Advertisement

ރަދުންގެ ސަމާލުކަން ލިބުނު ތޮއްޑޫ "އާދަޔާހިލާފު" ކުއްޖާ

5 މާރިޗު 2022 - 09:41 1

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން


ރަދުންގެ ސަމާލުކަން ލިބުނު ތޮއްޑޫ "އާދަޔާހިލާފު" ކުއްޖާ

5 މާރިޗު 2022 - 09:41 1

ތޮއްޑޫގައި އާދަޔާހިލާފު ކުއްޖެއް އުފަންވެގެން އުޅޭ ކަމުގެ ހަބަރު މާލެ އަށް ފޯރި އެވެ. އެ ކުއްޖާގެ ގައިގެ ކުލަ އާދަޔާހިލާފަށް ހުދެވެ. އިސްތަށިގަނޑުގެ ކުލަ ވެސް ތަފާތެވެ. އެހެންވެ އޭރު ގަބޫލުކުރެވިފައި އޮތީ އެއީ ކަރާމާތްތެރިކަން ބޮޑު ކުއްޖެއް ކަމުގަ އެވެ. އެ ހިސާބުން އެ ކުއްޖާ ދެކެވަޑައިގަތުމަށް ދިވެހިރާއްޖޭގެ އޭރުގެ ރަދުން ޖަލާލަތުލް މަލިކު މުހައްމަދު ފަރީދުލް އައްވަލް ބޭނުންފުޅުވި އެވެ. ބުނެވޭ ގޮތުގައި 1963 ވަނަ އަހަރުގެ އޭޕްރިލް މަހު ރަދުން މާލޭން ދަތުރުފުޅު ހައްދަވައިގެން ސީދާ އއ. ތޮއްޑުވަށް ވަޑައިގަތީ އެ ކުއްޖާގެ ދެކިވަޑައިގަނެ ބައްދަލުކޮށްލުމުގެ ޝައުގުފުޅުގަ އެވެ.

ރަދުން އެ ރަށަށް ވަޑައިގެން ރަތްވިލާގެ އަށް ޒިޔާރާތްކުރެއްވުމުން އެ ކުއްޖާގެ ބައްޕަ ތޮއްޑޫ މޫސާ ކަލޭފާނު ކުއްޖާ ރީތިކޮށް ނަލަ ހައްދައިގެން ގެނަ އެވެ. އަދި ރަދުން އަރިހުގައި އެގޭ އަށީގައި ބައިންދައިގެން ފޮޓޯއެއް ނެގި އެވެ. އެ ފޮޓޯގައި އެ ކުއްޖާ ހުންނަނީ ގަމީހަކާއި ފަޓްލޫނެއް ލައްވައި ބޮލުގައި ތާކިހާ އަޅުވާފަ އެވެ. ލޮލުގައި ހުރީ އަނދުން އަޅާފަ އެވެ. އަތުގައި ކުޅޭ އެއްޗެއް އޮވެ އެވެ. ހުންނަނީ ރަދުންއާ ދިމާލަށް ވަރަށް ޝައުގުވެރިކަމާ އެކު ރަކި ހިންޏެއްގައި ބަލަހައްޓައިގެންނެވެ. އެ ކުއްޖާ ކައިރީގައި ހުދު ގަމީހަކާއި ހުދު މުންޑެއް އަނދެ ބޮލުގައި ހުދު ފޮށައެއް އަޅައިގެން އެ ކުއްޖާގެ ބައްޕަ ކޮޅަށް ހުރެ އެވެ.

ރަދުން ތޮއްޑުވަށް ފައިބައިވަޑައިގަންނަވަނީ.


