Advertisement

ނަޝީދު އެއްކައިރިކޮށް އެހެން އެމްޑީޕީއެއް އުފައްދަން އުޅޭކަމުގެ ތުހުމަތު

9 މާރިޗު 2022 - 13:35 3

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެމްޑީޕީގެ ޗެއާޕާސަންކަން ކުރެއްވި ހަސަން ލަތީފް.މްޑީޕީގެ ސިޔާސަތަކީ ވާގިވެރިވުމާއެކު ސަރުކާރަށް ފާރަވެރިވުން ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު


ނަޝީދު އެއްކައިރިކޮށް އެހެން އެމްޑީޕީއެއް އުފައްދަން އުޅޭކަމުގެ ތުހުމަތު

9 މާރިޗު 2022 - 13:35 3

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން އެއްކައިރިކޮށް އެހެން އެމްޑީޕީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ތުހުމަތުކުރައްވައިފި އެވެ.

ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ޖަލްސާގައި އެޕާޓީގެ "ދެ ފެކްޝަން"ގެ ދެމެދުގައި ބޮޑު އަރައިރުމެއް ވަނީ ހިނގައިފަ އެވެ.

އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިގެން އުޅެނީ، އެ ޕާޓީގެ ޗެއާޕާސަންކަމުގެ މަގާމުގެ އިންތިހާބު ހޫނުވެގެންނެވެ. އެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވާދަކުރައްވާއިރު، އަނެއްކޮޅުން ހުންނެވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ.

ފައްޔާޒަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދުކުރައްވާއިރު، އިމްތިޔާޒް ފަހުމީގެ ފަހަތުގައި ހުންނެވީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެއާއެކު، ޗެއާޕާސަންގެ އިންތިހާބު މިހާރު ވެފައިވަނީ ޕާޓީގެ އެންމެ އިސް ދެ ލީޑަރުންގެ ގަދަހިފުމަކަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ތެރެއިން ސަރުކާރަށް ޖެއްސުންކުރާ ކަމަށް ބައެއް ވަޒީރުން ތަކުރާރުކޮށް ތުހުމަތުކުރައްވާ ކަމަށް ވިދާޅުވެ އެކަމާ ދެކޮޅަށް ބައެއް އެމްޑީޕީ މެމްބަރުން ވާހަކަ ދެއްކެވި އެވެ.

"ވަރަށް ސާފުކޮށް އަޅުގަނޑަށް މިއަދު އެނގޭ، ބޭނުންވެގެން މި އުޅެނީ ސަރުކާރު ޖަވާބުދާރީ ކުރުވާތީ ސަރުކާރުގެ ތެރޭގައި ނާޖާއިޒު ފައިދާ ނަގަން ތިބި މީހުން އެކުރާ ކަންކަން ހުއްޓުވަން ރައީސް ނަޝީދު މަސައްކަތްކުރާތީ، އެމްޑީޕީން އެއްކައިރިކޮށް އެހެން އެމްޑީޕީއެއް އުފެއްދުމުގެ މަސައްކަތް،" ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވި އެވެ.

އޭނާއަށް ގަބޫލުނުކުރެވޭ ބައެއް ކަންކަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ނަމަވެސް އެކަންކަން މަޖިލީހުން ފާސްކޮށްފައި ވަނީ ސަރުކާރަށް ފަސޭހަވާނެ ގޮތަށް ޕާޓީގެ ވިޕްލައިނާ އެއްގޮތަށް ކަމަށް ހަސަން ވިދާޅުވި އެވެ. އެމްޑީޕީގެ ސިޔާސަތަކީ ވާގިވެރިވުމާއެކު ސަރުކާރަށް ފާރަވެރިވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން 241 ކޮމިޓީން ކުރިޔަށްގެންދިޔަ އިންކުއަރީއަށް ސަރުކާރުން މީހުން ގެނެސް ތަހުގީގުކުރުމަކީ ފަސޭހަކަމަށް ނުވި ކަމަށް ވެސް ހަސަން ވަނީ ވިދާޅުވެފަ އެވެ.

"[ވަޒީރަކު ނުކުމެ] އެ ދައްކަވަނީ މިތަނުގައި ތިބި އެމްޑީޕީ މެމްބަރުންގެ ވާހަކައެއް ނޫން. އެ ދައްކަވާ ވާހަކަފުޅަކީ މި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަ. އަދި މި ރައްޔިތުންގެ މަޖިލީހުން އެ ވަޒީރުން ބޭނުންފުޅުނުވާ ގޮތަށް ވާހަކަ ދައްކާ މެމްބަރުންގެ ވާހަކަ،" ހަސަން ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުންތައް ބޮޑުވެ މަޖިލިސް ތަޅުމާ ހިސާބަށް ކަންކަން އައިސްފައިވާއިރު ރޭ އޮތް ގައުމީ މަޖިލިސް ޖަލްސާގައި ވެސް ބޮޑު ޒުވާބެއް ފެނިގެންދިޔަ އެވެ.

ޗެއާޕާސަންގެ އިންތިހާބު ފަސްކުރަން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ދެކޮޅު ހެއްދެވި ނަމަވެސް ގައުމީ މަޖިލީހުން ފާސްކުރީ ފައްޔާޒު ބޭނުންވާ ގޮތަށް ރޯދަ މަހަށް ފަހު އިންތިހާބު ބޭއްވުމަށެވެ. އެ ވޯޓުގައި އިންތިހާބު ފަސްކުރަން ވޯޓު ނުދެއްވަނީ 15 މެމްބަރުންނެވެ. 100 މެމްބަރުން ފަސްކުރަން ވޯޓު ދިނެވެ.