Advertisement

ހަތަރު އަހަރު މަންމަގެ އަތްދަނޑިމަތީ، އެކަމަކު ހޮސްޕިޓަލު އެނދާއެކު އާ ދިރިއުޅުމެއް ލިބިއްޖެ

22 މާރިޗު 2022 - 09:05 0

ލ. ގަން

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ހައިރާ އެނދުގައި އޮށޯވެލައިގެން: އަންނަ އޮގަސްޓު މަހު ހިތުގެ އޮޕަރޭޝަނެއް ކުރުމަށް ހައިރާ ދަނީ ތައްޔާރުވަމުން -- ފޮޓޯ: އަދަދު


ހަތަރު އަހަރު މަންމަގެ އަތްދަނޑިމަތީ، އެކަމަކު ހޮސްޕިޓަލު އެނދާއެކު އާ ދިރިއުޅުމެއް ލިބިއްޖެ

22 މާރިޗު 2022 - 09:05 0

ލ. ގަން

"އެކަނި ކޮޓަރީގަ ބާއްވާފަ ގޮސްފިއްޔާ އެއްވެސް ޔަގީން ކަމެއް ނޯވޭ ދެން އަންނަ އިރުވެސް ނުވެއްޓި އެނދުގަ އޮންނާނެ ކަމެއް. އެހެން ހުއްޓާ އެއްދުވަހު ބަދިގެއަށް ގޮސް އައިއިރު ހައިރާ އޮތީ އެނދުން ވެއްޓިފަ ބިންމަތީގަ."

ލ. ގަމު މުކުރިމަގު، "ކަމީރުގެ" އަށް ގޮސް ވެދެވުނުއިރު ސޮފޫރާ ހުރީ އޭނަގެ އަތްދަނޑިމަތީ ހަތަރު އަހަރުގެ ހައިރާ އުރާލައިގެންނެވެ. ކައިރިވެލުމަށްފަހު ހައިރާގެ ކޮލުގައި ކޮށްޓާލުމުން ލަދުރަކި ހިނިތުންވުމަކާ އެކު މަންމަގެ އުނގުތެރެއަށް ބޮނޑިވެލި އެވެ.

ހައިރާ، 4، އަކީ ސޮފޫރާއަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން ލިބުނު އަންހެން ކުއްޖާ އެވެ. ހައިރާ އުފެދުމުގައި މައްސަލަތަކެއް ހުރި ކަމަށް ބަނޑު ތެރޭގައި އޮތް އިރު ވެސް ޑޮކްޓަރުން ބުންޏެވެ. އަށް މަހުގައި އޮޕަރޭޝަންކޮށްގެން ދެބެއިން ނެގީ ވެސް ހައިރާގެ ފުރާނަ ސަލާމަތް ކުރުމަށެވެ.

ހައިރާ އުފަންވުމުން އޭނާއަކީ ސެރެބްރަލް ޕަލްސީ ހުރި ކުއްޖެއްކަން އެނގުނެވެ. އެ ދުވަހުން ފެށިގެން، ހިނގާބިނގާވެ ނުއުޅެވޭ ހައިރާގެ ހުރިހާ ވެސް އެހީއަކީ އޭނާގެ މަންމަ ސޮފޫރާ އެވެ.

"ހައިރާ: ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރަންޖެހިފައި، އިނީ އެންމެ ހަތް ކިލޯ"

ސެރެބްރަލް ޕަލްސީ އަކީ ހަށިގަނޑު ހަރަކާތްކުރުމާއި ހަމަ ހިފެހެއްޓުމާއި ހަށިގަނޑު ސީދަލަށް ބެހެއްޓުމަށް ހުރަސްއަޅާ ބައްޔެކެވެ. ނޫނީ ހަށިގަނޑުގެ ހަރަކާތްކުރުމާއި، ހަމަހިފެހެއްޓުމާއި، ހަށިގަނޑުގެ ބެހެއްޓޭގޮތުގައި ހުންނަ އުނިކަމަކުން ދިމާވާ ބައްޔެކެވެ.

