Advertisement

ހިޔާ ޓަވަރުތަކުގެ ކޮމާޝަލް ޔުނިޓުތަކުގެ ކުލި ދެ އަހަރަށް ކޮންޓްރޯލްކޮށްފި

9 މާރިޗު 2022 - 14:08 2

އަމަން ހަލީމް

އަމަން ހަލީމް

ހިޔާ ޓަވަރުތައް: މި ހުރިހާ ޓަވަރެއްގެ ގްރައުންޑް ފްލޯ ބޭނުންކުރާނީ އަސާސީ ހިދުމަތްތަކަށާއި ކޮމާޝަލް ބޭނުންތަކަށް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ހިޔާ ޓަވަރުތަކުގެ ކޮމާޝަލް ޔުނިޓުތަކުގެ ކުލި ދެ އަހަރަށް ކޮންޓްރޯލްކޮށްފި

9 މާރިޗު 2022 - 14:08 2

ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ދަނީ ކުރަމުންނެވެ.

ހިޔާ ޕްރޮޖެކްޓު ޕްލޭންގެ ތެރެއިން އެފަދަ ކޮމާޝަލް ޔުނިޓުތަކަށް ހާއްސަ ސަރަހައްދެއް ނެތުމުން، އެޗްޑީސީގެ މެނޭޖްމަންޓުން ނިންމީ ކޮމާޝަލް ބޭނުންތަކަށް ކޮންމެ ޓަވަރެއްގެ ގްރައުންޑް ފްލޯ ނަގާށެވެ. މީގެ ސަބަބުން 280 ހައުސިން ޔުނިޓު ގެއްލިގެން ދިޔަ ނަމަވެސް، އެކަން ކުރެވޭނެ އިތުރު ގޮތެއް ނެތުމުން އެ ކުންފުނިން ނިންމީ އެގޮތަށް ކުރިޔަށްދާށެވެ.

އެގޮތުން އެޗްޑީސީން ބުނީ ހުރިހާ ޓަވަރެއްގެ ގްރައުންޑް ފްލޯ ކޮމާޝަލް ޔުނިޓުތަކަށް ދިނީ، ޓަވަރުތަކުގައި ދިރިއުޅެމުންދާ މީހުންނަށް ލުއިފަސޭހަކޮށް ލިބެންޖެހޭ އެންމެހާ ހިދުމަތްތައް އެއް ތަނަކުން ހޯދައި ދިނުމުގެ މަގުސަދުގައި ކަމަށެވެ.

މިހާރު އެ މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު ހަތަރު ފިހާރައެއް ހިޔާ ޓަވަރުތަކުގެ ހުޅުވައިފި އެވެ. އެއީ:

  • އެޗްސީޔޫ މާޓު – ޓަވަރު 12
  • އޮލިވް ޓްރީ – ޓަވަރު 16
  • ޔެލީ މާޓު – ޓަވަރު 5
  • ޑެއިލީ ބާޒާރު – ޓަވަރު 6
  • ތްރީ އެސް – ޓަވަރު 4

މިހާރު ފިހާރަ ނެތް ހުރިހާ ޓަވަރެއްގެ ގްރައުންޑް ފްލޯ ވިޔަފާރިތަކާ ހަވާލުކުރެވިފައިވާއިރު ދާދި އަވަހަށް އެ ތަންތަން ހުޅުވާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެޗްސީޔޫ މާޓު: މިއީ ހިޔާގައި ފުރަތަމަ ހުޅުވި ފިހާރަ އަދި ގިނަ ދުވަސްތަކެއް ވަންދެން ހަމައެކަނި ފިހާރަ. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


އާންމު މުދާ ލިބޭ ފިހާރަތަކުގެ އިތުރުން ފާމަސީތަކާއި ސެލޫނާއި ސްޕާގެ އިތުރުން ކްލިނިކުތަކާއި ބުކްޝޮޕާއި ކެފޭ ހިދުމަތް ދޭން އެޗްޑީސީން ގިނަ ވިޔަފާރިތަކާ އެކު އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.

