Advertisement

އިންޑޮނޭޝިއާގައި އަލިފާން ފަރުބަދައެއް ގޮވައިފި

10 މާރިޗު 2022 - 11:54 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑޮނީޝިއާގެ މެރަޕީ ފަރުބަދައިން އަލިފާން ފައިބަނީ. -- ފޮޓޯ: އޭއެފްޕީ


އިންޑޮނޭޝިއާގައި އަލިފާން ފަރުބަދައެއް ގޮވައިފި

10 މާރިޗު 2022 - 11:54 0

ޖަކާޓާ، އިންޑޮނީޝިއާ (މާޗް 10) - އިންޑޮނީޝިއާގެ މެރަޕީ ފަރުބަދަ ގޮވައި، 250 އަށް ވުރެ ގިނަ މީހުން ގެތައް ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެއްޖެ އެވެ.

މެރަޕީ ފަރުބަދައަކީ ދުނިޔޭގެ ހުރިހާ އަލިފާން ފަރުބަދަތަކުގެ ތެރެއިން ވެސް އެންމެ "އެކްޓިވް" ނުވަތަ އެންމެ ގިނައިން ހަރަކާތްތައް ފެންނަ އެއް ފަރުބަދަ އެވެ.

ރޭ ދަންވަރު އެކި ފަހަރު މަތިން އެ ފަރުބަދައިން ގޮވުންތައް ގޮވައި، ދިޔާ އަލިފާން ފައިބަން ފަށާފައިވާ އިރު، ފަސް ކިލޯމީޓަރަށް އަލިފާންގަނޑުގެ ފެތުރިފައިވެ އެވެ.

"އަޅި ބުރުމާއި، ހޫނު ދުންތައް އަރަމުން ދާތީ 253 މީހުން ވަނީ ބަގުތީ ހިޔާތަކަށް ބަދަލުކޮށްފައި،" ނޭޝަނަލް ޑިޒާޒްޓާ މެނޭޖްމަންޓް އެންޑް މިޓިގޭޝަން އެޖެންސީގެ އަބްދުލް މުހާރީ ވިދާޅުވި އެވެ.

މެރަޕީ ފަރުބަދަ ވަށައިގެން ހަތް ކިލޯމީޓަރުގެ ސަރަހައްދަކަށް ގާތް ނުވުމަށް އާއްމުންނަށް ވަނީ އަންގާފަ އެވެ. އެ ފަރުބަދަ މިހާރު އޮތީ ދެ ވަނައަށް އެންމެ މަތީ އެލާޓުގަ އެވެ.

މެރަޕީ ފަރުބަދަ އެންމެ ފަހުން ގޮވީ 2010 ވަނަ އަހަރު އެވެ. އެ ފަހަރު 300 އަށް ވުރެ ގިނަ މީހުން މަރުވެ، 280،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރި އެވެ.

އެއީ 1930 ވަނަ އަހަރަށް ފަހު މެރަޕީ ފަރުބަދައިން ފެނުނު އެންމެ ބާރުގަދަ ގޮވުމެވެ. ނަވާރަ ސަތޭކަ ތިރީސް ވަނަ އަހަރުގެ ގޮވުމުގައި 1،300 މީހުން މަރުވި އެވެ. އޭގެ ފަހުން 1994 ގައި ވެސް އެ ފަރުބަދަ ގޮވައި 60 މީހުން މަރުވި އެވެ.

ދެކުނު އިރުމަތީ އޭޝިއާގައި އޮންނަ އިންޑޮނީޝިއާގައި ގާތްގަނޑަކަށް 130 "އެކްޓިވް" އަލިފާން ފަރުބަދަ ހުރެ އެވެ.