މިއީ އާންމުކޮށް އުފަންވުމުގެ ކުރިން ދިމާވާ ކަމެކެވެ. މިކަން ކުރިމަތިވަނީ ރަނގަޅަށް ސިކުނޑި އުފެދިފައިނެތުމުންނެވެ. ނުވަތަ ސިކުނޑި އުފެދެމުން އަންނައިރު ސިކުނޑިއަށް ލިބޭ ގެއްލުމެއްގެ ސަބަބުންނެވެ. އޭގެ ސަބަބުން ހަށިގަނޑުގެ މަސްތައް ކޮންޓްރޯލްކުރުމުގެ ގާބިލިއްޔަތަށް އަސަރު ކުރެއެވެ.

"[ހައިރާގެ އުމުރުން] ހަ މަހުގެ އިންޑިއާއަށް ދިޔައީ. ދެއްކީމަ ބުނީ ހިތުގަ ވަރަށް ބައިވަރު މައްސަލަ އެބަ ހުއްޓޭ. ސިކުނޑި އާއި މައިބަދައިގެ މައި ނާރުގަ ވެސް ވަރަށް މައްސަލަ އެބަ ހުއްޓޭ ބުނި. އޭރު ބުނި ހައިރާއަށް ހިނގާ ވާހަކަދައްކާ، އަޑެއް ނީވޭނޭ، ލޮލަކަށްވެސް ނުފެންނާނޭ،" ހައިރާއަށް ބޭސް ކުރުމަށް ރާއްޖެއިން ބޭރަށް ފުރަތަމަ ފަހަރު ދިޔުމުން ޑޮކްޓަރު ކިޔައިދިން ވާހަކަ ސޮފޫރާ ސާފުކޮށްދިނެވެ.

ސޮފޫރާ ބުނީ ބަނޑުބޮޑުވެ ފުރަތަމަ މަހު، ލިބެން އުޅެނީ އެއްމާބަނޑު ދެކުދިންކަން އެނގުނު ކަމަށެވެ. އަދި ބަނޑަށް ހަ މަހުން ފެށިގެން އެއް ބޭބީގެ ވިންދު ދަށްވާ ކަމަށް ޑޮކްޓަރު ބުންޏެވެ. އޭގެ އިތުރުން ވަރަށް އަވަހަށް ދެކުދިންވެސް ބޮޑުވާތީ އެއް ކުއްޖަކަށް ބަނޑުގައި ބޮޑުވާން ޖާގަ ނުލިބޭ ކަމަށް ޑޮކްޓަރުން ބުންޏެވެ.

"ހަތް މަސް ވީއިރު ވެސް އެއް ބޭބީގެ ހާޓްބީޓް ވަރަށް ދަށްވެގެން ކޮންމެ ހަފްތާއަކު ޖެހޭ އޭގެ ފަހުން ޑޮކްޓްރަށް ދައްކަން. އަށް މަސް ވީއިރު ޑޮކްޓަރު ބުނެފި އެއް ބޭބީގެ ހާޓްބީޓް ވަރަށް ބޮޑަށް ދަށްވެފައޭ، ނަގަންވީ ނޫންހޭ. އަށް މަހުގަ އޮޕަރޭޝަން ކޮށްފައި ނެގީ. އޭރުވެސް އެއްވެސް އުންމީދެއް ނެތް. ފިރެހެން ބޭބީ ހަމަ ރަނގަޅު އެއްވެސް މައްސަލައެއް ނެތް. އެކަމަކު އަންހެން ބޭބީގެ އުންމީދު ކަނޑާލާފަ އޮތީ،" ސޮފޫރާ ކިޔައިދިނެވެ.

އެއަށްފަހު ކޮންމެ ހަ މަހަކުން ޑޮކްޓަރަށް ދައްކަމުން އައިސް އުމުރުން ދެ އަހަރުގައި ޑޮކްޓަރުން އެންގީ ހައިރާގެ ހިތުގެ އޮޕަރޭޝަން ވަރަށް އަވަހަށް ކުރަންޖެހޭ ކަމަށެވެ. އެހެން ކަމުން އެ ދެމަފިރިން އިންޑިއާގެ ހޮސްޕިޓަލަށް ގޮސް ފުރަތަމަ އެކަމުގައި ހަމަ ޑޮކްޓަރަށް ދައްކާލީ އެވެ.

