Advertisement

ނަޝީދަށް ދިން ހަމަލާ: ތިން މީހަކަށް ކުރާ ދައުވާތައް ކުރިއަށް ގެންދިއުމަށް ނިންމައިފި

ތަސްލީމުގެ ފޮޓޯއެއް: އޭނާއަކީ ބޮމެއް ގޮއްވާލަން އުޅުނު މައްސަލައެއްގައި 2017 ގައި ވެސް ހައްޔަރު ކުރި މީހެއް -- ފޮޓޯ: އަދަދު ފައިލް


ނަޝީދަށް ދިން ހަމަލާ: ތިން މީހަކަށް ކުރާ ދައުވާތައް ކުރިއަށް ގެންދިއުމަށް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބާރުގަދަ ބޮމެއް ގޮއްވާލި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހެއްގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގަ ބޮމެއް ހަރުކޮށްގެން ދިން ހަމަލާގެ މައްސަލައިގައި މިއަދު ކުރިއަށް ގެންދިޔައީ ތަހުމީން އަހުމަދާއި މުޖާޒް އަހުމަދާއި އަލީ ހައިޝަމް އާއި މުހައްމަދު ނާޒިމް އާއި އިސްހާގާއި ފަހުމީ އަލީގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުމެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނަވާ ގާޒީ އާދަމް މުހައްމަދުގެ އިތުރުން އެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ގާޒީ ސޮފްވަތު ހަބީބާއި ގާޒީ މުހައްމަދު މިސްބާހެވެ.

ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާތަކަށް ރިއާޔަތް ކުރެއްވުމަށްފަހު، އެ ތިން ގާޒީންގެ އިންތިފާގުން ނިންމެވީ އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ފަހުމީއަށް ތުހުމަތު ކުރެވެނީ ގޮއްވާލި ސައިކަލުގައި ބޮން ހަރުކުރި ވަގުތު ފާރައަށް ހުރި ކަމަށެވެ. ނާޒިމަށް ތުހުމަތު ކުރެވެނީ ބޮން ގޮއްވި އަދުހަމް އަހުމަދަށް ބޮން ގޮއްވަން ބޭނުން ކުރި ރިމޯޓު ދިން ކަމަށެވެ. އަދި އިސްހާގަށް ތުހުމަތު ކުރެވެނީ އެކި ފަހަރުމަތިން ނަޝީދަށް ފާރަލި ކަމަށެވެ. މުޖާޒްގެ މައްޗަށް ދައުވާ ކުރަނީ އައިއީޑީ ގޮއްވާލުމަށްފަހު އަދުހަމް ފިލުވަން މަސައްކަތް ކުރިކަމަށް ތުހުމަތުކޮށެވެ. އަދި ތަހުމީނުގެ މައްޗަށް ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިން ކަމެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި އިސްހާގާއި ތަސްލީމަކީ އެ ހަމަލާގައި އެންމެ އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތުވާ ދެ މީހުންނެވެ.

އެ ތުހުމަތުތަކާއި ގުޅިގެން އުފުލި ދައުވާތަކަށް އެ އެންމެންވެސް އިންކާރު ކުރެ އެވެ. ނަމަވެސް ދައުލަތުން މި މައްސަލަ ސާބިތު ކުރުމަށް ގިނަ ހެކުތަކެއް ހުށަހެޅުމުގެ އިތުރުން، ގާތްގަނޑަކަށް 100 ސޮފްހާގެ މައްޗަށް އެކުލެވޭ ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް ވެސް އެދިފައިވެ އެވެ.

އިބްތިދާއީ މަރުހަލާ ނިންމާލުމަށްފަހު، ޝަރީއަތުގެ މަރުހަލާ ފަށުމަށްޓަކައި ގާޒީ ވަނީ ދިފާއީ ހެކި ހުށަހެޅުމަށް 15 ދުވަހުގެ ފުރުސަތެއް ދައުވާ ލިބޭ މީހުންނަށް ދީފަ އެވެ. ނަމަވެސް ޝަރީއަތުގެ މަރުހަލާގެ ފުރަތަމަ އަޑުއެހުން ބާއްވާނެ ތާރީހެއް ވިދާޅުނުވެ އެވެ.

ޓެރެރިޒަމްގެ ދައުވާ އުފުލާފައިވާ އެ އެންމެންވެސް ވަނީ ހާއްސަ ގާނޫނުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.

މިދިޔަ އަހަރުގެ މެއި ހަވަނަ ދުވަހުގެ ރޭ އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ ހުރެ ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލި މައްސަލާގައި ނުވަ މީހަކަށް ދައުވާ އުފުލާފައި ވާއިރު މިހާތަނަށް ހުކުމަކާ ހަމައަށް ވާސިލްވެފައި ވަނީ އެންމެ މީހަކަށް ކުރި ދައުވާތަކުގަ އެވެ. އެއީ, ރިމޯޓް ބޭނުން ކޮށްގެން ބޮން ގޮއްވާލި އަދުހަމްގެ މައްޗަށެވެ. އޭނާގެ މައްސަލަ އަވަސް ނިޔާއެއްގެ ގޮތުގައި ގެންގޮސް, ހުކުމް އަވަހަށް އިއްވީ ކުށަށް އިއުތިރާފުވުމުންނެވެ.

ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާކުރި މީހުންގެ ޝަރީއަތްތައް އަވަސްކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވާނެ ކަމަށާއި، އެ މައްސަލައިގެ އަޑުއެހުންތައް ލަސްވުމަކީ ކަންބޮޑުވުމެއް ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް ވިދާޅުވެފައިވެ އެވެ.

އެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދައުވާ ނުކުރަން ނިންމީ އަހުމަދު ފާތިހުގެ މައްޗަށެވެ. އެއީ އޭނާގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ނެތުމުން ކަމަށް އެ އޮފީހުން ބުނެ އެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް ރަސްމީ އިދާރާތަކުން ބުނާއިރު، މި ބޮން ހަދާފައި ވަނީ ބާޒާރުން އާންމުކޮށް ލިބެން ހުރި ބާވަތްތައް ބޭނުންކޮށްގެންނެވެ. އޭގެއިން ދޭ ގެއްލުން ބޮޑުކުރަން އަޅާފައި ހުރީ ރޭޒާ ފުއްތަކެކެވެ.