Advertisement

އޭސީސީއަށް އެންމެ ގިނަ ހުށަހެޅީ ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތައް

16 މާރިޗު 2022 - 12:35 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ދައުލަތުގެ އިދާރާއެއްގެ މުވައްޒަފުންނަށް ޕްރޮކިޔުމަންޓާ ގުޅޭ ސެޝަނެއް ނަގައިދެނީ: މިދިޔަ އަހަރު ކޮރަޕްޝަނާ ގުޅޭ އެންމެ ގިނައީ ޕްރޮކިއުމެންޓާއި ވަޒީފާއާ ގުޅޭ މައްސަލަތައް. -ފޮޓޯ: އޭސީސީ


އޭސީސީއަށް އެންމެ ގިނަ ހުށަހެޅީ ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތައް

16 މާރިޗު 2022 - 12:35 0

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިދިޔަ އަހަރު ތެރޭ އެންމެ ގިނައިން ހުށަހަޅާފައިވަނީ ޕްރޮކިއުމެންޓާ ގުޅުން ހުރި މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އޭސީސީން ނެރުނު 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނީ މިދިޔަ އަހަރު އެ ކޮމިޝަނުގައި ޖުމްލަ 782 މައްސަލަ ރެޖިސްޓްރީކުރި ކަމަށެވެ.

އޭގެ ތެރެއިން 244 މައްސަލަ އަކީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަތައްކަމަށް އެ ކޮމިޝަނުން ބުނާއިރު، އެންމެ ގިނަ އަދަދަކަށް މައްސަަލަތައް ރައްދުވެފައިވާ އިދާރާތަކަކީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައްކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.

ރަށު ކައުންސިލްތަކާ ގުޅޭ ޖުމްލަ 197 މައްސަލަ ހުށަހެޅުނުއިރު، އަތޮޅު ކައުންސިލްތަކާ ގުޅޭ 117 މައްސަަލައެއް މިދިޔަ އަހަރު އޭސީސީއަށް ހުށަހެޅިކަމަށް ރިޕޯޓުން ދައްކަ އެވެ.

ދެން އެންމެ ގިނަ އަދަދަކަށް މައްސަލަ ހުށަހަޅާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ދެކޮޅަށެވެ.

އެޑިއުކޭޝަން މިނިސްޓްރީއާ ދެކޮޅަށް 68 މައްސަލަ ހުށަހެޅިއިރު، ސަރުކާރު ކުންފުނިތަކާ ދެކޮޅަށް 64 މައްސަލައެއް ހުށަހަޅާފައި ވެއެވެ.

އޭސީސީއަށް މައްސަލަ ހުށަހެޅުނު އިދާރާތައް.


ހުށަހެޅި މައްސަލަތަކުގެ ތެރެއިން ޕްރޮކިއުމެންޓް މައްސަލަތައް ގިނަކަމަށް ފާހަގަވާއިރު، ވަޒިފާއާ ގުޅޭ 157 މައްސަލަ، ދައުލަތުގެ ފައިސާއާއި ތަކެތި ބޭނުންކުރުމާ ގުޅުން ހުރި 71 މައްސަލަ ވެސް އޭސީސީއަށް މިދިޔަ އަހަރު ހުށަހެޅިކަމަށް ކޮމިޝަނުގެ ރިޕޯޓުން ދައްކަ އެވެ.

ހަމަ އެއާއެކު ކުއްޔަށް ދޫކުރާ ތަންތަނާއި ބިން ބިމާއި އަދި ގޯތި ގެދޮރާއި ގުޅުން ހުރި ޖުމްލަ 131 މައްސަލަ ވެސް އޭސީސީއަށް ހުށަހަޅާފައި ވެއެވެ.

މިދިޔަ އަހަރު އޭސީސީގަ ރެޖިސްޓްރީ ކުރި މައްސަލަތަކުގެ ތަފްސީލު.


