Advertisement

ޔަމަނުގެ ހޫތީންގެ ހަމަލާއެއްގައި ސައުދީގެ ތެޔޮ ފެސިލިޓީއެއްގައި ބޮޑު އަލިފާންގަނޑެއް

26 މާރިޗު 2022 - 06:56 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސައުދީ އަރަބިއްޔާގެ ތެޔޮ ފެސިލިޓީއެއްގައި ރޯވެ އަނދަނީ. -- ފޮޓޯ: އޭޕީ


ޔަމަނުގެ ހޫތީންގެ ހަމަލާއެއްގައި ސައުދީގެ ތެޔޮ ފެސިލިޓީއެއްގައި ބޮޑު އަލިފާންގަނޑެއް

26 މާރިޗު 2022 - 06:56 0

ޖިއްދާ، ސައުދީ އަރަބިއްޔާ (މާޗް 25) - ޖިއްދާގައި ހުންނަ ސައުދީ އަރަމްކޯ ތެޔޮ ފެސިލިޓީއަށް ހުކުރު ދުވަހު ޔަމަނުގެ ހޫތީން ދިން ހަމަލާއެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެ ހަމަލާ ދިނީ ހަފްތާ ބަންދާ ދިމާކޮށް ޖިއްދާގައި ފޯމިއުލާ ވަން މުބާރާތެއް ބާއްވަން ތައްޔާރުވެފައި ވަނިކޮށެވެ. މުބާރާތް އޮންނަ ސަރަހައްދާ ކައިރިން ކަޅު ކުލައިގެ ބޯ ދުން އަރާ މަންޒަރު ފެނުނެވެ.

"ޑްރޯން އާއި ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އަޅުގަނޑުމެން ވާނީ ގިނަ ހަމަލާތަކެއް ދީފައި،" އިރާނުގެ އެހީއާ އެކު ހަރަކާތްތެރިވާ ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ފަހަކަށް އައިސް ސައުދީ އަރަމްކޯ ކުންފުނީގެ ޖިއްދާގައި ހުންނަ ތެޔޮ ފެސިލިޓީއަކަށް ހޫތީންގެ ހަމަލާތައް އަމާޒުވުން ވަނީ އިތުރުވެފަ އެވެ. ބެލެވޭ ގޮތުގައި އަލިފާން ރޯވީ ވެސް އެ ފެސިލިޓީގަ އެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމައިގައި ހޫތީންނާ ދެކޮޅަށް އުޅޭ އަސްކަރީ ކޯލިޝަނުގެ އިސް ގައުމަކީ ސައުދީ އަރަބިއްޔާ އެވެ. އެ ކޯލިޝަނުން 2015 ވަނަ އަހަރު ހަނގުރާމައިގެ ތެރެއަށް ވަނީ ޔަމަން ސަރުކާރުގެ އެދުމަކަށެވެ.

ހުކުރު ދުވަހުގެ ހަމަލާ އަމާޒު ކުރި ނޯތު ޖިއްދާ ބަލްކް ޕްލާންޓަކީ ޖިއްދާގެ އިންޓަނޭޝަނަލް އެއާޕޯޓުގެ އިރުދެކުނުން އޮންނަ ފެސިލިޓީއެކެވެ. އެ އެއާޕޯޓަކީ މައްކާއަށް ދަތުރު ކުރާ ހައްޖުވެރިން ގިނަ އަދަދަކަށް ބޭނުން ކުރާ އެއާޕޯޓެކެވެ.

ސައުދީ އަރަބިއްޔާގައި ބާއްވާ ދެ ވަނަ ގްރޯން ޕްރީ މުބާރާތް ހަމަޖެހިފައި އޮތީ އަންނަ އާދީއްތަ ދުވަހު ޖިއްދާގަ އެވެ. ނަމަވެސް ހޫތީންގެ ހަމަލާތައް އިތުރުވެފައި ވާތީ ޖިއްދާގައި މުބާރާތް ބޭއްވުމާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ސައުދީ ދައުލަތުގެ ޓީވީން ބުނީ ދަހްރަން އަވަށުގެ ފެން ޓޭންކުތަކަށް އަމާޒުކޮށް ދިން ހަމަލާތަކެއްގައި އުޅަނދުތަކާއި ބައެއް ގެތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.