Advertisement

ޖިންސީ ފުރައްސާރައަކީ އާދައިގެ ކަމަކަށް ހެދުމުން ގާޒީ ސަމީރަށް ފިޔަވަޅު އަޅައިފި

27 މާރިޗު 2022 - 16:31 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ގާޒީ މުހައްމަދު ސަމީރު؛ ގާޒީ ސަމީރު ވަނީ މިދިޔަ އަހަރު އަމިއްލައަށް އެދިވަޑައިގެން ޑްރަގް ކޯޓަށް ބަދަލުކޮށްފަ --- ފޮޓޯ: ޖޭއެސްސީ


ޖިންސީ ފުރައްސާރައަކީ އާދައިގެ ކަމަކަށް ހެދުމުން ގާޒީ ސަމީރަށް ފިޔަވަޅު އަޅައިފި

27 މާރިޗު 2022 - 16:31 0

ޖިންސީ ފުރައްސާރައިގެ މައްސަލައެއް އެއީ ވަރަށް އާދައިގެ މައްސަލައެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައިވާތީ ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަދި މިހާރު ޑްރަގު ކޯޓުގެ ގާޒީ މުހައްމަދު ސަމީރުއަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފިޔަވަޅު އަޅައިފި އެވެ.

ގާޒީ ސަމީރާއި ދެކޮޅަށް ހުށަހެޅިފައިވާ މައްސަލައަކީ އޭނާ ކްރިމިނަލް ކޯޓުގައި ގާޒީކަން ކުރެއްވިއިރު ހުށަހެޅުނު ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި ގުޅިގެން، އެ މައްސަލައިގައި ބަންދު މުއްދަތު މަޖިލީހުގައި ދެއްކެވި ވާހަކަތަކެއްގެ މައްސަލައެއް ކަމަށް ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެގޮތަށް ޖިންސީ ފުރައްސާރައިގެ މައްސަލަތައް ސިފަކުރެއްވުމަށް ފަހު އެ މައްސަލާގައި ތުހުމަތުވާ މީހާ ބަންދުގައި ބަހައްޓަން އޭނާ ހުކުމް ކުރި އެވެ.

އެގޮތަށް ނިންމީ އެމީހާ ދޫކޮށްލައިފި ނަމަ ނޫސްތަކުގައި އެކަން ޝާއިއުކޮށް ހަދާފާނެތީ އާއި، އަބަދުވެސް ކޯޓުތައް ގޯސްވެފައި އޮންނާތީވެ ކަމަށް ގާޒީ ސަމީރު ވިދާޅުވި ކަމަށް ޖޭއެސްސީން ބުނެ އެވެ.

އޭނާ އެ މަޖިލީހުގައި ދެއްކެވި ވާހަކަތައް ޖޭއެސްސީގެ ތަހުގީގަށް ވަނީ ސާބިތުވެފަ އެވެ. އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފު އަމަލެކެވެ.

އެ މައްސަލައާ ގުޅިގެން ގާޒީ ސަމީރަށް ނަސޭހަތް ދީ، ޖޭއެސްސީން ކަނޑައަޅާ ތަމްރީނު ފުރިހަމަ ކުރުމަށް އޭނާއަށް ވަނީ އަންގާފަ އެވެ.

ގާޒީ ސަމީރު ކްރިމިނަލް ކޯޓަށް ބަދަލުކުރީ 2019 ވަނަ އަހަރު އެވެ. އޭގެ ކުރިން ހުންނެވީ ފެމިލީ ކޯޓުގަ އެވެ. އަމިއްލައަށް އެދިވަޑައިގެންނެވުމުން ކްރިމިނަލް ކޯޓުގައި ހުންނަވަނިކޮށް ގާޒީ ސަމީރު ޑްރަގު ކޯޓަށް ބަދަލުކުރީ 2021 ވަނަ އަހަރުގެ ޖޫން މަހު އެވެ.

ގާޒީ ސަމީރު ކްރިމިނަލް ކޯޓުން ބަދަލުކުރިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ބެންޗުގައި ގާޒީ ސަމީރު އިންނެވި އެވެ.

އަދި، އޭގެ ފަހުން އެ މައްސަލައާ ގުޅިގެން ލީކުވި އޯޑިއޯތަކެއްގައި ހުކުމް ކުރީ ނުފޫޒުން ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަ ދެއްކެވި ގާޒީންގެ ތެރޭގައި ވެސް ސަމީރު ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް، އެއީ އޮޅުވާލައިގެން ހަަދާފައިވާ އޯޑިއޯތަކެއް ކަމަށް އެ ގާޒީން އަދި ފުލުހުން ވެސް ވަނީ ފަހުން ބުނެފަ އެވެ.