Advertisement

އޭވިއޭޝަން އެކަޑަމީގެ ފުރަތަމަ ފްލައިޓް ގަމަށް ގެންދަނީ

7 މާރިޗު 2022 - 22:31 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

އޭވިއޭޝަން އެކަޑަމީން ބޭނުންކުރަން ފަށާ ފުރަތަމަ މަތިންދާބޯޓުގެ އިލަސްޓްރޭޝަނެއް. ފޮޓޯ: އޭވިއޭޝަން އެކަޑަމީ


އޭވިއޭޝަން އެކަޑަމީގެ ފުރަތަމަ ފްލައިޓް ގަމަށް ގެންދަނީ

7 މާރިޗު 2022 - 22:31 0

މޯލްޑިވްސް އޭވިއޭޝަން އެކަޑަމީން ކުރިޔަށްގެންދާ ޕައިލެޓް ކޯސްތަކުގައި ބޭނުންކުރާ ފުރަތަމަ ފްލައިޓް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ގެންދިޔުމުގެ މަސައްކަތް އެ އެކަޑަމީން ފަށައިފި އެވެ.

ކޮންޓެއިނަރެއްގައި ކަނޑު މަގުން ގަމަށް ގެންދާ އެ މަތިންދާބޯޓަކީ ކޮން މަރުކާއެއްގެ މަތިންދާބޯޓެއްކަމެއް އެ އެކަޑަމީން ހާމައެއް ނުކުރެ އެވެ. ނަމަވެސް މިއަދު ހަވީރު ކަނޑުމަގުން އެ މަތިންދާބޯޓު ހިމެނޭ ކޮންޓެއިނަރު ގަމަށް ފުރުވާލާފައިވާކަމަށް އެ އެކަޑަމީން ބުނެ އެވެ.

ގަމަށް ގެންދިޔުމަށްފަހު އެ މަތިންދާބޯޓު އެސެމްބަލްކޮށް އަދި އުދުހުމަށް ތައްޔާރުކުރުމުގެ މަސައްކަތް ފަށާނެކަމަށް އޭވިއޭޝަން އެކަޑަމީން ބުނެ އެވެ. އެއީ ރާއްޖޭގެ އަމިއްލަ އޭވިއޭޝަން އެކަޑަމީއަކުން ޕައިލެޓް ޓްރެއިނިންތަކުގައި ބޭނުންކުރާ ފުރަތަމަ މަތިންދާބޯޓެވެ.

މޯލްޑިވްސް އޭވިއޭޝަން އެކަޑަމީ އަކީ ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލެއް މެދުވެރިކޮށް ގައުމީ އެއާލައިން މޯލްޑިވިއަންއާއި ގައުމީ ޔުނިވާސިޓީ ހިމެނޭހެން ޖޮއިންޓް ވެންޗާ ކުންފުންޏެއްގެ ދަށުން ހިންގާ އެކަޑަމީ އެކެވެ.

އެ އެކަޑަމީ އުފެއްދީ، ގަމުގައި ކުރިން ހިންގި އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ގެ ފަރާތުން ކުރިމަތިވި ގިނަ މައްސަލަތަކަކާހެދި އެ އެކަޑަމީ ގަމުގައި އިތުރަށް އޮޕަރޭޓްކުރިޔަނުދިނުމަށް ސަރުކާރުން ނިންމުމަށް ފަހު އެވެ.

މޯލްޑިވްސް އޭވިއޭޝަން އެކަޑަމީގައި ގިނަ އަދަދެއްގެ ދަރިވަރުން ޕައިލެޓްކަން ކިޔަވަން ފަށާނެކަމަސް ބެލެވޭއިރު، އޭގެ ތެރޭގައި އޭއޭއޭ ގައި ކިޔެވި ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ވެސް ހިމެނޭނެ އެވެ. އެ ކުދިންނަށް އަމާޒުކޮށް އޭވިއޭޝަން އެކަޑަމީން ވަނީ ރިފްރެޝާ ކޯސްތަކެއް ވެސް މިފަހުން ކުރިޔަށް ގެންގޮސްފަ އެވެ.

އޭވިއޭޝަން އެކަޑަމީގެ ފުރަތަމަ މަތިންދާބޯޓު ގެންދާ ހަބަރާއެކު އޭއޭއޭގައި ކިޔެވި ދިވެހި ދަރިވަރުންގެ ޔޫނިއަނުން ވަނީ އެއީ އުފާވެރި ހަބަރެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

އެ ޔޫނިއަނުން ބުނީ އޭވިއޭޝަން އެކަޑަމީގައި މިހާރު އެންރޯލްވެފައިވާ ދަރިވަރުންގެ ތެރެއިން ފުރަތަމަ ބެޗުގެ އުދުހުންތައް އަންނަ އޭޕްރިލް މަހުގެ 15 ގައި ފެށުމަށް މިހާރު ތާވަލުކޮށްފައިވާ ކަމަށެވެ.