Advertisement

ހޫނު ޒުވާބަކަށް ފަހު ޗެއާޕާސަންގެ އިންތިހާބު މެއި 14 އަށް ފަސްކޮށްފި

8 މާރިޗު 2022 - 23:21 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލިސް ޖަލްސާގެ ތެރެއިން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ހޫނު ޒުވާބަކަށް ފަހު ޗެއާޕާސަންގެ އިންތިހާބު މެއި 14 އަށް ފަސްކޮށްފި

8 މާރިޗު 2022 - 23:21 1

ޗެއާޕާސަންގެ އިންތިހާބު ހިމެނޭހެން އެޕްރީލް 16، ގައި ބާއްވަން ތާވަލްކޮށްފައިވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބުތައް މެއި 14، ގައި ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.

އެގޮތަށް ހުށަހެޅުއްވީ މަތި އުތުރު ޕްރޮވިންސްގެ ރައީސް އިބްރާހިމް ވަހީދު އެވެ. އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް އެވެ.

މި ހުށަހެޅުން ފާސްކޮށްފައި ވަނީ ހާޒިރުވެތިބި 115 މެމްބަރުންގެ ތެރެއިން 100 މެމްބަރުންގެ ވޯޓާއެކު އެވެ.

މި އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އިންތިހާބު ފަސްކުރަން ތާއިދެއް ނުކުރައްވަ އެވެ. އޭނާ އަށް ތާއިދުކުރާ މެމްބަރުން ވޯޓު ދިނީ ދެކޮޅަށެވެ. ނަމަވެސް، ބޮޑު އަގުލަބިއްޔަތަކާއެކު މި ހުށަހެޅުން މިވަނީ ފާސްކޮށްފަ އެވެ.

މިރޭގެ ޖަލްސާ ހޫނުވެ ގައުމީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ޒުވާބު ކުރި މަންޒަރު ވެސް ފެނިގެންދިޔަ އެވެ. އެގޮތުން، ޖަލްސާ ހޫނުވީ އިންތިހާބު ފަސްކުރަން އުޅޭނީ ނުފޫޒު ފޯރުވަން ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެ ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތު ކުރެއްވުމުންނެވެ.

އެހެން އޭނާ ވިދާޅުވުމާއެކު ބޮޑު އަރައިރުމެއް އުފެދި މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވެ އެވެ.

މި ބަހުސްގައި ދެ ކެންޑިޑޭޓުންނަށް ތާއިދުކުރައްވާ މެމްބަރުން ވެސް ވާހަކަ ދައްކަވައި ބަހުގެ ހަމަލާތައް އިދިކޮޅު ކެންޑިޑޭޓަށާއި ކެމްޕޭނަށް އަމާޒު ކުރެއްވި އެވެ.

އޭގެ އިތުރުން ވަނީ އަންހެނުންގެ ރޫހުގެ އިންތިހާބުގައި އެ ޕާޓީގެ ހުރިހާ އަންހެން މެމްބަރުންނަށް ވޯޓުލެވޭނެ ގޮތެއް ހަމަޖެއްސުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.

މި ހުށަހެޅުން ފާސްކޮށްފައި ވަނީ 115 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ދުވަހު ޗެއާޕާސަންގެ އިންތިހާބުގެ އިތުރުން އަންހެނުންގެ ރޫހުގެ އިންތިހާބާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ވެސް އޮންނާނެ އެވެ.