Advertisement

ރޯދަ އަށް ތޮއްޑޫ ތައްޔާރު، މި ފަހަރު ބޮޑުކަޅާއި ބައިކަޅު

29 މާރިޗު 2022 - 08:24 0

އއ. ތޮއްޑޫ

އަހުމަދު ސައީދު

އަހުމަދު ސައީދު

ރޯދަ އަށް އިބްރާހިމް މަނިކު ހެއްދި ކަރާ ދަނޑުން، ބައި ކަޅު ކަރައެއް ދައްކާލަނީ-- އަދަދު ފޮޓޯ/ އަހުމަދު ސައީދު


ރޯދަ އަށް ތޮއްޑޫ ތައްޔާރު، މި ފަހަރު ބޮޑުކަޅާއި ބައިކަޅު

29 މާރިޗު 2022 - 08:24 0

އއ. ތޮއްޑޫ

ރޯދަ މަހާ ދިމާކޮށް ކަރާ ހެއްދުމަކީ، ހަރުދަނާ އުސޫލުތަކެއްގެ މަތިން, ޒަނާނުއްސުރެ އއ. ތޮއްޑޫގެ ސަގާފަތުގެ ތެރެގައި ހިމެނިގެން ކޮންމެ އަހަރަކު ވެސް ހިނގާ އެންމެ ބޮޑު ކަންތަކެވެ. ރަޖަބް މަހުގެ އެއްވަނަ ދުވަހަށް ތޮއްޑޫ ތައްޔާރުވެފައި އޮތީ ރޯދަ އަށް ކަރާ އިންދުމަށެވެ. ދެ މަސް ދުވަހުގެ ބުރަ މަސައްކަތަށް ފަހު، އިސް ރޯދަ ދުވަހު (ފުރަތަމަ ރޯދަ ދުވަހު) ތޮއްޑޫގެ ދަނޑުތަކުން ކަރާ ކަޑައިގެން މާލެ އަށް ވިއްކަން ގެންނާނެ އެވެ.

ކޮންމެ ރައްޔިތަކަށް ކަރާ ދަނޑެއް

ތޮއްޑޫއަކީ 154 ހެކްޓަރުގެ ބިން ބޮޑު ރަށެކެވެ. އޭގެ ތެރެއިން 23 ހެކްޓަރުގެ ބިން ބޭނުން ކުރަނީ ހަމައެކަނި ރޯދަ މަހަށް ކަރާ ހެއްދުމަށެވެ. ދެހާހަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ތޮއްޑޫ އިން ކަރާ ހެއްދުމަށް މި އަހަރު 2,074 ދަނޑު ދޫކޮށްފައިވެ އެވެ. ކަރާ ދަނޑު ދޫކުރާ ދުވަހާ ހަމައަށް ރަށުގެ ރަޖިސްޓްރީގައި ހިމެނޭ ކޮންމެ މީހަކަށް ވެސް ދަނޑެއް ލިބެ އެވެ.

އެހެން އަހަރާ ތަފާތުކޮށް ކަރާ ހެއްދުމަށް ހާއްސަ ބިން މި އަހަރު ދޫކޮށްފައިވަނީ ތިން މަސް ދުވަހުގެ ބަދަލުގައި ހަ މަސް ދުވަހުގެ މުއްދަތަށެވެ. އެހެން ކަމުން، ރޯދަ މަހުގެ ފޯވަހި ދިއުމުން ވެސް އެ ބިމުގައި އިތުރު ތިން މަސް ދުވަހަށް ދަނޑުވެރިކަން ކުރާނެ އެވެ.