"ހިތުގަ ވަރަށް ބައިވަރު މައްސަލަތަކެެއް އެބަހުރި. ދެން މައިބަދާގަ މައި ނާރު އިންނަނީ ތިރިއާ މައްޗާ ނުގުޅި. އެހެންވީމަ ހިނގުމުގެ ބައެއް ނުހުރޭ. ފައިގަ ވަރެއް ނުހުރޭ. ކޮޅަކަށްވެސް ނުހުރެވޭ. އެކަމަކު އަމިއްލައަށް ފައި އެކި ގޮތްގޮތަށް ހަރަކާތް ކުރާނެ. އިށީންދެގެން ވެސް ނީންދެވޭނެ. ފައި ގެންގޮސް ބޮލުގަ ވެސް ޖައްސާނެ، ވަރަށް ފްލެކްސިބްލް. ނާރު ނުގުޅި އިންނާތީ މައްޗާ ތިރިއާގެ ހިފެހެއްޓުމެއް ނީންދޭ. ގޮއްސަ އިންނަ އެއްވެސް ނާރެއް ސިކުނޑިއަކާ ނުގުޅޭ،" ހައިރާގެ ހުރި މައްސަލަތައް އޭނާގެ މަންމަ ކިޔައިދިނެވެ.

ކުރިން އިންޑިއާއަށް ދިޔަ އިރުވެސް އޮޕަރޭޝަން ކޮށް ނުދިނީ ޑޮކްޓަރުން ބޭނުންވާ ކިލޯ ހައިރާގެ ހަމަނުވާތީ އެވެ. އެފަހަރު ޑޮކްޓަރުން އެދުނީ ފަސް އަހަރުވުމުން އައުމަށެވެ.

ސޮފޫރާގެ ދެމަފިރިން މިހާރު ތައްޔާރުވަމުންދަނީ އަންނަ އޮގަސްޓުގައި ހައިރާގެ އޮޕަރޭޝަން ކުރަން އިންޑިއާއަށް ދިއުމަށެވެ. ފަސް އަހަރު ވާއިރުވެސް މިހާރު ވެސް ހައިރާގެ ހުރީ ހަތް ކިލޯ އެވެ. އެއީ ހައިރާގެ އޮޕަރޭޝަން ކުރުމަށް އެޅިދާނެ ހުރަހެއް ކަމަށް ޑޮކްޓަރުން ބުނެ އެވެ.

މަންމަ އަތްދަނޑިމަތީ ހަތަރު އަހަރު، އާކްގެ އެހީއެއް!

ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ގެންގުޅުމަކީ ކިހާ ބުރަ އަދި އަގުހުރި ހިދުމަތެއްކަން އެކަމާ ކުރިމަތިލާން ޖެހިފައިވާ މަޔަކަށް ނޫނީ ނޭނގޭނެކަން ޔަގީނެވެ. ކޮންމެ ދުވަހަކު ކުރިމަތިލާން ޖެހެނީ ތަފާތު ކަމަކާ އެވެ. ކުއްޖާގެ މަސައްކަތާއި އާއިލާގެ ކަންކަމެވެ. ކުއްޖާގެ ސިއްހަތެވެ. އާއިލާއަށް ބޭނުންވާ އެހީތެރިކަމެވެ.

"ހައިރާގެ ދެ ބޭބެ ސްކޫލަށްދާނެ ފިރިމީހާ ވަޒީފާއަށް ދާނެ. ދެން ހުންނާނީ ކައިރާއާ އެއްމާބަނޑު ކޮއްކޮ، ދެން ކައިރީގަ ނުހުންނާނެ މީހަކު،" ސޮފޫރާ އޭނާގެ ކޮންމެ ދުވަހެއްގެ ކަންކަން ދާ ގޮތް ކިޔައިދެމުން ދިޔަ އެވެ.