އެ ކުއްޖާގެ ފަރާތުން އާދަޔާހިލާފު ކަމެއް ރަދުން އަށް ފާހަގަކުރެއްވުނުބާވަ އެވެ؟ ނޫނެކެވެ. އެއީ އުފެދުމުގައި ވެސް ހަށިގަނޑުގެ ކުލަ ހުދުވުން ފިޔަވައި، އެ ކިޔޭ ގޮތަށް އެއްވެސް ކަހަލަ ރޫހާނީ ކަމެއް ހުރި ކުއްޖެއް ނޫނެވެ. އެކަމަކު އޭރުގެ ތަހުޒީބުކަން ކުޑަ މުޖުތަމައުގައި އެގޮތަށް ގަބޫލުކުރެވުނީ އެވެ. އެފަދަ ޒަމާނެއްގައި ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާ ކަމާކަންފަށައި ރަށަކަށް ވަޑައިގަންނަވާނީ އެ ކުއްޖާގެ ހާއްސަކަން އޭރު ވަރަށް ބޮޑުވެފައި އޮންނާނެތީވެ އެވެ. އެއީ މިހާރު އުމުރުން 67 އަހަރުގެ މުހައްމަދު މުބާރިކެވެ. އާއްމު ނަމުން ނަމަ ތޮއްޑޫ މުބާރިކެވެ.

މުބާރިކް ބުނި ގޮތުގައި ރަދުން ވަޑައިގެންނެވި ދުވަހުގެ ހަނދާނެއް ނެތެވެ. އެހެންވެ އޭނާ ދުށުމަށް ރަސްކަލަކު ވަޑައިގަތުމުގެ ހާއްސަ ކަމެއް އިހުސާސް ނުކުރެވޭ ކަމަށް ބުންޏެވެ. އެކަމަކު އެ ދުވަހުގެ ވާހަކަތައް މަންމަ ފާތުމާ މަނިކެ ކިޔައިދިން ކަމަށާއި އެހެންވެ ފަހުން އެކަމުގެ އުފާ އިހުސާސްކުރެވުނު ކަމަށް ބުންޏެވެ.

މުބާރިކްގެ ތަފާތުކަމާ ހެދި އޭނާ އަށް ކުޑައިރު ވަރަށް ބޮޑު ހާއްސަ ކަމެއް، ސަމާލުކަމެއް ލިބުނެވެ. އޭނާ އަށް މުބާރިކްގެ ނަމުން ނަން ދެއްވީ އޭރު ތޮއްޑުވަށް ފޮނުވާލާފައި ހުރި ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ފަޟީލަތުއްޝައިޙް އަބްދުﷲ ފަހްމީ ދީދީ (އަބްދުﷲ ޖަލާލުއްދީން) އެވެ. ހަމްދު ލިބިގެންވާ މީހާ އަށް ނިސްބަތްކުރެވޭ މާނައިގައި "މުހައްމަދު" އަދި ބަރަކާތްތެރިކަން ލިބިގެންވާ މީހާގެ އަށް ނިސްބަތްކުރެވޭ މާނައިގައި "މުބާރިކް" މި ނަން ދެއްވި އެވެ.

ބުނެވޭ ގޮތުގައި ކުޅަދާނަ އަދީބު ޖަލާލުއްދީންގެ މަޝްހޫރު ޅެން "މި ކުޑަކުޑަ ލޯބި ނާނާ" އަކީ ވެސް މުބާރިކު ނިންދަވަން ކިޔައިދޭން އޭނާގެ މަންމަ އަށް ޖަލާލުއްދީން ހައްދަވައިދެއްވި ޅެމެއް ކަމަށެވެ.

އަބްދުﷲ ޖަލާލުއްދީން.


މުބާރިކްގެ މަންމައާ ހަވާލާދެއްވައި މަޝްހޫރު ޅެންވެރިޔާ ތޮއްޑޫ އާދަމް ނަސީރު އިބްރާހިމް ވިދާޅުވި ގޮތުގައި އެއް ދުވަހު ކުއްޖާ ނިންދަވަން ފަރިއްސެއް ކިޔަން އިންދާ މަޣްރިބް ނަމާދުން ފައިބައިވަޑައިގެން ޖަލާލުއްދީން ގެޔަށް ވަޑައިގަންނަވަނިކޮށް އެ ފަރިވި އަޑުއިވިގެން މަޑުކުރެއްވީ އަދި އެވެ. އަދި އެއީ ކުދިން ނިންދަވަން ކިޔާ ކަހަލަ ފަރިއްސެއް ނޫން ކަމަށާއި ކުދިން ނިންދަވަން ކިޔަވަން ވާނީ ކުއްޖާ އަށް ފައިދާ ހުރި އެއްޗެހި ކަމަށް ވިދާޅުވެ އެދިވަޑައިގަތީ އަނެއް ދުވަހު އަސްރުން ފައިބައިގެން އެ ގެޔަށް އައުމަށެވެ. އަނެއް ދުވަހު މުބާރިކްގެ މަންމަ ދިއުމުން ކަރުދާސްކޮޅެއް ދެއްވި އެވެ. އޭގައި ޖަލާލުއްދީން ލިޔުއްވާފައި އޮތީ ޖޭމު ދޮންކަމަނަގެ އަޑުން ފަހުން މަޝްހޫރުވި އެ ނާނާ އެވެ.

