Advertisement

ސްޓާލިންކުން ވިޔަފާރިއަށް ނުރައްކަލެއް ނެތް: އޫރިދޫ

8 މާރިޗު 2022 - 09:22 0

އަމަން ހަލީމް

އަމަން ހަލީމް

އުރީދޫގެ ބޯޑު މެމްބަރުން: ޗެއާޕާސަން ފާތިމާ ސުލްތާން އަލް-ކުވާރީ (ކ-3) އަދި މެނޭޖިން ޑިރެކްޓަރު ހާލިދު ހަސަން ހަމާދީ (ވ-3)


ސްޓާލިންކުން ވިޔަފާރިއަށް ނުރައްކަލެއް ނެތް: އޫރިދޫ

8 މާރިޗު 2022 - 09:22 0

ރާއްޖޭގައި ސްޓާލިންކުގެ އިންޓަނެޓު ހިދުމަތް ފެށި ނަމަވެސް މިވަގުތު އުރީދޫގެ ވިޔަފާރިއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު ހަސަން ހަމާދީ ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި އުރީދޫގެ އަހަރީ އާންމު ޖަލްސާގައި، ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ހަމަދީ ވިދާޅުވީ ސްޓާލިންކު އިންޓަނެޓު ހިދުމަތް ފެށުމުން ވިޔަފާރިއަށް ކުރާ އަސަރު ދެނެގަންނަން ދިރާސާކޮށްފައިވާ ކަމަށެވެ. އަދި މިހާރުން މިހާރަށް އެ ކުންފުނީގެ އާމްދަނީ ހީނަރުވެދާނެ ކަމަކަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމާ ގުޅޭ ދިރާސާތަކާ އެނަލިލިސްތައް ހަދައިފިން. މިވަގުތަށް އެއްވެސް އަސަރެއް ކޮށްފާނެ ކަމަކަށް ނުބެލެވޭ."

އޭގެ އިތުރުން މިކަމާ ގުޅިގެން އުރީދޫން ދެކޭ ގޮތް ސަރުކާރާ އެކީ ބޭއްވި ބައްދަލުވުންތަކުގައި ހިއްސާކޮށްފައިވާނެ ކަމަށް ވެސް ހަމާދީ ވިދާޅުވި އެވެ.

ހަމަދީގެ ވާހަކަތަކަށް ބާރު ދެއްވަމުން ފާތިމާ ސުލްތާން އަލް-ކުވާރީ ވެސް ވަނީ މި ހިދުމަތް ތައާރަފުކުރުމުން ވިޔަފާރިއަށް ކޮށްފާނެ ނޭދެވޭ އަސަރަކަށް ގާތުން ފާރަވެރިވަމުން ދާނެ ކަމަށެވެ. ނަމަވެސް އުރީދުން މުސްތަގުބަލަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި އެއްވެސް ވާދަވެރިއެއްގެ ފަރާތުން އާމްދަނީއަށް އަސަރު ކުރާނެ ކަމަށް ނުފެންނަ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"އެއްވެސް ވާދަވެރިއެއްގެ ހިދުމަތުން އުރީދޫގެ އާމްދަނީއަށް އަސަރުނުކުރާނެ ކަމުގެ ޔަގީންކަން ދެން."

ސްޓާލިންކު ހިދުމަތަކީ ސެޓެލައިޓުތަކެއް ބޭނުންކޮށްގެން ހައި ސްޕީޑު އިންޓަނެޓް ފޯރުކޮށްދޭން އެމެރިކާގެ ސްޕޭކްސް އެކްސް ކުންފުނިން ފަށައިގެން އުޅޭ ޕްރޮޖެކްޓެކެވެ. މި ހިދުމަތަށް ޕްރީއޯޑަރު ކުރަން މިދިޔަ އަހަރު ހުޅުވާލުމުން ގިނަ ބަޔެއްގެ ތަރުހީބު ލިބިގެން ދިޔަ އެވެ.

ހަމައެހެންމެ ރާއްޖޭގެ އިންޓަނެޓު އަގު ބޮޑުވުމާއި ހިދުމަތުގައި އުޅޭ މައްސަލަތަކުގެ ސަބަބުން ހިތްހަމަނުޖެހިފައި ތިބި ގިނަ ދިވެހިން ވެސް މި ހިދުމަތަށް މަރުހަބާ ކިޔެވެ.

ކޮމިއުނިކޭޝަންސް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ވަނީ މިފަދަ އީޖާދީ އުފެއްދުންތަކަށް ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށާއި އެ ހިދުމަތް ރާއްޖޭން ބްލޮކް ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ޝައުނާ ދާދިފަހުން ވަނީ ސްޓާލިންކުގެ މާކެޓް އެކްސެސް ޑައިރެކްޓަރު ރަޔަން ގުޑްނައިޓާ ބައްދަލުކުރައްވާ އެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރުމާ ގުޅޭ މަޝްވަރާތައް ވެސް ކުރައްވާފަ އެވެ.

އެކަމާ ގުޅިގެން އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މެމްބަރަކު ސުވާލުކުރުމުން ޝައުނާ ވިދާޅުވީ އަދި ކުރިޔަށް ދަނީ މަޝްވަރާތައް ކަމަށާއި، މަޝްވަރާތައް ނިމެންދެން އެއްވެސް މައުލޫމާތެއް ހިއްސާނުކުރަން ސްޕޭކްސް އެކްސް އިން އެދިފައިވާ ކަމަށެވެ.

މި ވަގުތު ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދެނީ އުރީދޫ އާއި ދިރާގާއި އާރުއޯއެލްއިންނެވެ. ސަރުކާރުގެ "ނެޓުހެޔޮ" ސިޔާސަތުގެ ދަށުން ފަސް އަހަރު ދުވަހަށް ޓެލެކޮމް އޮޕަރޭޓިން ލައިސަންސް ނުދޭ ގޮތަށް އެއްބަސްވެފައިވާތީ، އެ މުއްދަތުގެ ތެރޭގައި މި ކުންފުނިތަކަށް ސީދާ ވާދަވެރިކަމެއް ނެތެވެ.