މައްސަލަތައް ރައްދުވާ ދާއިރާތަކަށް ބަލާލާއިރު، މާލެ ސިޓީއަށް ނިސްބަތްވާ 372 މައްސަލަ މިދިޔަ އަހަރު ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ލ. އަތޮޅަށް ނިސްބަތްވާ 47 މައްސަލަ ވެސް ރިޕޯޓުކޮށްފައިވާއިރު، ހުވަދު އަތޮޅަށް ނިސްބަތްވާ ޖުމްލަ 89 މައްސަލަ މިދިޔަ އަހަރު ވަނީ ރިޕޯޓުކޮށްފަ އެވެ.

އޭސީސީއަށް މައްސަލަ ހުށަހެޅުނު އިދާރާތަކުގެ ތަފްސީލު.


އޭސީސީން ބުނީ އެ ކޮމިޝަނަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން 244 މައްސަލައެއް ހުށަހަޅާފައިވަނީ ކާކުކަން ނޭނގޭ ގޮތަށް ކަމަށެވެ.

އީމެއިލް މެދުވެރިކޮށް 255 މައްސަލަ ހުށަހެޅިއިރު، ކޮމިޝަނުގެ ވެބްސައިޓް މެދުވެރިކޮށް 192 މައްސަލަ މިދިޔަ އަހަރު އޭސީސީއަށް ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ސިޓީ މެދުވެރިކޮށް 141 މައްސަލަ ހުށަހެޅިއިރު ސަރުކާރުގެ ޒީރޯ ޓޮލަރެންސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅީ 80 މައްސަލަ އެވެ. ކޮމިޝަނުން އިސް ނަގައިގެން ބަލަން ނިންމީ 24 މައްސަލަ އެވެ.

ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އޭސީސީން މިދިޔަ އަހަރު ވަނީ 757 މައްސަލައެއް އިވެލުއޭޓްކޮށް ނިންމައިފަ އެވެ. އޭގެ ތެރެއިން ތަހުގީގުކުރަން ނިންމީ 221 މައްސަލަ އެވެ. ކޮމިޝަނުގެ އިހްތިސޯސްގެ ތެރޭގައި ނުހިމެނޭތީ 77 މައްސަލައެއް ނުބަލަން ނިންމިއިރު، ތަހުގީގުކުރެވޭވަރުގެ ތުހުމަތަށް ނުވާތީ އަދި މައުލޫމާތު ސާފުކުރެވެން ނެތުން ފަދަ ސަބަބުތަކާހުރެ 362 މައްސަލައެއް އޭސީސީން ވަނީ އިވެލުއޭޝަން މަރުހަލާގެ ތެރެއިން ނިންމައިފަ އެވެ.

މިދިޔަ އަހަރު އެ ކޮމިޝަނުން 588 މައްސަލައަކާ ދޭތެރޭ ގޮތް ނިންމިއިރު އޭގެ ތެރޭގައި 439 މައްސަލައެއް އިތުރަށް ތަހުގީގުނުކުރުމަށް އޭސީސީން ނިންމާފައިވާކަން ފާހަގަކުރެވެ އެވެ.

ނަމަވެސް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވީ 21 މައްސަލައެކެވެ. އަދި ކޮރަޕްޝަނެއް ނެތް ކަމަށް 75 މައްސަލައެއްގައި އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

އޭސީސީން މިދިޔަ އަހަރު މައްސަލަތައް ނިންމި ގޮތް.


އެ ކޮމިޝަނުން މިދިޔަ އަހަރު ނިންމި މައްސަލަތަކުގެ ތެރެއިން އެންމެ އެންމެ ދިގު މުއްދަތެއް ހޭދަކޮށްފައިވަނީ ކުއްޔަށް ދޫކުރާ ބިންބިމާއި ރަށްތަކުގެ މައްސަލަތަކުގަ އެވެ. އެފަދަ މައްސަލަތައް ނިންމަން 760 ދުވަސް ހޭދަވިއިރު، ގޯތިގެދޮރުގެ މައްސަލަތަކަށް 522 ދުވަސް އެ ކޮމިޝަނުން ހޭދަކޮށްފައި ވެއެވެ.

ޕްރޮކިއުމެންޓްގެ މައްސަލަތައް ނިންމަން 469 ދުވަސް ހޭދަކޮށްފައިވާކަމަށް އެ ކޮމިޝަނުގެ އަހަރީ ރިޕޯޓުން ދައްކަ އެވެ.