Advertisement

ިހިއްސާއަކަށް 2.70ރ. ބަހަން އުރީދުގެ ހިއްސާދަރުން ފާސްކޮށްފި

7 މާރިޗު 2022 - 23:26 0

އަމަން ހަލީމް

އަމަން ހަލީމް

ުއުރީދޫ އަހަރީ އާންމު ޖަލްސާގެ ތެރެއިން: މިރޭގެ ޖަލްސާ ކުރިޔަށް ގެންދިޔައީ ވާޗުއަލްކޮށް ވެސް ހިއްސާދާރުންނަށް ބައިވެރިވެވޭ ގޮތަށް. -- ފޮޓޯ: އުރީދޫ


ިހިއްސާއަކަށް 2.70ރ. ބަހަން އުރީދުގެ ހިއްސާދަރުން ފާސްކޮށްފި

7 މާރިޗު 2022 - 23:26 0

ކުންފުނީގެ ބޯޑުން ނިންމި ގޮތަށް އުރީދޫގެ ހިއްސާއަކަށް 2.70ރ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން މިރޭ ފާސްކޮށްފި އެވެ.

މިއީ އެ ކުންފުނިން މިދިޔަ އަހަރު ހިއްސާގެ ފައިދާއަށް ބެހި 2.34ރ. އަށް ވުރެ އިތުރު އަދަދެކެވެ.

ހިއްސާގެ ފައިދާ އިތުރުކުރަން އެ ކުންފުނީގެ ބޯޑުން ފާސްކުރީ އޭގެ ކުރީ އަހަރަށް ވުރެ އެ ކުންފުނީގެ އާމްދަނީ އާއި ސާފު ފައިދާ އިތުރުވެފައިވާތީ އެވެ. ފައިދާއަށް އެކަނި ބެލި ނަމަވެސް އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ފައިދާ ވަނީ 57 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.

ހިއްސާގެ ފައިދާގެ އިތުރުން އުރީދޫގެ ހިއްސާދާރުން ވަނީ އެ ކުންފުނީގެ ނިމުނު އަހަރުގެ މާލީ ރިޕޯޓުތަކާއި ޑިރެކްޓަރުން ރިޕޯޓާއި މި އަހަރު ކުންފުނި އޮޑިޓުކުރަން ޕްރައިސް ވޯޓާ ހައުސް ކޫޕާސް ހަމަޖައްސަން ފާސްކޮށްފަ އެވެ.

މީގެ ތެރެއިން ހިއްސާގެ ފައިދާ އާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރު ހަމަޖައްސަން 98 ޕަސެންޓަށް ވުރެ މަތިން ވޯޓު ލިބިފައިވާއިރު މާލީ ރިޕޯޓުތައް ފާސްކުރީ ވޯޓުގައި ބައިވެރިވި ހިއްސާދާރުންގެ އިއްތިފާގުންނެވެ.

ކޮރޮސްރޯޑްސްގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ވާޗުއަލްކޮށް ވެސް ހިއްސާދާރުން ބައިވެރިވި އެވެ. އެގޮތުން އަމިއްލައަށް ބައިވެރިވި 101 ހިއްސާދާރުންނާއި ޕްރޮކްސީތައް މެދެވެރިކޮށް ބައިވެރިވި 1101 ހިއްސާދާރުން ހިމެނޭ ގޮތަށް 1202 ހިއްސާދާރުން ބައިވެރިވި އެވެ.

އުރީދޫގެ މާލީ އުސްއަލިތައް 2021

  • އާމްދަނީ – 1.78 ބިލިއަން ރުފިޔާ
  • އިންކަމް ޓެކްސް – 83.9 މިލިއަން ރުފިޔާ
  • ސާފު ފައިދާ – 465 މިލިއަން ރުފިޔާ
  • ހިއްސާއަކަށް ޖެހުނު އާމްދަނީ - 3.17ރ.

އުރީދޫގެ ނިމުނު އަހަރުގެ އާމްދަނީ އާއި ހަރަދަށް ބަލާއިރު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޮބައިލް ހިދުމަތްތަކުންނެވެ. އެއީ 1.3 ބިލިއަން ރުފިޔާ އެވެ.

ބާކީ އާމްދަނީއަކީ ފިކްސްޑް، ބްރޯޑްބޭންޑު އަދި އެންޓްޕްރައިޒް ހިދުމަތުން ލިބުނު 420 މިލިއަން ރުފިޔާ އާއި ވިތުހޯލްޑިން ޓެކްސް ރިފަންޑު ހިމެނޭ ގޮތަށް އެހެނިހެން އާމްދަނީގެ 28.5 މިލިއަން ރުފިޔާ އެވެ.

ހަރަދަށް ބަލާއިރު އެންމެ ބޮޑު ހަރަދެއް ހިނގީ ހިދުމަތް ދިނުމުގެ ހަރަދަށް ހިނގި 298.8 މިލިއަން ރުފިޔާ އާއި އެހެނިހެން ހިންގުމުގެ ހަރަދުތަކަށް ހިނގި 276 މިލިއަން ރުފިޔާގެ އިތުރުން މުވައްޒަފުންގެ ހަރަދަށް 222.6 މިލިއަން ރުފިޔާ އެވެ. އެހެނިހެން ހިންގުމުގެ ހަރަދުގެ ތެރޭގައި ގިނައީ ލައިސަންސިން އާއި ނެޓްވާކް ހިންގުމުގެ ހަރަދުތަކެވެ.

އުރީދޫގެ 90 ޕަސެންޓް ހިއްސާވަނީ ގަތަރުގެ ވަތަނިއްޔާ އިންޓަނޭޝަނަލް އެވެ. ޕަބްލިކް ކުންފުންޏަކަށް ބަދަލުވީ ފަހުން ވިއްކާލީ 10 ޕަސެންޓު ހިއްސާގެ ތެރެއިން 5.64 ޕަސެންޓް ހިއްސާ ތަމްސީލުކުރަނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުންނެވެ. އާންމުންގެ ހިއްސާއަކީ 3.86 ޕަސެންޓެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްގެން ހިއްސާ ވިއްކާ ދެވަނައަށް އެންމެ އަގުބޮޑު ކުންފުންޏަކީ އުރީދޫ އެވެ. އެ ކުންފުނީގެ މާކެޓު ކެޕަކީ 6.6 ބިލިއަން ރުފިޔާ އެވެ. މިއީ އެ ކުންފުނި ލިސްޓުކުރި އިރުގެ އަގަށް ވުރެ 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އުރީދޫ މޯލްޑިވްސް ޕަބްލިކް ކުންފުންޏަކަށް ބަދަލުވީ އޮގަސްޓު 2017 ގަ އެވެ.