Advertisement

ރައީސްގެ އެންގެވުމަކަށް ކެމަރޫންގެ ކޯޗަކަށް ސޮންގް ހަމަޖައްސައިފި

2 މާރިޗު 2022 - 19:57 1


ރައީސްގެ އެންގެވުމަކަށް ކެމަރޫންގެ ކޯޗަކަށް ސޮންގް ހަމަޖައްސައިފި

2 މާރިޗު 2022 - 19:57 1

ޔައުންޑޭ، ކެމަރޫން (2 މާޗު) - ކެމަރޫންގެ ރައީސްގެ އެންގެވުމަކަށް، ކެމަރޫންގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ރިގޮބޭ ސޮންގް ހަމަޖައްސައިފި އެވެ.

ސޮންގް ކޯޗަކަށް މި ހަމަޖެއްސީ ކެމަރޫންގެ ކޯޗަކަށް ހުރި ޕޯޗުގަލްގެ ޓޯނީ ކޮންސެސާއޯގެ މަގާމުން ދުރުކުރުމަށް ފަހު އެވެ. ކޮންސެސާއޯގެ އިރުޝާދުގެ ދަށުން މިދިޔަ މަހު އަމިއްލަ ގައުމުގައި ކުޅުނު އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކެމަރޫނަށް ލިބުނީ ތިން ވަނަ އެވެ.

ކެމަރޫންގެ ކުޅިވަރާ ބެހޭ ވަޒީރު ނަރްސީސޭ މުއޭލޭ ކޮމްބީ ވިދާޅުވީ ކެމަރޫންގެ ލެޖެންޑެއް ކަމަށްވާ ސޮންގް 45 ކެމަރޫންގެ ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސުމަށް އެ ގައުމުގެ ރައީސް ޕޯލް ބިޔާ އަންގަވާފައިވާ ކަމަށެވެ.

"ރައީސްގެ އެންގެވުންތައް ކުރިއަށް ގެންދިއުމަށް، ކެމަރޫންގެ ފުޓްބޯލް ފެޑަރޭޝަނަށް މިހާރު ވާނީ އިރުޝާދު ދެވިފައި،" ކޮމްބީ ވިދާޅުވި އެވެ.

ސޮންގަކީ ކެމަރޫންގައި ވަރަށް މަގްބޫލު ސަހުސިއްޔަތެކެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމާއި ލިވަޕޫލްގެ އިތުރުން އޭނާ ވަނީ ޖަރުމަނާއި ފްރާންސް އާއި އިޓަލީ އަދި ތުރުކީގައި ކުޅެފަ އެވެ.

ކެމަރޫންގެ ގައުމީ ޓީމާއެކު ސޮންގް ވަނީ ހަތަރު ވޯލްޑް ކަޕްގައި ކުޅެފަ އެވެ. އަދި ކެމަރޫނާއެކު އެފްރިކަން ނޭޝަންސް ކަޕް 2000 އަދި 2004 ވަނަ އަހަރު އޭނާ ވަނީ ކާމިޔާބުކޮށްފަ އެވެ. -- އޭއެފްޕީ