ރީޓެއިލް އައުޓްލެޓްތައް/ގްރޯސަރީ ސްޓޯ

  • އޮސްޓްރާވާ ޕްރައިވެޓް ލިމިޓެޑު – ޓަވަރު 8
  • މަލަސް ކެފޭ – ޓަވަރު 7
  • ނަވައި – ޓަވަރު 13
  • ހަޒާޝް މާޓު – ޓަވަރު 1
  • ވިލާ ޓްރޭޑިން – ޓަވަރު 14

ކެފޭ/އެފްއެންބީ އައުޓްލެޓް

  • ޑައިންމޯ – ޓަވަރު 9
  • މޭނާ ކޭޓަރިން – ޓަވަރު 7
  • ގްރީން ފްލައި – ޓަވަރު 13
  • ވައިޓް ވުޑް
  • ވާލަން މޯލްޑިވްސް – ޓަވަރު 1

ފާމަސީ/ކްލިނިކު

  • އޭޑީ ފާމަސޫޓިކަލްސް
  • އޭޑަބްލިޔު ޕާމަސޫޓީކަލްސް – ޓަވަރު 1
  • ޕައިތަން މޯލްޑިވްސް - ޓަވަރު 12
  • ޕްރޯ ސިނާޖީ މެޑިކަލް ސިސްޓަމްސް – ޓަވަރު 6
  • ކޮމްޕްލައި – ޓަވަރު 11

ސްޕާ/ސެލޫން

  • އާރުއެމްއާރު އިންކް
  • ޝިޔާ ސެލޫން – ޓަވަރު 15 [ހުޅުވައިފި]
  • ވާޓެކްސް – ޓަވަރު 1

ބުކްޝޮޕް

  • އެމް7 – ޓަވަރު 2

މިތަންތަނުގެ އިތުރުން އެޗްޑީސީން އަންނަނީ ގުރުއާން ކްލާހާއި ޓިއުޝަން ސެންޓަރުތަކާއި އާޓްސް އެންޑް ކްރާފްޓްސް އާއި ބިއުޓީ އެންޑް ކޮސްމެޓިސްކް އާއި ޕްރިންޓިން އެންޑް ފޮޓޯ ސްޓޫޑިއޯ ވިޔަފާރިތަކުގެ އިތުރުން ސާވިސް ސެންޓަރުތަކާއި ފިޓްނަސް ސްޓޫޑިއޯތަކާއި ޑޭކެއާ ސެންޓަރުތައް ހިޔާ ޓަވަރުތަކުގައި އުޅޭ މީހުންނާ ހަމައަށް ގެނެސްދޭން މަސައްކަތް ކުރަމުންނެވެ.

ހިޔާ ޓަވަރެއްގައި ހުންނަ ކޮމާޝަލް ޔުނިޓެއް: ބައެއް ޔުނިޓުތަކުގައި މަސައްކަތްތައް ކުރަމުން ދިޔަ ނަމަވެސް އެއްވެސް ވަރަކަށް މަސައްކަތްތައް ކުރިޔަށް ނުދާ ޔުނިޓުތައް ވެސް އެބަހުރި. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މީގެ ތެރެއިން ބައެއް ތަންތަނުގެ ބީލަން ހުށަހެޅުމުގެ ކަންކަން އޮތީ އެންމެ ފަހު މަރުހަލާގަ އެވެ. މިހާރު ހުރި ތާރީހުތަކުން މި ހިނގާ މާޗު މަހާއި އޭޕްރީލް މަހުގެ ތެރޭގައި ބީލަންތައް އިވެލުއޭޓުކޮށް ނިންމާ، ކާމިޔާބުކުރާ ވިޔަފާރިތަކާ އެއްބަސްވުމުގައި ސޮއިކޮށް، ޔުނިޓުތައް ހަވާލުކުރަން އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.