އެއީ ސީދާ މުބާރިކަށް ހާއްސަކޮށް އެ ދުވަހު ޖަލާލުއްދީން ހެއްދެވި ނާނާއެއް ކަމެއް ނުވަތަ ކުރިން ހައްދަވާފައިވާ އެއްޗެއް ކަމެއް ކަށަވަރެއް ނޫނެވެ.

މުބާރިކް ބުނި ގޮތުގައި އެ ނާނާ އަކީ ޖަލާލުއްދީން ބޭފުޅެއް ކަމަށްވާ ފިނިވާގޭ ހާލިދާ ފަހުމީ ކުޑައިރު އޭނާ އަށް ޖަލާލުއްދީން ހެއްދެވި ނާނާއެއް ކަމަށާއި އޭނާގެ މަންމަ އަށް ދެއްވީ ކަމަށެވެ.

"އަޅުގަނޑު އަޑު އެހީ އެގޮތަށް،" މުބާރިކް ބުންޏެވެ.

އެކަމަކު ޖަލާލުއްދީންގެ ބޭފުޅެއް ކަމަށްވާ މުހައްމަދު ހަމީދު ފަހުމީއާ ހަވާލާދީ ނަސީރު ވިދާޅުވި ގޮތުގައި އެ ނާނާ އެގޭތެރެއަކުން އެ ކުދިން ކުރިއަކުން ނާހަ އެވެ. އެހެންވެ ނަސީރު ވިދާޅުވި ބުރަވެވެނީ އެއީ ތޮއްޑޫގައި ހުންނަވައިގެން ޖަލާލުއްދީން ހެއްދެވި ނާނާއެއްގެ ގޮތުގައި ކަމަށެވެ.

މި ކުޑަކުޑަ ލޯބި ނާނާ އަށް ރިވެތި މުސްތަގުބަލެއް އެދެނީ

ނިކުންނާނޭ ނަތީޖާއެއް ހެޔޮ ހަޔާތެއް ބާއްޖަވެރި އެދެނީ

ވަބާއާ ބަލި ބަލާ ބަދު ނަޒަރު ފަދަ ހުރިހާ ނުބައިކަމަކުން

ތަބާވެވިވެ ސިއްހަތާ އޮތުމޭ ސަލާމަތްކަންމަތީ އެދެނީ

އެ ނާނާގައި އެދިފައިވާ ގޮތުގައި މުބާރިކަށް މާތްﷲ ރިވެތި މުސްތަގުބަލެއް މިންވަރު ކުރެއްވި އެވެ. އޭނާ ވަނީ މާލޭ މުނިސިޕަލްޓީ އާއި އެސްޓީއޯ އާއި ހެލްތު މިނިސްޓްރީ އަދި އައިޖީއެމްއެޗްގެ ވަޒީފާގައި ސަރުކާރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްފަ އެވެ. މިވަގުތު ހުރީ ވަޒީފާއަށް މުސްކުޅިވެގެން އަމިއްލަ ރަށުގަ އެވެ.

މުބާރިކުގެ ހަށިގަނޑުގެ ކުލައާ ހެދި އޭނާ އަށް ކުޑައިރު ބޮޑު ސަމާލުކަމެއް ލިބުނު ނަމަވެސް ފަހުން ވަޒީފާގެ މާހައުލާއި އާއްމު ދިރިއުޅުމުގައި އެއީ ބޮޑު ކަމަކަށް ނުވެ އެވެ. އެކަމަކު ބައެއް ފަހަރަށް މީހުންނަށް އޮޅިފައި ވެސް އެބަހުއްޓެވެ. އަދި ހެއްވާ ޒާތުގެ ކަންކަން ވެސް ވެފައި އެބަހުއްޓެވެ.

