސްސީގެ އިއުލާނުގައިވާ ގޮތުން މެޑިކަލް އިންޝޫރެންސްއާއި، ފޯނު އެލެވެންސްވެސް އެބޭފުޅުންނަށް ލިބޭނެ އެވެ.

އިސް މެޖިސްޓްރޭޓުންނަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ

  • ހއ. ދިއްދޫ
  • ހއ. ނޮޅިވަރަމް
  • ށ. ފުނަދޫ
  • ށ. ކޮމަންޑޫ
  • ބ. ދަރަވަންދޫ
  • ތ. ގުރައިދޫ
  • ފ. ފީއަލި
  • ގދ. ފަރެސްމާތޮޑާ

މެޖިސްޓްރޭޓް ކަމަށް ހުޅުވާލާފައި ވަނީ

  • ދ. ކުޑަހުވަދޫ
  • ގދ. ތިނަދޫ

އިއުލާނުގައި ބުނެފައިވަނީ މެޖިސްޓްރޭޓް ކަމަށް ކުރިމަތިލާ އެންމެންވެސް އެންމެ ދަށްވެގެން ގާނޫނީ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވާ ފަރާތަކަށް ވާނެ ޖެހޭނެ ކަމަށެވެ. އަދި ވަކާލާތު ކުރުމުގައި ނުވަތަ ޝަރުއީ ކޯޓެއްގެ ލީގަލް މަގާމެއްގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހޭނެ ކަމަށެވެ.

ޖޭއެސްސީއިން ބުނީ އެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަނޑި ހަމަވާނީ އަންނަ މަހުގެ 20 ވަނަ ދުވަހަށް ކަމަށެވެ. އެ ކޮމިޝަނަކީ ސުޕްރިމް ކޯޓަށް ފިޔަވާ ރާއްޖޭގެ އެހެން ހުރިހާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމާއި ވަކިކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ މުއައްސަސާ އެވެ.