Advertisement

އުރީދޫ މަސް ރޭސް ވަރަށް ފޯރިގަދަ ވާނެ، މިފަަހަރު 23 ޓީމެއް!

އެންމެ ފަހުން ބޭއްވި އުރީދޫ މަސްރޭހުގެ ތެރެއިން: މިފަހަރު ރަޖިސްޓްރީވި ހުރިހާ ޓީމަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ދިން --


އުރީދޫ މަސް ރޭސް ވަރަށް ފޯރިގަދަ ވާނެ، މިފަަހަރު 23 ޓީމެއް!

ކޮންމެ އަހަރެއްގެ ރޯދަ މަހު އުރީދޫއިން ކުރިޔަށްގެންދާ މަސްރޭހުގެ 11 ވަނަ ސީޒަންގައި ބައިވެރިވުމަށް މިފަހަރު 23 ޓީމަކަށް ފުރުސަތު ދީފި އެވެ.

އާންމު އުސޫލެއްގެ ގޮތުން އެކުންފުނިން ކަނޑައަޅާ ޖާގައިގެ އިތުރަށް ޓީމްތަކުން ކުރިމަތިލައިފިނަމަ ބައިވެރިވުމުގެ ފުރުސަތު ދެނީ ގުރުއަތުލުމަށް ފަހު އެވެ. ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިފައިވާތީ މިފަހަރު ރަޖިސްޓްރީވި ހުރިހާ ޓީމަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އެކުންފުނިން ވަނީ ދީފަ އެވެ.

ގްރޫޕްތަކުގެ ގޮތުގައި ބައިވެރިވެ، އެންމެ ގިނައިން މަސް ބާނާ ޓީމަކަށް އެއް ވަނަ ލިބޭ ގޮތަށް ބާއްވާ މަސް ރޭސް ކާމިޔާބު ކުރާ ޓީމަށް މިފަހަރު 50،000ރ.ގެ އިނާމެއް ވަނީ ކަނޑައަޅައިފަ އެވެ. އަދި އެންމެ ގިނައިން މަސް ބޭނި މީހާއަށް އަދި އެންމެ ބަރު މަސް ބޭނި މީހާއަށް 5،000ރ. ލިބޭނެ އެވެ.

"މަސްރޭސް ޑްރޯ ރޭ ބާއްވާފައިވަނީ އުރީދޫ ހެޑް އޮފީހުގައި, ރެޖިސްޓާ ކޮށްފައިވާ ޓީމްތަކުގެ ރެޕްސްގެ ހާޒިރުގައި، ދެ އަހަރުގެ މެދުކެނޑުމަކަށްފަހު، ރައްޔިތުންގެ ޑިމާންޑް ބޮޑުވުމުން، އަޅުގަނޑުމެން ނިންމީ، ރަޖިސްޓްރީކޮށްފައިވާ 23 ޓީމަށް ވެސް މިއަހަރު ވާދަކުރުމުގެ ފުރުސަތު ދިނުމަށް،" ގުރު ނެގުމަށް ރޭ ބޭއްވި ބައްދަލުވުމާ ގުޅިގެން އުރީދޫއިން ބުންޏެވެ.

ރާއްޖޭގައި ނެތެމުންދިޔަ ސަގާފަތެއް ދިރުވުމުގައި ބައިވެރިވެ، ޒުވާން ކުދިންގެ މެދުގައި މަސްވެރި ކަމަށް ޝައުގުވެރިކަން އުފެއްދުމުގެ އަމާޒުގައި އުރީދޫއިން ކުރިއަށް ގެންދާ މަސް ރޭސް ބާއްވާނީ ރޯދަ މަހުގެ ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހެއްގެ ރޭގަނޑެވެ. ނަމަވެސް ރޯދަ މަހުގެ ފަހު 10 ގެ ދުވަސްތަކުގައި މުބާރާތް ނޯންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫ މަސްރޭހުގެ 10 ވަނަ ސީޒަންގައި ވީކިހިނެއް؟

ސަރުކާރުގެ މުއައްސަސާތަކުންނާއި، ރާއްޖޭގެ ބޮޑެތި ކުންފުނިތަކުންނާއި އަމިއްލަ ފަރާތްތައް ހިމެނޭ، ޖުމްލަ 16 ޓީމެއް 2019 ވަނަ އަހަރު ބޭއްވި އުރީދޫ މަސްރޭހުގެ ދިހަ ވަނަ ސީޒަންގައި ބައިވެރިވި އެވެ.

އެއަހަރުގެ މުބާރާތް 539.65 ޕޮއިންޓާއި އެކު ކާމިޔާބުކުރީ ޓީމް ބޮއި ބައި މިލައިދޫ އިންނެވެ. އެޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައި ވެއެވެ. ނަމަވެސް އެ ފައިސާ ޗެމްޕަން ޓީމުން ހަދިޔާ ކުރީ ކުޑަކުދިން ހިޔާއަށެވެ.

ދެވަނައަށް ދިޔައީ 205.85 ޕޮއިންޓާއި އެކު ސްޓެލްކޯގެ ފިރިހެން ޓީމް އެވެ. އަދި 95.25 ޕޮއިންޓާއި އެކު ތިންވަނަ ހޯދީ ސްޓެލްކޯގެ އަންހެން ޓީމެވެ.

އެ ސީޒަންގައި އެންމެ ބަރުމަސް ބޭނި ކެޔޮޅަކަށް ހޮވިފައިވަނީ 7.2 ކިލޯގެ މަހެއް ބާނައިގެން ޓީމް ވެލައްސަރުގެ އަމީން އެވެ. މުބާރާތުގެ ފިރިހެން މަސްވެރިޔަކަަށް ދިވެހި ސިފައިންގެ ކުލަބުގެ ޝިޔާޒް ހޮވިފައިވާއިރު މުބާރާތުގެ އަންހެން މަސްވެރިޔަކަށް ސްޓެލްކޯ ވިމެންސް ޓީމްގެ އަމީނާ ވަނީ ހޮވިފަ އެވެ. މިއިން ކޮންމެ ބައިވެރިޔަކަށް އިނާމެއްގެ ގޮތުގައި 5،000 ރުފިޔާ ދީފައި ވެއެވެ.