މުބާރިކްގެ ފަހުގެ ފޮޓޯއެއް.


އޭގެ ތެރެއިން އެއް ދުވަހަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2007 ވަނަ އަހަރު މާލޭ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިގެން ނަގައިގެން ގަލޮޅު ސަހަރާގެ މޯޗަރީގައި ބާއްވާފައި އޮތް ދުވަހެކެވެ. އެކަމުގައި އެމްޑީޕީން ދިޔައީ މައުމޫނުގެ ސަރުކާރަށް ތުހުމަތުކުރަމުންނެވެ. އެ ދުވަހު މުބާރިކް ސަހަރާ ތެރެއިން ފެނިގެން އެމްޑީޕީ މީހަކު ވަރަށް ފޯރީގައި އަޑުގަދަކޮށް ބުނަމުން ދިޔައީ މި ފަހަރު ސަރުކާރަށް ސަލާމަތް ނުވެވޭނެ ކަމަށާއި އެހެރީ ކަމުގެ ހަގީގަތް ބަލަން ޔޫރަޕުން ކަމުގެ ތަޖުރިބާކާރެއް ގެނެސްފައި ކަމަށެވެ. މިވީ ގޮތް އެ މީހާ އަށް ރޭކާލީ އިރުކޮޅަކުންނެވެ.

"އަހާނ...ތޮއްޑޫ މުބާރިކު ދޯ!،"

މުބާރިކު ވަނީ އެފަދަ ހެއްވާ މަޖާ ރޯލެއް މަޝްހޫރު ކޮމީޑިއަން ޔޫސުފް ރަފީއު (ޔޫސޭ) ގެ "ދިރިއުޅުމަކީ މިއީ" ގައި ވެސް ކުޅެފަ އެވެ. މާލެ-ހުޅުޅޭ ފެރީ ދުއްވާ މީހުން ދަތުރު ހޯދަން އުޅޭ ގޮތަށް ޖޯކު ޖަހައި ޔޫސޭ ކުޅުނު އެ އެޕިސޯޑުގައި އެއްރޭ ރޭގަނޑު މުބާރިކު ނަސަންދުރާ ޕެލެސް ހޮޓެލް ދޮރުމަތީގައި ހުއްޓާ ބޭރު މީހެއް ކަމަށް ހީކޮށް ޔޫސޭ ދެ އެވެ. އަދި އޭނާ އެއާޕޯޓަށް ގެންދަން ދަތުރު ހޯދަން މަސައްކަތްކުރެ އެވެ. އޭނާ އަކީ ދިވެއްސެކަން ޔޫސޭ އަށް ރޭކާލަނީ ދިވެހިން ވާހަކަ ދައްކަން ފެށުމުންނެވެ.

"އެއީ އެއުޅޭ ޔޫސޭ ކަންތައް. އޭނާ ބުނެލީމާ ކުޅުނު އެއްޗެއް އެއީ،" ހެމުން ހެމުން މުބާރިކު އެ ހަނދާންތައް އާކުރި އެވެ.

"އަނެއްހެން މާލެ ތެރޭގައި އުޅޭއިރު އޮޅިގެން މީހުން ނޫޅޭ."

އެހެންވެ އޭނާ އަށް ހަމުގެ ކުލަ މައްސަލައަކަށް ވެސް ނުވެ އެވެ. ޑޮކްޓަރުން ބުނެފައިވާ ގޮތުގައި އެއީ އެއްވެސް ބައްޔަކާ ގުޅުން ހުރި ކަމެއް ނޫނެވެ. އުފެދުމުގައި ގުދުރަތީ ގޮތުން ދިމާވި ކަމެކެވެ. ކުޑައިރު ރަދުންގެ ސަމާލުކަން ލިބުނު އެ ހާއްސަކަން މިއަދު ވެފައިވަނީ އޭނާގެ އާއްމު ދިރިއުޅުމުގެ ބަޔަކަށެވެ.