ތޮއްޑޫގައި ކަރާ ހައްދަން ދޫކޮށްފައިވާ ބިމުގެ ބައެއް: 2،074 ދަނޑު ކަރާ ހެއްދުމަށް ދޫކޮށްފައިވޭ-- ފޮޓޯ ތޮއްޑޫ ކައުންސިލް


"އެ ދުވަހާ ހަމަށް އުފަންވެ، ރަޖިސްޓްރީގަ ހިމެނޭ ކޮންމެ މީހަކަށް ވެސް ދަނޑު ދޫކުރާނެ، މިފަހަރު ދަނޑު ދޫކުރުމަށް ހުޅުވާލުމުން ކުރިމަތިލި 2,074 މީހުންނަށް ވަނީ ކޮންމެ މީހަކަށް 1،000 އަކަފޫޓުގެ ބިމެއް ދޫކޮށްފައި،" ތޮއްޑޫ ކައުންސިލްގެ އެގްޒެކެޓިވް އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

ކަރާ ދަނޑުތަކުގެ ބައެއް ތަފްސީލް

  • 1،000 އަކަފޫޓުގެ 2،074 ބިން
  • ޖުމްލަ 19.3 ހެކްޓަރުގެ ބިމުގައި ވަނީ ކަރާ ހައްދަފައި
  • މި އަހަރު 400-600 ޓަނުގެ ކަރާ ރޯދަ މަހު ބާޒާރަށް ނެރެވޭނެ ކަމަށް ލާފާކުރޭ
  • މި އަހަރުގެ ހައްދަނީ ދެ މުޑުވަކެެއްގެ ކަރާ (ބޮޑުކަޅު އަދި ބައިކަޅު)
  • ބޮޑުކަޅު ކަރައެއްގެ ބަރުދަނުގައި 8-10 ކިލޯ ހުރޭ
  • ބައިކަޅު ކަރައެއްގެ ބަރުދަނުގައި 3-5 ކިލޯ ހުރޭ
  • ކަރާ ކިލޯ އެއް 15-20 ރ. އަށް ވިއްކޭނެ ކަމަށް އަންދާޒާ ކުރޭ
  • 1.2- 1.8 މިލިއަން ރުފިޔާގެ އާމްދަނީ އެއް ކަރާ ހައްދައިގެން ރޯދަ މަހު ތޮއްޑޫ އަށް ލިބޭނެ
  • ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ތޮއްޑޫ ކަރާ ބާޒާރުން ލިބޭނެ
  • ސަޕްލައި ތިން ދޯނިން ވަކި ޝެޑިއުލެއްގައި މާލެ އަށް ކަރާ ވިއްކަން ގެންނާނެ

ކޮންމެ އަހަރަކު ވެސް ކަރާ ހައްދާ މޫސުން އަންނަންވާއިރަށް ވިނަ ނޮޅައި ދަނޑުބިން ސާފުކޮށް، ކުރީ އަހަރު ފެން ނަގަން ބޭނުން ކުރި ވަޅު ތަކުގައި ޕަންޕު ހަރުކޮށް ކަރާ ހެއްދުމަށް ތައްޔާރުވެ އެވެ. ގިނަ މީހުން ދަނޑަށް ފެން ދެނީ ދަނޑުގެ އެކި ހިސާބުތަކުގައި ފެން ސްޕްރޭ ކުރާ މާގަނޑުތައް ހަރުކޮށްގެންނެވެ.

"މި ފަހަރު އެންމެ ބޮޑަށް ދިމާވި މައްސަލައަކީ ހޫނު ގަދަވުން، ކަރާ ވެޔޮ ދުވަން ޖެހޭ ސްޕީޑުގައި ނުހެދުނީ ހޫނު ގަދަކަމުން،" ކުރިން ކަތީބުކަން ވެސް ކުރައްވާފައިވާ ވަހީދު ވިދާޅުވި އެވެ.

ތޮއްޑޫ ގިނަ ދަނޑުވެރިން ބުނާ ގޮތުގައި އެންމެ ރަނގަޅަށް ކަރާ ހަރުވާނީ ރޯދަ މަހުގެ ފުރަތަމަ ހަފުތާ ނިމޭހާ ތަނުގަ އެވެ. އެކަމަކު، ފުރަތަމަ ދުވަހަށް ވެސް ކެނޑޭ ވަރަށް ބައެއް ދަނޑުތަކުން ކަރާ ލިބޭނެ ކަމަށް ދަނޑުވެރިން ބުނެ އެވެ.