ދެ އަހަރަށް ކުލި ކޮންޓްރޯލް

މިތަންތަން ކުއްޔަށްދޭއިރު އެންމެ ގިނަ މާކްސް ލިބެނީ ހުށަހަޅާ ކުއްޔަށެވެ. ކޮންމެ ފަސް އަހަރަކުން މުރާޖައާ ކުރާ މި ކުލީގެ އަދަދަކީ ޕްރޮގްރެސިވް އަދަދެކެވެ. މާނައަކީ މިތަންތަނުގެ ކުލި އަހަރުން އަހަރަށް ދާނީ އިތުރުވަމުންނެވެ. ބިޑުގައި ކުލި ހުށަހަޅަން ހުޅުވާލީ ތިން ވަނަ އަހަރުން ފެށިގެން ފަސް ވަނަ އަހަރާ ހަމައަށެވެ.

ފުރަތަމަ ދެ އަހަރުގެ ކުލި ވަނީ އަކަފޫޓަކަށް 15ރ. ރޭޓުގައި ކޮންޓްރޯލްކޮށްފަ އެވެ.

ދެ އަހަރަށް ކުލި ކޮންޓްރޯލް ކުރި ސަބަބާ ގުޅިގެން އެޗްޑީސީން ބުނީ މިއީ ކުދި ވިޔަފާރިތައް ކުރިއެރުވުމުގެ އިތުރުން އެތަނުގައި ކުރަންޖެހޭ މަސައްކަތްތައް ގިނަކަމުން ކަނޑައެޅި ގޮތެއް ކަމަށެވެ.

ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެޗްޑީސީން ބުނީ އެ ޔުނިޓުތަކަކީ ކޮމާޝަލް ބޭނުންތަކަށް ހާއްސަ ނުވާ ޔުނިޓުތަކަކަށް ވާތީ ގެންނަން ޖެހޭ ބަދަލުތަކާ ގުޅިގެންނެވެ. މިސާލަކަށް ކްލިނިކުތަކާއި ކެފޭތަކަކީ ވަކި މިންގަނޑަށް ފެތެން ޖެހޭ ތަންތަނަށް ވާތީ، އެ ޔުނިޓުތައް ނަގާ މީހުން ކުރަން ޖެހޭ މަސައްކަތްތައް އިތުރެވެ. ވިޔަފާރީގެ ގޮތުން، އެ ބަދަލުތައް ގެނެސްގެން ނޫނީ އެކަން ކުރެވޭކަށް ނެތެވެ.

އެއްބަސްވެވިފައިވާ ގޮތަށް ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނުނިމިގެން އުޅެނީ ވެސް މި ސަބަބާ ހުރެ ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ހިޔާގެ ކޮމާޝަލް ޔުނިޓެއް: މަސައްކަތް ނުފެށި ހުރި ތަންތަނުގެ މަސައްކަތް ފަށަން އެޗްޑީސީން ދަނީ ބާރުއަޅަމުން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ހިޔާގެ 16 ޓަވަރުގައި ހުރި ހުރިހާ އެޕާޓުމަންޓެއްގައި މީހުން ދިރިއުޅެން ފެށުމުން މިތަނުގައި ގާތްގަނޑަކަށް 45،000 އެއްހާ މީހުން ދިރިއުޅޭނެކަމަށް ވަނީ ލަފާކޮށްފަ އެވެ. މިހާރު ވެސް މި ޓަވަރުތަކުގައި ގިނަ ބަޔަކު ދިރިއުޅެމުން އަންނައިރު އެންމެ އާންމު ޝަކުވާއަކީ، ބޭނުންވާ ހިދުމަތްތައް ފަސޭހައިން ނުލިބުމެވެ.

މިހެންކަމުން އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން ދަނީ ހިޔާ ޓަވަރުތަކުގެ ކޮމާޝަލް ޔުނިޓުތައް ހަވާލުކޮށް ނިންމައި، ވީހާ ވެސް އަވަހަކަށް ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ލިބޭނެ މަގުފަހި ކުރުމަށް ކަމަށެވެ.