Advertisement

މައު ރޯދަ އަށް ތައްޔާރު، ރެސިޕީ ތައް ވެސް ތައްޔާރު!

22 މާރިޗު 2022 - 09:36 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

މައުރީން: ރޯދަމަހު "އަދަދު" ނޫހުން މައުއާ އެކު ގެނެސްދޭ ކައްކާ ޝޯ "މީރު ބައިޓްސް" ގެ ޝޫޓިންގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝާބިން އިލްހާމް ރަޝީދު / އަދަދު


މައު ރޯދަ އަށް ތައްޔާރު، ރެސިޕީ ތައް ވެސް ތައްޔާރު!

22 މާރިޗު 2022 - 09:36 0

އައިޑޮލްގެ ފުރަތަމަ ސީޒަނުން ވިދައި އެތައް ބައެއްގެ ހިތުން ހާއްސަ ޖާގަ ހޯދި އާމިނަތު މައުރީނާ (މައު) ގެ މާ ދިގު ތައާރަފަކަށް މިހާރު ބޭނުމެއް ނުވާނެ އެވެ. އައިޑޮލްގެ ހަލަބޮލިކަން ނިމި، އެ ސްޓޭޖެއްގެ މަތިން މައު ގެއްލި، މިދިޔަ ހައެއްކަ އަހަރު ސްޕޮޓްލައިޓާ މާ ދުރުގައި، އަމިއްލަ ހުވަފެންތަކުގެ ފަހަތުން، އެކަންކަން ތެދު ކުރުމުގައި މާ ބިޒީކޮށް މައު އުޅުނަސް އަދިވެސް އޭނާ ކުރާ ކަންކަމަށް، ކައްކާ އެއްޗިއްސަށް ޝައުގުވެރިވާ އެތައް ބަޔަކު އުޅެ އެވެ. މައު އަދި ވެސް މަގުބޫލެވެ. އެއީ ހަގީގަތެވެ.

އެކަމަކު މި އާޓިކަލްގައި ދައްކަން މި އުޅެނީ، ސެލޫން އެއް ހިންގަމުން، ކެފޭ އެއްގެ ރަހަ މީރުކުރަމުން، އަމިއްލަ ކެއްކުމުގެ ހުނަރު ފައްކާކުރަމުން އަންނަ މައުގެ މި ހުރިހާ ވާހަކައެއް އެއް ފަރާތްކޮށްފައި، ކުރިއަށް އޮތް ރޯދަމަހާ ގުޅޭ އާ ވާހަކަ އެކެވެ. ނުވަތަ، ވާހަކައެކޭ ބުނުމަށްވުރެ ބޮޑަށް ރަނގަޅު ވާނީ، ރޯދަމަހު އިންސްޓަގްރާމްގައި މައު ގެނެސްދޭ އޮރިޖިނަލް ރެސިޕީތަކަށް އިންތިޒާރުކުރާ އޭނާގެ ވަފާތެރި "ފޮލޯވަރުން"ނަށް ދޭން އުޅޭ އުފާވެރި ހަބަރެކޭ ބުނިއްޔާ އެވެ.

މިއޮތީ އެ ހަބަރެވެ. މި ރޯދަ މަހު މައުގެ ރެސިޕީ ލިބޭނެ އެވެ. އެކަމަކު ތަފާތުކޮށެވެ. މައުގެ އަމިއްލަ ފޯނުން ނަގައި އިންސްޓަގްރާމަށް އަޕްލޯޑްކުރާ ކުރު ވީޑިއޯއެއް ގޮތަކަށް ވެސް ނޫނެވެ. އެއަށްވުރެ ބޮޑުކޮށް، މައުގެ ބަހުން ނަމަ، "މާ ޑީޓެއިލް" ކޮށް "ހައި ޑެފިނިޝަން" އެއްގަ އެވެ. "އަދަދު" ނޫހާ އެކު އެވެ.