މި އަހަރު ރޯދަ އަށް ގިނަ މީހުން ހައްދަނީ، އެމީހުން ނަންދީފައިވާ ގޮތުން ބޮޑުކަޅާއި ބައިކަޅު ކަރަ އެވެ. އެ ދެ މުޑުވަކަކީ ވެސް ބަލި ޖެހުން މަދު ހައްދަން ފަސޭހަ ރަހަ ވެސް މީރު ކަރައެއްކަން ދަނޑުވެެރިން ފާހަގަ ކުރެ އެވެ.

"ކުރިން ހެއްދި މެލޭޝިޔާ ކަރާ ވެސް އެހެން ވައްތަރުގެ ކަރާ ވެސް، މެލޭޝިޔާ ކަރާ ކަމުނުދަނީ މާ ބޮޑުވާތީ، މާރުކޭޓުގައި ވިއްކަން ޖެހެނީ ފަޅައިގެން. އަލަނާސި ކަރާ ވެސް މީހުން އެބަ ހައްދާ،" ދަނޑުވެރިއެއް ކަމަށްވާ އިބްރާހިމް މަނިކު ބުންނެވެ.

ތޮއްޑޫގައި ދަނޑުވެރިކަމުގައި އުޅޭ ދެ ބިދޭސީން: ކަރާ ހެއްދުމުގެ މަސައްކަތުގައި ގިނައިން އުޅެނީ ބިދޭސީން -- އަދަދު ފޮޓޯ/ އަހުމަދު ސައީދު


ކަރާ ހެއްދުމުގައި އަންހެނުންގެ ދައުރު ކުޑަވެ، ސަގާފަތް ބަދަލުވެފައި

މީގެ ދިހަވަރަކަށް އަހަރު ކުރިއަށް ޖެހިލާއިރު، އަސުރު ވަގުތުތައް ފަހު، އާދަކާދައާ އެއްގޮތަށް ތޮއްޑޫގެ މުޅި އާބާދީ ކަރާ ދަނޑަށް ޖަމާވެ އެވެ. ގޭގައި ތިބޭ އަންހެން ވެރިންނާ ވަޒީފާ ތަކުގައި އުޅޭ މީހުން ވެސް ދަރިން ގޮވައިގެން އައިސް ހަވީރު ވަގުތު ހޭދަ ކުރާނީ ކަރާ ދަނޑުގަ އެވެ. އެ ހިތްގައިމު މަންޒަރެއް ތޮއްޑޫ ދަނޑުތަކަކުން މިހާރު ނުފެނެ އެވެ.

ބިދޭސީންނާއި ތަންކޮޅެއް ދޮށީ އުމުރުގެ ފިރިހެނުން ކުރާ ކަމަކަށް ކަރާ ހެއްދުން ވަނީ ބަދަލުވެފަ އެވެ. ވަރަށް މަދުން ނޫނީ ދަނޑަކުން އަންހެނަކު ނުފެނެ އެވެ.

"ކޮންމެ ގެއަކު ވެސް ގެންގުޅޭނެ ބިދޭސީއެއް، ބިދޭސީން މިހާރު ދަނޑުގައި މަސައްކަތް ކުރާަނީ، އަންހެންވެރިން ވަރަށް ދަނޑަށް ނާންނާނެ،" ތޮއްޑޫ ދަނޑުވެރިއަކު ބުންނެވެ.

ވަހީދު ފާހަގަ ކުރެއްވި ގޮތުގައި ޒަމާނާ އެކު އައިސްފައިވާ އެންމެ ބޮޑު ބަދަލަކީ ބިދޭސީން ލައްވާ ކުރުވާ ކަމަކަށް، މޫސުމީ ކަރާ ހެއްދުމާއި ދަނޑުވެރިކަން ބަދަލުވެގެން ދިއުމެވެ.