ގޭގައި އެއްވެސް މީހަކު ނޫޅޭ ވަގުތުތަކުގައި ހައިރާ އެކަނި ބާއްވާފައި ދާން ސޮފޫރާ ބިރުގަނެ އެވެ. ވެއްޓި އަނިޔާއެއް ވެދާނެތީ އެވެ. ނަމަވެސް ގޭގައި ކުރަންޖެހޭ މަސައްކަތް ހުންނާތީ އެކަނި ބާއްވާފައި ދާން މަޖުބޫރުވެ އެވެ.

"ކޮންމެ ދުވަހަކު ވެސް ބަދިގެއަށް ދަނީ ގޮވައިގެން ގޮސް އެތާ ޖޯއްޔެއްގަ ބާއްވައިގެން ހުރިހާ ކަމެއް ކުރަނީ. ވަރަށް ހޫނު ވެސް އަރާނެ ބޭރުގަ އޮންނައިރު. އެކަމަކު އިތުރު މީހަކު ނުހުންނާތީ ކައްކާ ކަންތައް ކުރަނީ ހައިރާ އެތާ ބާއްވައިގެން،" ސޮފޫރާ ކިޔައިދިނެވެ.

ބައެއް ދުވަސްތަކުގައި ހައިރާ ނިދުމުން ކޮޓަރީގައި ބޭއްވުމަށްފަހު ބަދިގެއަށްދާ ކަމަށް ސޮފޫރާ ބުންޏެވެ. އިތުރު މީހަކު ނެތް ނަމަވެސް އިތުރު ގޮތެއް ނެތުމުންނެވެ.

"އަބަދުވެސް ހިތައް ދެން އަރާ އަންނަ އިރު ވެއްޓިފަ އޮވެދާނެއޭ. އެހެން ބާއްވާފަ ގޮސް ބަދިގޭގަ އުޅެފަ އައިއިރު ދެ ދުޗަހަކު ވެއްޓިފަ އޮތް، އެފަހުން ވަރަށް ބިރުވެސްގަނޭ،" ސޮފޫރާ ކިޔައިދިނެވެ.

އާކްގެ އެހީލިބުން؛ "ހައިރާ އެކަނި ބޭއްވިޔަސް ނުވެއްޓޭނެކަން ޔަގީން"

"ކައިރީގައި ރެއިލިން ހުންނާތީ ބާލީސް ޖަހާލާފަ ބެހެއްޓީމަ ޔަގީންކަން އޮވޭ ނުވެއްޓޭނެކަން. މިހާރު ދެން ބަދިގެއަށް ދާއިރުވެސް ބާއްވާފަ ދިޔައީމަ އެނގޭ ނުވެއްޓޭނެކަން ދެނެއް. ކައިރާގެ ކޮއްކޮ (ހާބީލް) ވެސް އިންނާނެ ކައިރީގަ އިށީންދެގެން،" ސޮފޫރާ ކިޔައިދިނެވެ.

އާކްގެ އެހީގައި ލިބުނު ހޮސްޕިޓަލު އެނދުގެ ސަބަބުން ސޮފޫރާގެ އާއިލާއަށް އެތައް ގޮތަކުން ލިބުނީ ފައިދާ އެވެ. ފަސޭހަ ވެގެން ދިޔައީ ވެސް ހީނުކުރާފަދަ ގޮތްތަކުންނެވެ. އޭރު ހައިރާ އެކަނި ބޭއްވުމަށްފަހު ދާން ޖެހިލުންވި ނަމަވެސް މިއަދު އެ ބިރުވެރިކަމެއް ނެތެވެ. ލިބިގެންދިޔަ އެ އެހީއަކީ އެކަނި ބާއްވާފައި ގޭތެރޭގެ މަސައްކަތް ކުރުމަށާއި ހައިރާގެ ކޮއްކޮ އާއި ބޭބެއާއެކު އެނދުގައި އޮވެ ކުޅެ ސަކަރާތް ޖަހާލުމަށްވެސް ލިބިގެންދިޔަ އެހީތެރިކަމެއް ކަމަށް އެ އާއިލާއިން ދެކެ އެވެ.

މީގެ އިތުރުން އެ އެހީގެ ސަބަބުން ހައިރާއަށް ކާން ދިނުމަށް ވެސް އެތައް ގޮތަކުން ފަސޭހެވެގެން ދިޔަކަމަށް ސޮފޫރާ ބުންޏެވެ.