"މިދިޔަ އަހަރު މިކޮޅުގަ [މާލޭގައި] ނެތީމަ އެއްވެސް ވަރަކަށް ރެސިޕީ އަޕްލޯޑެއް ނުކުރެވޭ. އެހެންވީމަ ވަރަށް ގިނަ މީހުން އަހާ މައު ކޮބާހެއްޔޭ، މައުގެ ރެސިޕީ އެއް ނުލިބެއޭ ކިޔާފަ ވެސް،" ރޯދަމަހަށް ހާއްސަކޮށްގެން "އަދަދު" ނޫހާ އެކު މައު ފެށި ކޮލަބޮރޭޝަންގެ އެންމެ ފަހުގެ ޝޫޓިންގް ތައް ނިންމާލަމުން މައު ބުންޏެވެ.

"އެހެންވީމަ އަދަދުން މި ލިބުނު ފުރުސަތަކީ ވަރަށް ހިތްހަމަޖެހޭ މަސައްކަތެއް ކުރެވުނު ފަހަރެއް."

ދިރާގު އަދި އެސްޓީއޯ އިން ސްޕޮންސާކޮށްގެން މައު އާ އެކު "އަދަދުން" އުފައްދާ "މީރު ބައިޓްސް" ކައްކާ ޝޯގައި ހިމެނޭނީ ޖުމްލަ 10 އެޕިސޯޑެވެ. އެއީ ފަސް ޕޭސްޓްރީ ރެސިޕީ އާއި ފަސް ޑިޝް ރެސިޕީ އެވެ.

މައު ބުނީ ޝޯވް ގައި ހިމަނާފައިވާ ހުރިހާ ރެސިޕީއެއް ވެސް ތައްޔާރުކޮށްލަން ފަސޭހަވެފައި ރަހަ މީރުވާނެ ކަމަށެވެ. އެންމެ ބޮޑަށް ވިސްނީ، ރޯދަ މަހު ބަދިގޭގެ ކެއްކުން ފަސޭހަ ވާ ގޮތަށް، ގޭތެރެއިން ލިބެން ހުންނަ، ނުވަތަ މާލެއިން ފަސޭހައިން ލިބެން ހުންނަ ބާވަތްތައް ބޭނުންކޮށްގެން ކެއުން ތައްޔާރު ކުރުމަށް ކަމަށް ވެސް ބުންޏެވެ.

"ހިތަށް އެރީ ރޯދަމަހަކީ އެންމެން ވެސް ކޮންމެވެސް މީރު އެއްޗެއް ހަދަން ބޭނުންވާ މަހެއް. އެކަމަކު އެހާ ޓައިމް އެއްވެސް ނުލިބޭ. ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮންމެވެސް އެއްޗެއް ހަދާލަން ބޭނުންވަނީ. އެހެންވީމަ ވަޓް އައި ސްޓާޓެޑް ވޯޒް، ގެއިން ލިބޭނެ، ފަސޭހައިން ތައްޔާރުކޮށްލެވޭނެ އެއްޗެހިން މީރު ގޮތްގޮތަށް، ޓުވިސްޓު ތަކާ އެކު ކެއުމެއް ތައްޔާރުކޮށްލަނީ." މައު ބުންޏެވެ.

އިންސްޓަގްރާމްގައި މައު ޝެއާ ކުރަން ފެށި ރެސިޕީތަކަށް މީހުންގެ ބޮޑު ސަމާލުކަމެއް ލިބި، ކޮންމެ ރޯދަ މަހަކު، މައުގެ މި އެހީތެރިކަމަށް މީހުން އެދޭ އެންމެ ބޮޑު ސަބަބަކީ ވެސް އެއީ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

މައުގެ މި ވާހަކަތައް ގަބޫލުކޮށް، ކެއްކުމުގެ ދާއިރާއިން މައު ހޯދާފައިވާ ތައުލީމާއި، ހޯދަމުން އަންނަ ތަޖުރިބާ އަށް އިތުބާރުކުރަމެވެ. މައުގެ ޝޯ އަށް އިންތިޒާރު ނުކުރަންވީ ސަބަބެއް ނެތެވެ.