Advertisement

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހުރިހާ ހިދުމަތެއް އެއްތާކުން ލިބޭ ސެންޓަރެއް ހުޅުވައިފި

15 މާރިޗު 2022 - 14:43 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުން ހިދުމަތް ހޯދަމުންދާ ކުއްޖަކާ ރައީސް ވާހަކަ ދައްކަވަނީ: މި ސެންޓަރުގައި 67 ކުއްޖަކު މިހާރު ރެޖިސްޓްރީވެ ހިދުމަތް ހޯދަމުންދޭ-- ފޮޓޯ: ރައީސް އޮފީސް


ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހުރިހާ ހިދުމަތެއް އެއްތާކުން ލިބޭ ސެންޓަރެއް ހުޅުވައިފި

15 މާރިޗު 2022 - 14:43 0

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް އެއް ތަނަކުން ލިބޭ ސެންޓަރެއް ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ "ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު" އަކީ ނުކުޅެދުންތެރިކަން ތަހައްމަލުކުރަމުންދާ ކުދިންނާ އެކުދިންގެ އާއިލާތަކަށް ބޭނުންވާ ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމުގެ ގޮތުން ގާއިމުކޮށްފައިވާ ސެންޓަރެކެވެ.

މި ސެންޓަރުގައި ހިދުމަތް ފޯރުކޮށްދެނީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށެވެ. އެގޮތުން ޖިސްމާނީ، ވިސްނުމުގައި އުނިކަމާއި އުނގެނުމުގެ ދަތިކަން ހުންނަ ކުދިން، ސިކުނޑިއާ ނާރުތަކުގެ ބަލިތައް ތަހައްމަލު ކުރަމުންދާ ކުދިންނާއި ވާހަކަދައްކަން ދަތިކަން ހުންނަ ކުދިންނަށް މި ސެންޓަރުގައި ފަރުވާ ފޯރުކޮށްދެ އެވެ.

އެ ސެންޓަރު ރަސްމީކޮށް މިއަދު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. އެ ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއި ނައިބު ފައިސަލް ނަސީމު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.


ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ މި ސެންޓަރުން ލިބޭ ހިދުމަތްތަކަކީ މީގެ ކުރިން، ރާއްޖޭގައި ހޯދަން އުނދަގޫ ހިދުމަތްތަކެއް ކަމަށެވެ.

"މި ސެންޓަރުގެ ހިދުމަތް ރަސްމީގޮތުން ފެށުމާއެކު މި ދާއިރާއިން ހިދުމަތް ހޯދާ ފަރާތްތަކަށް ވަރަށްބޮޑު ލުއިފަސޭތަކެއް ލިބިގެންދާނެ. މީގެ އިތުރު ސެންޓަރުގެ ހިދުމަތް ފުޅާކޮށް، މުސްތަގުބަލުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި މިފަދަ ސެންޓަރުތަކެއް ގާއިމުކުރެވިގެންދާނެ،" ނައިބް ރައިސް ވިދާޅުވި އެވެ.

މީގެ ނައިބް ރައިސްގެ ވާކަހައިގައި ވަނީ ސިއްހީ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ވެސް އަލިއަޅުވާލައްވާފަ އެވެ.

މިފަދަ ސެންޓަރެއް ހުޅުވުމުގެ މަގުސަދަކީ ސެންޓަރުގެ ހިދުމަތް ހޯދާ ކުދިން، ދިރިއުޅޭ މާހައުލުގައި އަދި މުޖުތަމަޢުގައި އެންމެ ފުރިހަމައަށް އަމިއްލައަށް އުޅެވޭނެ ގޮތްތަކަށް މަގުފަހިކޮށްދީ މަސައްކަތްކޮށްދިނުމެވެ. އެގޮތުން އެކުދިންނަށް ބޭނުންވާ ތެރެޕީއާ ރިހެބިލިޓޭޓިވް ފަރުވާފަދަ ހިދުމަތްތައް މި ސެންޓަރުން ފޯރުކޮށްދެ އެވެ.

މި ސެންޓަރުގެ ހިދުމަތް ރަސްމީގޮތުން ފެށުމުގެ ކުރިން ބައެއް ހިދުމަތްތައް ވަގުތީގޮތުން ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މި ސެންޓަރުގައި 67 ކުއްޖަކު މިހާރު ރެޖިސްޓްރީވެ ހިދުމަތް ހޯދަމުންދެ އެވެ.

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ އެ ސެންޓަރަށް ބޭނުންވާ ބައެއް ހާއްސަ ތަކެތި ހަދިޔާ ކުރައްވާފަ އެވެ.