"ގޭތެރޭގައި ކުރަން ހުންނަ ކަންކަން ގިނަ ވީމަ އަންހެނުންނަށް ދަނޑަށް ނުދެވެނީ، މިރަށުގަ ކޮންމެ މީހަކު ވެސް ގެންގުޅޭނެ ބިދެސީ އެއް، ދަނޑު ހެއްދިއަސް އެހެން ކަމެއް ކުރިއަަސް ކުރާނީ ބިދޭސީން،" ތޮއްޑޫގެ އިސް ރަށްވެއްސެއް ކަމަށްވާ ލާތީފާ މޫސާ ބުންޏެވެ.

ތޮއްޑޫގައި ހަތް ސަތޭކަ އާ ގާތް ކުރާ އަދަދަކަށް ބިދޭސީން އުޅެ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ، އަމިއްލަ އަށް މަސައްކަތް ހޯދައިގެން ދިރިއުޅޭ އަންޑޮކިއުމެންޓެޑް ވޯކާސް އެވެ.

ތޮއްޑޫ ކަރާ ދަނޑަކަށް މީހަކު ބޭސް ޖަގަނީ: ބޭސް ޖަހަނީ ބަލިތަކުން ސަލާމަތްވުމަށް -- އަދަދު ފޮޓޯ އަހުމަދު ސައީދު


ކަރަލުގެ ރައްކާތެރިކަން ކަށަވަރެއް ނުކުރެވޭނެ!

ތޮއްޑޫގައި އަދި ރާއްޖޭގެ އެހެން ވެސް ރަށް ތަކުގައި ހައްދާ ދަނޑުވެެރިކަމުގެ ބާވަތްތަކުގެ ރައްކާތެރިކަން ޔަގީން ކުރެވޭނެ ގޮތެއް ނެތެވެ.

"ބޭސް ޖެހުމުގެ ވާހަކަ ރަނގަޅު ވާނީ ނުދެއްކިއްޔާ، މަނާ ބޭސް އެހެން ނަންނަމުގަ ރާއްޖެ އަށް އެތެރެކުރޭ، މިންގަނޑަަށް އަޅައިގެން ބަލި ރަނގަޅު ނުވަންޔާ އެމީހަކަށް ފެންނަ ވަރަކަށް އަޅައިގެން ބޭސް ޖަހާ، އެކަންކަން ބެލޭނެ ހައްލު ކުރެވޭނެ ގޮތެއް ނެތް،" ތޮއްޑޫގެ ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނުރައްކާތެރި ބޭސް ބޭނުން ކުރުން، ދަނޑުވެރިން ހުއްޓާލާނީ ކެމިކަލް ބޭނުންނުކޮށް ހައްދާ ތަރުކާރީ އާއި މެވާ ދަނެގަނެވި، އެއަށް ވަކިން އަނގު ކަނޑައެޅި، ރަނގަޅު އަގެއް ލިބޭ ގޮތަށް ހަމަޖެހިގެންނެވެ.

ދޮން ކަރައެއްތޯ ބަލާނީ ކިހިނެތް؟

ތޮއްޑޫގެ ތަޖުރިބާކާރު ކަރާ ދަނޑުވެރިން ބުނާ ގޮތުގައި ދެ ގޮތަކަށް ބަލައިގެން ކަރާ ދޮންވެފައިވާކަން ޔަގީން ކުރެވޭނެ އެވެ.

  • ފުއްޓަތްކެތް ޖެހީމަ 'ލޯ' އަޑު ކިޔާނީ ކަރާ ދޮންވީމަ، ދޮން ނުވާ ކަރަލުން ކިޔާނީ 'ޕަސް' އަޑު
  • ކަރާގެ ދަށް ފަރާތައް (ބިމުގައި ޖެހިފައި އޮންނަ ފަރާތް) ރީނދޫ ކުލަ އަރާފައި ހުންނާނީ ދޮން ކަރަލުގައި

މި އަހަރުގެ ރޯދަ މަސް ވެގެންދާނީ ތޮއްޑޫ ބޮޑުކަޅާއި ބައިކަޅުގެ ރޯދަ މަހަކަށެވެ. އެއް ދުވަހު ހަވީރު ކަނޑާ ތަޒާ ކަރާ ޖެހިގެން އަންނަ ދުވަހު މާލޭގެ މާރުކޭޓުން ލިބޭނެ އެވެ.