"ކާންދޭގަޑީގަ އެނދު އުފުއްލާލައިގެން ކާންދެވޭ މިހާރު. ކުރީގަ ވެއްޖާ ޖެހެނީ އަތްމަތީ ނޫނީ ހަމަ އެކަހަލަ ކޮންމެވެސް ގޮތަކަށް ބާއްވައިގެން ކާންދޭން،" ސޮފޫރާ ބުންޏެވެ.

"އާކް" އިން މި ދެނީ ކޮން އެހީއެއް؟

އެޑްވޮކޭޓިންގް ރައިޓްސް އޮފް ޗިލްޑްރަން (އާކް) އަކީ ރާއްޖޭގައި ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކޮށް، ފުޅާ ދާއިރާއެއްގައި އެ ހައްގުތައް ކަށަވަރުކުރުމަށް މަސައްކަތްކުރާ ޖަމްއިއްޔާއެކެވެ.

މި މަސައްކަތްތަކުގެ ތެރޭގައި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އެކުދިންގެ ގާބިލިއްޔަތުކަން ފާހަގަކޮށް ހުނަރުތައް ތަރައްޤީކުރުމަށް އާކްއިން އެކި ޕްރޮރާމްތައް ހިނގަމުންދެ އެވެ.

މިގޮތުން ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އާކުން ހިންގި ހަރަކާތް ތަކުގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ދާންމަތިވެފައިވާ ކުދިންނާ ހަވާލުކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަންއަށް އާކް އިން ވަނީ 20 ހޮސްޕިޓަލް އެނދު ހަދިޔާކޮށްފަ އެވެ.

އާކުން ބުނިގޮތުގައި އެ ޖަމިއްޔާގެ މިއެހީގެ ސަބަބުން ދާންމަތިވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ދިރިއުޅުމާއި ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތަކެއް އައިސް، އެ ކުދިންގެ އާއިލާއަށް އަދި އެކުދިންނަށް ކިޔަވައިދިނުމަށް ގެއަށް ޒިޔާރަތްކުރާ ޓީޗަރުންނަށް، އެ ކުދިންގެ ތައުލީމުގެ ހައްގު ފޯރުކޮށްދޭން ފަސޭހަވެގެން ދާނެ އެވެ.

2009 ވަނަ އަހަރު އުފެދުނު މި ޖަމިއްޔާއިން ކުޑަކުދިން ހައްގުތައް ކަށަވަރުކުރުމަށް އެކި ދާއިރާތަކުން ހޭލުންތެރިކުރުމުގެ ކެމްޕޭންތައް ހިންގާ، ކުޑަކުދިންނާއި، ބެލެނިވެރިންނާއި، ޓީޗަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ފުޅާދާއިރާއެއްގައި ކުރާ މަސައްކަތްތަކުގެ ތެރެއިން:

  • ހޯޕް ކެމްޕެއިން : ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ބާރުއެޅުމަށް
  • ރެސްޕެކްޓް ކެމްޕޭން: އިޖުތިމާއީ ރަނގަުޅު އާދަތައް ދަސްކޮށްދިނުމަށް
  • ހީލް ކެމްޕޭން: ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ބާރުއެޅުމަށް
  • ގްރޭސް ކެމްޕެއިން: އަންހެން ކުދިން ބާރުވެރިކުރުވުމަށް އަމާޒުކޮށް
  • ސާފް ސްމާޓް ކެމްޕޭން: ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމަށް
  • ސޭފްޓީ ސްޓެޕްސް ކެމްޕޭން: ކުޑަކުދިންގެ ރައްކާތެރިކަމަަށް ބާރުއަޅާ ކެމްޕޭން
  • ޝެލްޓާ ސަޕޯޓް ޕްރޮގްރާމް: ހިޔާތަކުގައި ތިބޭ ކުދިންނަށް އެހީތެރިކަންފޯރުކޮށްދިނުމަށް
  • ކެން ޑޫ ނެޓްވޯކް: ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް