Advertisement

މަސްތުގެ ހާލަތު ބޮއްސުންލާފައި، ނިޒާމް ހަރުދަނާކުރުން ނޫން ގޮތެއް ނެތް

1 މާރިޗު 2022 - 09:02 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ރާއްޖޭގައި މަސްތުގެ ހާލަތު އޮތް މިންވަރު ބުނެދޭން ފުލުހުން ބޭއްވި އިވެންޓްގެ ތެރެއިން: ނިޒާމް ވަރުގަދަކުރުން ނޫން ހައްލެއް ނެތް - ފޮޓޯ: އާއިމް ޒަމީރު / އަދަދު


މަސްތުގެ ހާލަތު ބޮއްސުންލާފައި، ނިޒާމް ހަރުދަނާކުރުން ނޫން ގޮތެއް ނެތް

1 މާރިޗު 2022 - 09:02 1

އުމުރުން އެންމެ 14 އަހަރުގެ ކުއްޖެކެވެ; ތައުލީމު ހާސިލްކޮށް ކުރިމަގު ބައްޓަންކުރަން ޖެހޭ އުމުރު އޭނާ އެ ހުރީ މަގުމަތީ މެޓާ ބަހާ އުސޫލުން މަސްތުވާތަކެތި ވިއްކާލަވިއްކާލަ އެވެ. އޭނާގެ އެ އުޅުމަށް ބަަދަލެއް ގެނެސް, އިސްލާހު ކުރާނެ މަގެއް, ކުރަން އުޅޭ ތަނެއް ވެސް ނުފެނެ އެވެ.

"ބެލެނިވެރިއެއް، ގަވައިދެއް، ގާނޫނެއް، ހެދިފަ ނެތީމަދޯ މިހާވަރު ވާނީ. މަސްތުވާތަކެތީގެ މައްސަލާގަ ފުލުހަށް ގެންގޮސް ދޫކޮށްލާއިރަށް އެބަ ހުރޭ މަގުމަތީގަ މެޓާ ބަހާހެން އެ ވިއްކަން. ކަން އޮންނަ ގޮތުގެ ވާހަކަ ދެއްކީމަ ދައްކާ މީހާ ގޯސްވާނީ،" އުމުރުން އެންމެ 14 އަހަރުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަނިކޮށް އަތުލައިގެން އެ ކުއްޖާގެ ވާހަކަ ކިޔާދެމުން އޭނާ ދަންނަ މިހާކު ބުންޏެވެ.

އެ ކުއްޖާގެ ވާހަކަ ފުރަތަމަ އަޑުއިވިގެން ދިޔައީ މިދިޔަ ހަފްތާ ފުލުހުން ކުރިއަށްގެންދި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މަސްތުވާތަކެތީގެ ވަބާ ރާއްޖޭގައި ޖެހިފައި އޮތް މިންވަރު ކިޔައިދިނެވެ. ހަތަރު ގަޑިއިރަށްވުރެ ދިގު ދެމިގެން ދިޔަ އެ ހަފްލާ ނިންމާލިއިރު ހިތާ ހިތުން ސުވާލު ކޮށްލެވުނެވެ. ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތު އޮތީ މިހާ ހިސާބުގަބާ އެވެ.

އެ ދުވަހު ފުލުހުން ދިން މައުލޫމާތަކީ މީގެ ކުރިން ސަރުކާރުގެ އެއްވެސް އިދާރާއަކުން ނޫސްވެރިންނަށްވެސް ހާމަ ކޮށްފައިވާ މައުލޫމާތެއް ނޫނެވެ. މަސްތުވާތަކެތީގެ މައްސަލަ އޮތީ ކައިރި މުސްތަގްބަލެއްގައިވެސް ރަނގަޅު ކުރެވޭ ހިސާބަކު ނޫނެވެ. "މަސްތުވާ" ކިޔައިފިއްޔާ މި ރާއްޖޭން ނުލިބޭ އެއްޗެއް ނެތެވެ. ހެޔޮ އަގުގައި ބޭނުން ވަގުތަކު ލިބެ އެވެ. ކެފޭތަކަށް ސައި ބޯލަން ދާހެން މަސްތުވާން ދާނެ ކެފޭތައް ހުރެ އެވެ. ވައްކަމުގެ މައްސަލައެއް ނުވަތަ މާރާމާތީގެ މައްސަލައެއްގައި ޖަލަށް ވަންނަ މީހާ ޖަލުން ނުކުންނަނީ މަސްތުވެގެންނެވެ. ބޭރުން ބޭނުން އިރަކު އޯޑަރު ޖަހާލުމުން ރާއްޖެއަށް ފޮނުވައިދޭނެ އެޖެންޓުން ތިބެ އެވެ.

ރާއްޖެ ދަނީ މަސްތުވާތަކެތީގެ ފުން ވަޅުގަނޑަކަށް ވެއްޓި ގެނބެމުންނެވެ. މި ކަމުގައި ކުޑައެއް ބޮޑެއް ތަފާތެއް ނެތެވެ. އެންމެ 10 އަހަރުގެ ކުދިންނާއި 50 އަހަރުން މަތީގެ އުމުރުން ދުވަސްވީ މީހުންނެވެ. އަންހެނެއް ފިރިހެނެއްވެސް ތަފާތެއް ނޫނެވެ. ބިދޭސީންގެ ތެރޭގައި ވެސް މަސްތުވާތަކެތީގެ ޑީލަރުން ހިމެނެ އެވެ. ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ މީހުންނާއި ދިވެހިންނާ ގުޅުން އޮންނަ ބިދޭސީންނެވެ.

ކަން މިހިން ހިނގަމުންދާ ކަން, ކަމާ ގުޅުން ހުރި ހުރިހާ އިދާރާތަކަށްވެސް އެނގެ އެވެ;

ނަމަވެސް, ޒިންމާ އަދާ ކުރުވާނެ ފަރާތެއް ނެތެވެ. ޒިންމާ ވާނެ ފަރާތެއްވެސް މި ކަމުގައި ނެތެވެ. މައްސަލަތައް ސާބިތު ކުރެވޭނެ އެއްވެސް ގޮތެއް ފުލުހުންނަކަށް ވެސް ހޯދައެއް ނުދެވެ އެވެ. ތަހުގީގުތައް އެހާ ދޯހަޅި އެވެ. މައްސަލަ ބަލާ ކޯޓުތަކުގައި ކޮރަޕްޝަނެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި ނަމަވެސް ކޮންމެވެސް ސިޔާސީ ވެރިއެއް ނުވަތަ ކޮންމެވެސް އިދާރައެއްގެ ބޮޑު މީހަކު މައްސަލައިގެ ފަހަތުގައި ހުރެ، މައްސަލައިން ސަލާމަތްވެ އެވެ.

މަސްތުވާން ބޭނުންކުރާ ޑްރަގް ކެފޭއެއްގެ ސާމްޕަލެއް-- ފޮޓޯ: އާއިމް ޒަމީރު / އަދަދު


މި ވަބާގައިޖެހި ސަލާމަތްވާން ބޭނުންވާ މީހާއަށް ވެސް އެ ފުރުސަތެއް ރާއްޖެއަކު ނެތެވެ. ފަރުވާ ހޯދާ މީހުންގެ ތެރެއިން ވެސް ގިނަ މީހުން އަލުން މަސްތުގައި ޖެހެ އެވެ. ކަމާ ގުޅުންހުރި އިދާރާތަކާ ސުވާލުކުރިޔަސް ދޭނެ ޖަވާބެއް ނުހުރެ އެވެ. އެންމެ ކުޑަމިނުން ކަން ކުރަންވީ ކިހިނެތްކަން ވެސް ބުނެދޭކަށް ނޭނގެ އެވެ.

ޖީލެއްގެ ފެށުން، މަސްތުން ހަލާކުވަނީ!

"ސަސްޕެކްޓް އަޑީގައި ހުރެގެން، ކުޑަކުދިން ލައްވާ ތަންތަން ކުއްޔަށް ހިފައިގެން، މަސްތުވާތަކެތި ބަހައްޓައިގެން، އެތަކެތި ކުދިކޮށް، ބަންދުކޮށް، އޭގެ ވިޔަފާރިކޮށް، ފައިސާގެ މުއާމަލާތްތައް ހިންގަމުންދޭ،" ކުޑަކުދިން މަސްތުވާތަކެެއްޗަށް ލެންބެވުމަށް އެކަމުގައި ހަރަކާތްތެރިވާ އިސް މީހުން ކުރުވަމުންދާ މަސައްކަތަކީ މިއީ ކަމަށް ފުލުހުން ބުންޏެވެ.

ޖުވެނައިލް މޮނިޓަރިން ޔުނިޓްގައި މަސައްކަތް ކުރައްވާ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މިޔާޒް މުހައްމަދު ވިދާޅުވީ މިފަދަ މައްސަލަތަކުގައި ތަކުރާރުކޮށް ހައްޔަރުކުރެވޭ ކުދިން ވެސް އެބަ ތިބި ކަމަށެވެ. އަދި، އެފަދަ ކުދިން ހަމަ މަގަށް އަޅުވަން މަސައްކަތް ކުރި ނަމަވެސް, އެއްބާރުލުން ނުލިބޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ 10 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން މަސްތުވާތަކެތި ބޭނުންކުރުމާއި، ވިއްކުމާ ގުޅޭ މައްސަލަތަކުގައި ހިމެނޭ ކަމަށް ފުލުހުންގެ ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނައިން ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ކުދިންނެވެ. އެ އުމުރުގެ ކުދިން 525 ފަހަރު ހައްޔަރު ކޮށްފައިވެ އެވެ. މީގެ ތެރޭގައި މާލޭގެ ޑްރަގް ކެފޭތަކުން އާއްމުކޮށް ހިދުމަތް ހޯދާ މީހުންގެ ތެރޭގައި 14 ކުޑަކުދިން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތީގެ 53 މައްސަލަ އޮތް 14 އަހަރުގެ ކުއްޖެއް؛ މައިންބަފައިންނަށް ނުހުއްޓުވޭތާ ހުއްޓުވޭނެ އިދާރާއެއް ވެސް ނެތް

ޖެނުއަރީ 2019، އިން ފެށިގެން މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ތަފާތު އެކި މައްސަލަތަކުގައި ޖުމްލަ 354 ފަހަރު އެ ކުއްޖާއާ ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ތިން އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި ތަފާތު ކަންކަމުގައި ފާހަގަކުރެވިފައިވާއިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ވިއްކުމުގެ ދެ މައްސަލައަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ 16 މައްސަލައަކާއި، މަސްތުވާތަކެތި ގެންގުޅުމުގެ 35 މައްސަލައެއް ހިމެނެ އެވެ.

މަސްތުވާ ކެފޭއަކުން އަތުލައިގެން ކުޑަކުއްޖަކު ޗެކްކުރަނީ-- ފޮޓޯ: ހުސެން ޝަޔާހު / އަދަދު


ވޭތުވެދިޔަ ތިން އަހަރު ސުވާލުކުރި މައްސަލަތަކާއި އަދަދު:

  • 2019 - މަސްތުވާތަކެތި ވިއްކުމާއި، މަސްތުވާތަކެތި ބޭނުންކުރުން އަދި މަސްތުވާތަކެތި ގެންގުޅުމުގެ އެއް މައްސަލައެއް
  • 2020 - މަސްތުވާތަކެތި ބޭނުންކުރުމުގެ ތިން މައްސަލަ އަދި މަސްތުވާތަކެތި ގެންގުޅުމުގެ ނުވަ މައްސަލައެއް، ކުއްޖާ މަގުމަތީ އުޅެން ފެށީ މި އަހަރު.
  • 2021- މަސްތުވާތަކެތި ވިއްކުމުގެ އެއް މައްސަލަ، މަސްތުވާތަކެތި ބޭނުންކުރުމުގެ 12 މައްސަލަ އަދި މަސްތުވާތަކެތި ގެންގުޅުމުގެ 25 މައްސަލައެއް

މިއީ ހަމައެކަނި މަސްތުވާތަކެތީގެ މައްސަލަ އޮންނަ ކުއްޖެއް ނޫނެވެ. "ވިޔާނުދާ" ކުއްޖެކޭ ބުނެވޭނަމަ ބުނާނެ ހުރިހާ ކަމެއް ކުރެ އެވެ. އެގޮތުން ހަމަނުޖެހުން އުފައްދަން މަސައްކަތްކުރުމާއި، މާރާމާރީ ހިންގުމާއި، ސްކޫލަށް ގެއްލުންދޭން މަސައްކަތްކުރުމާއި، ރަހީނުކުރުމާއި، ވައްކަމާއި، ފިލަން މަސައްކަތްކުރުމާއި، ލައިސެންސް ނެތި ސައިކަލް ދުއްވުމާއި ގްރޫޕް ހަދައިގެން މަގުމަތީގައި އުޅުން ހިމެނެ އެވެ.

އުމުރުން އެންމެ 14 އަހަރުގެ ކުއްޖަކު މަގުމައްޗަށް ނިކުމެ މަސްތުވާތަކެތި ވިއްކަން ހުންނާނީ ބެލެނިވެރިންނަށް ވެސް ނުހިފެހެއްޓޭތީ އެވެ. ނޫންނަމަ, ބަލަން ހަވާލު ވެފައިވާ މީހުންނަށްވެސް ނުބެލޭތީ އެވެ. ކަމާ ގުޅޭ އިދާރާތަކަށް ވެސް ޒިންމާ އަދާ ނުކުރެވޭތީ އެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ބުނާ ގޮތުން އެ ކުއްޖާ ކުށުގެ މާހައުލުން ދުރުކުރުމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ހިންގާ ޕްރޮގްރާމްތަކަށް ކުއްޖާގެ އެއްބާރުލުން ނުލިބޭތީ ސެޝަންތައް ކުރިއަށްނުގެންދެވެ އެވެ.

"އެ ކުއްޖާ އިސްލާހު ކުރުމަށްޓަކައި އަޅުގަނޑުމެން ވަރަށް ބައިވަރު މަސައްކަތްތައް ކުރަން މުއައްސަސާތަކާ ގުޅިގެން. ނަމަވެސް އެކަށީގެންވާ ނަތީޖާއެއް ނުލިބޭ، ކުއްޖާގެ އެއްބާރުލުން ނުލިބޭތީ،" ފުލުހުން ބުންޏެވެ.

ކުއްޖާ ޒިންމާދާރު ކަމެއްގެ ތެރޭގައި ޝާމިލްކުރުމުގެ ގޮތުން ކުއްޖާ ގަވާއިދުން ސްކޫލަށް ދިޔުމާއި ގުޅޭ ގޮތުން ވާހަކަދެކެވި، އަލުން ކުއްޖާއަށް ތައުލީމު ހާސިލުކުރުމަށް ފުރުސަތު ހޯދާދެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ ނޭޝެނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)އެ ކުއްޖާގެ އިންޑިކޭޓިވް އެސެސްމެންޓް ރިޕޯޓެއް ހަދަން ނިންމާފައިވީ ނަމަވެސް, ކުއްޖާގެ އެއްބާރުލުން ލިބިފައިނުވާތީ އެސެސްމެންޓް ކުރިއަށްގެންދެވިފައި ނުވާ ކަމަށެވެ.

އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން މަސްތުވާތަކެއްޗަށްދާ މިންވަރު ކަންބޮޑުވާ ވަރަށް އިތުރު

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލޭގައި ހިންގާ ޑްރަގް ކެފޭތަކުން އާންމުކޮށް ހިދުމަތް ހޯދާ މީހުންގެ އަދަދު އުޅެނީ 1250އިން މަތީގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮންމެ ދުވަހަކު ހިދުމަތް ހޯދާ 1118 ދިވެހިނާއި 139 ބިދޭސީއެކެވެ. މިއިން ދިވެހިންގެ ތެރޭގައި 50 އަހަރުން މަތީގެ 56 މީހަކާއި 57 އަންހެނުން ވެސް ހިމެނެއިރު 14 ކުޑަކުދިން ވެސް ހިމެނެ އެވެ.

އެގޮތުން ދިވެހިންގެ ތެރޭގައި ހިމެނެނީ:

  • ޑްރަގް ކޯޓުން އެސަސްމެންޓް ހަދަން އަމުރުކޮށްފައިވާ ފަރާތްތަކާއި އަޑުއެހުން ތާވަލު ކޮށްފައިވާ 17 މީހުން
  • ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް އަމުރުކޮށްފައިވާ 217 މީހުން
  • ފަރުވާއިން ވަކިކޮށްފައިވާ 305 މީހުން
  • ދެވަނަ ހުކުމް ކޮށްފައިވާ 141 މީހުން
  • މައްސަލަ އަނބުރާ ފޮނުވައިލައިފައިވާ 101 މީހުން
  • ޑްރަގް ކޯޓުން އިބްތިދާއި އަޑުއެހުން ތާވަލުކޮށްފައިވާ ހަތް މީހުން
  • ފުލުހުންގެ ރެކޯޑްގައި މައްސަލަ އޮތް ނަމަވެސް ކޯޓުގައި މައްސަލަ ނެތް 178 މީހުން
  • ފުލުހުންގެ ރިކޯޑުގައި ވެސް ޑްރަގް ކޯޓުގެ ރެކޯޑުގައި ވެސް ނެތް 152 މީހުން

ޑްރަގް އެންފޯސް ޑިޕާޓްމަންޓުގެ ހެޑް, ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރު ވިދާޅުވީ އަންހެނުން މި ވިޔަފާރީގެ ތެރޭގައި ބައިވެރިވުން ބޮޑުކޮށް ބައެއް މީހުން އާއިލީ ވިޔަފާރިއެއްގެ ގޮތުގައި ދެކިގެން އުޅޭ ކަމަށެވެ.

"މަޖުބޫރީ ހާލަތެއްގައި ކަމުގައި ވިޔަސް ނޫނީ އޭގެއިން ލިބޭ ނަފާގެ ބޭނުމުގައި ކަމަށް ވިޔަސް ނުވަތަ ނޭނގި ނަމަވެސް އަންހެނުން މީގެ ތެރޭގައި ބައިވެރިކުރާ މިންވަރު އިތުރުވެ ކަންބޮޑުވުން އެބައޮތް," އޭނާ ވިދާޅުވި އެވެ.

އެޑިކްޝަން ޕްރޮފެޝަނަލް އަދި ރިކަވަރީ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަލީ އަދީބު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެއްޗާ އަލަށް ގުޅޭ މީހުންގެ ތެރޭގައި އަންހެނުން އިތުރުވަނީ ކަންބޮޑުވާ މިންވަރަށް ކަމަށެވެ.

މަސްތުވާތެކެތި ވިއްކުމަށްފަހު ހޯދާފައިވާ ފައިސާ-- ފޮޓޯ: ހުސެން ޝަޔާހު / އަދަދު


އަންހެނުން ވަރަށް ގިނަވޭ އެބަ. ވަރަށް ބޮޑަށް ފާހަގަ ކުރެވޭ އަންހެނުންގެ ނިސްބަތް ފިރިހެނުންނާ ބަލާފަ ވަރަށް ބޮޑުތަން އިތުރުވާތަން،" އަދީބު ވިދާޅުވި އެވެ.

އުމުރުން ދުވަސްވީ މީހުން މަސްތުވާތަކެތީގެ ތެރޭގައި އުޅޭކަން ފުލުހުން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން, މަސްތުވާތަކެތީގެ ބޮޑެތި ކޭސްތަކުގައި ހައްޔަރު ކޮށްފައި ވަނީވެސް 40 އަހަރުން މަތީގެ ގިނަ މީހުންނެވެ.

އަދީބު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ކުރީއްސުރެވެސް މަސްތުވާތަކެތީގެ ތެރޭގަ އުޅޭ މީހުން ކަމަށެވެ. އެގޮތުން ޖަލުގަ އުޅެފަ އަންނަ މީހުންނާ އެކި ފަހަރުމަތިން އެ ދޭ ފަރުވާއަށް ގޮސް ފަރުވާ ނަގާފަ ނޫނީ އެއްބައި ފުރިހަމަ ކޮށްފަ ތިބޭ މީހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަން މިހެން އޮތްއިރު އެ މީހުން ބޭނުންކުރަން ފަށާފައި ވަނީ ހީވެސް ނުކުރާ ސަބަބަކާ ހެދި އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އުމުރުން 35 އަހަރާއި 50 އަހަރާދެމެދުގައި މަސްތުވާތަކެތި ބޭނުން ކުރަން ފަށާފައިވާ މީހުންނެވެ.

"މިހާރު ދިމާވާ ބައެއް ފިރިހެނުން އެބަ ތިބި މަސްތުވާތަކެތި ބޭނުން ކުރަން ފަށާފަ ނުބައި މައުލޫމާތުން ވެސް. އެއީ މިސާލަކަށް ހަކުރު ކަހަލަ އެއްޗެހި ބޭނުން ކުރީމަ ޖިންސީ ގުޅުމުގައި ގިނަ އިރު ކުރެވޭ. މިއީ ހަމަ އަޅުގަނޑުމެން ކައިރީ ބައެއް މީހުން ދައްކާފަ ހުންނަ ވާހަކަ،" އަދީބު ވިދާޅުވި އެވެ.

މިކަން މިގޮތަށް ދިމާވާ މައިގަނޑު ސަބަބެއް ކަމަށް އޭނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓުވަން އެއްވެސް ކަމެއް ރާއްޖޭގައި ނުކުރެވޭތީ ކަމަށެވެ. މިހާރު ރާއްޖޭގައި ކުރާ ކަމަކީ މަސްތުވާތަކެތި ބޭނުން ކުރުމުން ދެން ހުއްޓުވަން މަސައްކަތް ކުރުން ކަމަށާއި ނަމަވެސް, ކުރަން ފެށުމުގެ ކުރިން އެއްވެސް ކަމެއް ނުކުރެވޭތީ ހުއްޓުވަން އުނދަގޫ ވަނީ ކަމަށް އަދީބު ވިދާޅުވި އެވެ.

ވިލިމާލޭގައި އުމުރުން ދުވަސްވީ މީހުންތަކެއް އިށީންދެލައިގެން-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


"ކުޑަކުދިން ވިޔަސް މުސްކުޅިން ވިޔަސް އަންހެނުން ވިޔަސް މިޔަށް ވަނަ ނުދޭން އަޅުގަނޑުމެން ކުރަން ޖެހޭ ކަންކަމަކީ ކޮބައިތޯ. މި ސުވާލަށް ދޭނެ ޖަވާބެއް ނެތް. މިކަމުގެ ތެރެއަށް ކުދިން ވަނުމުގެ ކުރިން ކުރެވޭނީ މި ރާއްޖޭގަ ކޮން ކަމެއްކަން،" އަދީބު ވިދާޅުވި އެވެ.

ޒުވާނުން ޕާޓީ ޑްރަގްސްގައި ޖެހި އޯވަޑޯޒްވަނީ, ފަރުވާ ދެވޭނެ ގޮތެއް ނެތް

ރާއްޖޭގައި ޒުވާނުންގެ މެދުގައި މަގުބޫލުވަމުން އަންނަ އެކި ގައުމުތަކުން ތަފާތު ނަންނަމުގައި އެތެރެކުރާ ޕާޓީ ޑްރަގްސްގެ ހާލަތު ފުލުހުން ސިފަ ކުރާ ގޮތުގައި އެތެރެކުރާ އަދަދުތައް އަންދާޒާ ކުރާކަށް ނޭނގެ އެވެ. ސަބަބަކީ ޕާޓީ ޑްރަގްސްގެ އަވައިގައި ޒުވާނުން ޖެހި، ޕާޓީ ޑްރަގްސްގެ ވިޔަފާރި ކުރުމަށްޓަކައި އެތެރެކުރާ ޕެކޭޖުތައް ހޯދަން ވެސް ފަސޭހަނުވުމެވެ.

އެގޮތުން ގިނަ ޕާޓީ ޑްރަގްސް ގެންނަނީ "ޑާކް ވެބުން" އޯޑަރު ކޮށްގެން ޕޯސްޓު މެދުވެރިކޮށެވެ. އޭގެ ތެރެއިން އާންމު ގޮތެއްގައި ޑާކް ވެބް މެދުވެރިކޮށް މުއާމަލާތު ކުރަނީ "ޓޯރް" ކިޔާ އޯޕަން ސޯސް ސޮފްޓްވެއާއެއް ބޭނުން ކޮށްގެންނެވެ. އެހެންކަމުން މި ވިޔަފާރިއަށް ބޮޑެތި ނެޓްވޯކުތައް ބޭނުން ނުވާއިރު މި ކަމުގައި އާންމުކޮށް އުޅެނީވެސް އާންމު މީހުންނެވެ.

ފުލުހުން ބުނާ ގޮތުން މިހާރު ވެސް މިފަދަ މަސްތުވާއެއްޗެހި ރާއްޖެއަށް އެތެރެކޮށް ވިއްކާ 30 މީހަކު ފާހަގަ ކުރެވިފައިވެ އެވެ. ސީދާ މިގޮތަށް ފާހަގަ ކުރެވިފައިނުވި ނަމަވެސް, މިކަމުގައި ހަރަކާތްތެރިވާ ވަރަށް ގިނަ އަދަދެއްގެ މީހުން އުޅޭ ކަމަށް ފުލުހުން ވަނީ ލަފާކޮށްފަ އެވެ.

ފޮށިތަކުގައި ޕާޓީ ޑްރަގްސް އެތެރެކުރާކަމާއި އެ އެތެރެކޮށް ވިއްކާ މީހުން ފާހަގަ ކުރެވުނު ނަމަވެސް، އެކަން ހުއްޓުވާނެ އެކަށީގެންވާ ނިޒާމެއް ނެތް ކަމަށް ފުލުހުން ބުންޏެވެ. ފޮށިތަކުގައި އެތެރެކުރާ ޕާޓީ ޑްރަގްސް އަތުލުމުގައި ތަފާތު ގޮންޖެހުން އެބަހުރި ނަމަވެސް ހައި ރިސްކް ގައުމުތަކުގެ ގޮތުގައި ބެލެވޭ ގައުމުތަކުން އެތެރެކުރާ ފޮށިތައް މިހާރު ބަލާ ކަމަށް ފުލުހުން ބުންޏެވެ.

ޕޯސްޓުން ފޮނުވި ފޮށިގަނޑެއް، ނޫސްވެރިންނަށް ދައްކާލުމަށް ފުލުހުން ކަނޑާފައި-- ފޮޓޯ: އާއިމް ޒަމީރު / އަދަދު


"ހެރޮއިން ގްރާމަކަށް ވުރެ، ޕާޓީ ޑްރަގް ވިއްކައިގެން ޑީލަރުންނަށާއި ވިޔަފާރިވެރިންނަށް ލިބޭ ފައިދާ މާ ބޮޑު. އެގޮތުން އެންމެ ގުޅައެއް 800ރ. އާއި 2،000ރ. އާ ދެމެދުގެ އަގެއްގައި ވިއްކަމުންދޭ،" ފުލުހުން ބުންޏެވެ.

މިލިއަނުން ފައިދާ ނަގާ މި ވިޔަފާރީގައި އެތައް ޒުވާނަކު ޖެހި ރާއްޖެ އެތެރެކުރާ ޕާޓީ ޑްރަގުން އޯވަޑޯޒްވާ މީހުންގެ މިންވަރު ދަނީ އިތުރުވަމުންނެވެ. އޭގެ ތެރެއިން ވެސް މެތަމްފެޓަމައިން (މެތު)އަކީ ރާއްޖޭގައި އެންމެ އާންމުވަމުން އަންނަ އެކައްޗެކެވެ. ފުލުހުން ބުނާ ގޮތުގައި އެތައް ގައުމުތަކުން ތަފާތު ނަން ނަމާއި ކޮލިޓތަކުގައި މެތު އެތެރެކުރެ އެވެ.

މީގެ އިތުރުން އެކި ނަންނަމުގައި ޕާޓީ ޑްރަގްސް ދަނީ އެތެރެ ކުރަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގައި ބޭނުންކުރާ "މިއައޮމިއައޮ" ކިޔާ ބާވަތަކާއި، ބިދޭސީންގެ މެދުގައި މަގްބޫލު "ޔަބާ،" އަދި "އެލްއެސްޑީ" އާއި "އެކްސްޓަސީ" ވެސް ހިމެނެ އެވެ.

ތަފާތު ގޮތްގޮތަށް ބޭނުން ކުރަމުންދާ މި މަސްތުވާތަކެތި ބޭނުން ކުރާ އެންމެ އާންމު ގޮތްތަކަކީ ހިމުން ފުށްތަކެއްގެ ގޮތުގައި، ނުވަތަ ގުޅައެއްގެ ސިފައިގަ އެވެ. މީގެ އިތުރުން އިންޖެކްޝަން ޖަހައިގެން ވެސް ބޭނުން ކުރެ އެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި މަސްތުވާތަކެތީގެ އޯވަޑޯޒް ކޭސްތައް ވަރަށް ބޮޑުތަނުން ވަނީ އިތުރުވެފަ އެވެ. އެގޮތުން 2019 އިން ފެށިގެން މިހާތަނަށް 21 އޯވަޑޯޒް ކޭސް ރިޕޯޓްކޮށްފައި ވާއިރު އޭގެ ތެރޭގައި އެންމެ ގިނައި ޕާޓީ ޑްރަގުން އޯވާޑޯޒް ވެފައިވާ މީހުންނެވެ.

"ކޮންމެ ފަހަރަކު ގެންނަ ޕިލްސްތަކުގައި މި ހުންނަނީ އެ ކެމިކަލްއެއް ނޫން ކޮމްޕައުންޑެއް ވެސް ނޫން. ޑޯޒު އެއްވަރަކަށް ނެގިއަސް ބާވަތްތައް ތަފާތުވީމަ ކެމިކަލްގެ މިންވަރު ތަފާތުވެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބޭ،" ފުލުހުން ބުންޏެވެ.

އޯވާޑޯޒްވެގެން ގެންދާ މީހާއަށް ރާއްޖޭގައި ދެވޭނެ އެއްވެސް ފަރުވާއެއް ނުހުރެ އެވެ. އެ މީހަކު އަނބުރާ ލިބޭ ގޮތެއް ނުވެ އެވެ. ރާއްޖޭގައި އޯޑީވެގެން ގެންދާ މީހާއާ އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދާ މީހެކޭ ވަކި ތަފާތެއް ނުހުރެ އެވެ.

އަދީބު ވިދާޅުވީ ރާއްޖޭގައި ދިމާވާ އެންމެ އުނދަނގޫ އެއް ކަމަކީ އޯޑީވާ މީހުން ގެންދިއުމަށް ގުޅާނެ ހާއްސަ ނަމްބަރެއް ނެތީމަ ކަމަށެވެ. ސަބަބަކީ އޯޑީވާ މީހުންނަށް ފަރުވާ ދޭން ޖެހޭ ގޮތް ތަފާތުވުމެވެ. އެގޮތުން އެމަޖެންސީގައި ގެންދާ މީހުންނަށް އަވަސް ފަރުވާގެ ގޮތުގައި ދިނުމަށް އެމްބިއުލާންސްގައި ދޭން ޖެހޭ ފަރުވާ ހިމެނެ އެވެ. ނަމަވެސް, ރާއްޖޭގައި ބޮޑެތި ބަލިތަކުގައި އަވަސް ފަރުވާ ނުދިނުމުން މީހުން މަރުވެފައި ވެސް އެބަހުއްޓެވެ.

"މެތް އިންޖެކްޓް ކުރާ މިންވަރު ފުދޭ ވަރަކަށް މައްޗަށް އެބަދޭ. މިއީވެސް ވަރަށް ބިރުވެރި ކަމެއް. ދެން އަނެއް ކަމަކީ ދެ ޑްރަގެއް އެއްވުން. ދޭތިއެކީގަ ބޭނުންކުރާ މީހުންވެސް ފުދޭވަރަކަށް ބައިވަރު އެބަ އުޅޭ،" އަދީބު ވިދާޅުވި އެވެ.

ޕާޓީކޮށްލާ "ވީކެންޑް" ހަދާލަން ގޮސް އުޅޭ މީހުން މި ބާވަތުގެ މަސްތުވާތަކެތި ބޭނުންކުރާ މިންވަރު އިތުރު ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން, އެ ކަމުގައި ސަރުކާރުގެ އިސް މަގާމުތަކުގައި އުޅޭ މީހުން ހިމެނޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ޕާޓީ ޑްރަގެެއް މިކްސް ވެއްޖާ ފުރާނައަށް ނުރައްކާވާ ކަމެއްވެސް ވެދާނެ، އޯޑީވުންކަހަލަ. މި ބޭނުންކުރާ މީހުންނަށް ވެސް އެނގެން އެބަ ޖެހޭ ބޭނުން ކުރީމަ ދެން ވާނެ ގޮތްވެސް،" އަދީބު ވިދާޅުވި އެވެ.

ޕޯސްޓުން ފޮނުވި ފޮށިގަނޑެއް، ނޫސްވެރިންނަށް ދައްކާލުމަށް ފުލުހުން ކަނޑާފައި-- ފޮޓޯ: އާއިމް ޒަމީރު / އަދަދު


ޖަލަށް ދަނީ ވައްކަމުގައި ހައްޔަރަށް، ނުކުންނަނީ މަސްތުވެގެން

ކުރާ ކުދި ކުއްތަކުގެ ތެރެއިން މާރާމާރީ، ވައްކަން، ފޭރުންފަދަ މައްސަލަތަކުގައި ޖަލަށްލާ މީހާ ޖަލުން ނުކުންނައިރު މަސްތުވާތަކެތި ބޭނުން ކުރަން ފަށާކަމީ ވެސް ކަންބޮޑުވާން ޖެހޭ ކަމެކެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ޖަލުތަކުގައި ބަންދުކޮށްފައިވާ ގައިދީންގެ 70 ޕަސެންޓް ގައިދީންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ގައިދީން ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވަނީ ވިދާޅުވެފަ އެވެ.

ޖަލުތަކުގައި ތިބޭ ގައިދީންނާ އެ ތަންތަން ބެލެހެއްޓުމަށް ހަވާލުވެ ތިބޭ މީހުންގެ އޭގެ ނާޖާއިޒް ފައިދާ ނަގާކަން ވެރިންނަށް ވެސް އެނގެ އެވެ. ކަމާ ގުޅުންހުރި އިދާރާތަކަށް ވެސް އެނގެ އެވެ.

"ޑިއުޓީގަ ހުންނަ މީހާއަށް އެތިކޮޅެއް ދޭން ޖެހޭނީ. އޭރަށް އެމީހުންނަށް ވެސް ލިބޭނެ ފްރޯޑޮމް އެ ކުރަން އުޅޭ ކަމެއްގެ. މަސްތުވާތަކެތިން ވިޔަސް ނޫނީ ޖަލަށް އެއްޗެއް ވައްދަން ވިޔަސް،" ކަރެކްޝަންގެ އޮފިސަރަކަށް އުޅުމަށްފަހު މިހާރު އެ ވަޒީފާ ދޫކޮށްލާފައިވާ މީހަކު ކިޔައިދިނެވެ.

ޖަލުތަކުގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މީހުން ކަމަށްވާއިރު އެ ތަނުގައި ތިބެ އެ މީހުން ދަނީ ޖަލުގައި ވެސް ވިޔަފާރި ފުޅާކުރަމުންނެވެ. އޮފިސަރުންނާ ގުޅިގެންނެވެ. ބޮޑެތި "ޑީލްތައް" ނިންމާލަމީ ގޮޅި ތެރޭގަ އެވެ. މިއީ ރާއްޖޭގައި ކަން ހިނގާ ގޮތެވެ.

"ގާނޫނު ތަންފީޒުވިތާ 11 އަހަރުވީ. ޖަލުގަވެސް ލިބެން ޖެހޭ ފަރުވާއެއް ނުލިބޭ. ޖަލުގަ ބަރާބަރަށް ލިބޭ. ބޭނުން އެއްޗެއް. ޖަލުތަކުގައި ވެސް މުޅި މި ރާއްޖޭގައި ވެސް ކުއްލިއަކަށް ނުހުއްޓުވޭނެ މަސްތުވާއެއްޗެހި ބޭނުން ކުރުމެއް އަދި އެތެރެ ކުރުމެއްވެސް. އެކަމަކު ދަށް ކުރެވިދާނެ. އެއީ ރޭވުންތެރި ގޮތަކަށް މަސައްކަތްތަކެއް ކޮށްގެން. މިހާރު އަޅުގަނޑުމެން މި ކުރާ ކަމަކީ ކެންސަރުގައި މަލަން އެޅުންކަހަކަ ކަމެއް،" އަދީބު ވިދާޅުވި އެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ބޭރު ކުރުމަށް ކޮށާ މަގަކަށް ދޭސީ-ބިދޭސީ ކައިވެނިތައް!

ރާއްޖޭގައި ބިދޭސީން ދިރި ނޫޅޭނެ ތަނަކީ ނެތް ތަނެކޭ ބުނުމުން ވެސް ދޮގަކަށް ނުވާނެ އެވެ. މީގެ ތެރޭގައި ގިނައީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. މާލެއެއް އަތޮޅު ތެރޭގެ ރަަށްރަށެއް ވަކި ތަފާތެއް ނޫނެވެ. ހުރިހާ މަސައްކަތެއްގައި ވެސް މި މީހުންނެވެ. ކަންބޮޑުވާން ޖެހޭ އަނެއް ކަމަކީ ބިދޭސީންނާ ކުރާ ކައިވެނިތައް ރާއްޖޭގައި އިތުރުވާކަމެވެ. އޭގެ މައިގަނޑު ސަބަބަކަށް ވެފައި ވަނީ ވެސް މަސްތުވާތަކެތީގެ ޑީލްތައް ހެދުމެވެ. ރާއްޖެއަށް އެތެރެ ކުރުމާއި ރާއްޖޭން އެހެން ގައުމުތަކަށް އެތެރެ ކުރުމަށެވެ.

މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމާއި ރާއްޖެއިން އެހެން ގައުމުތަކަށް ފޮނުވުމުގައި ރިކޯޑު އޮންނަ އަރުޝަރު-- ފޮޓޯ: އާއިމް ޒަމީރު / އަދަދު


މަސްތުވާތަކެތީގެ ވިޔަފާރީގައި ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުންކުރަނީ ރާއްޖެ އެވެ. އެ މީހުން ރާއްޖޭގެ ސަރަހައްދަށް ވަންނަނީ ދެ ބޭނުމެއްގަ އެވެ. އެއީ, ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަނަކަށްވެފައި އެ މީހުންނަށް މާކެޓް ކުރުމަށާއި ރާއްޖޭން ވެސް އެކަމަށް ޑިމާންޑު ކުރާތީ އެވެ.

ރާއްޖޭގައި ތިބި މަސްތުވާތަކެތީގެ ބޮޑެތި ޑީލަރުންގެ މިހާރު ފަށާފައި ވަނީ ފައިސާތައް މުދަލަށް ބަދަލު ކުރުމެވެ. ބޮޑެތި އެޕާޓްމެންޓްތަކާއި ގެސްޓްހައުސްތަކެވެ. އަގުބޮޑެތި ކާރުތަކާއި ޔޮޓާއި އަގުބޮޑު އެތައް މުދަލެކެވެ. ވިޔަފާރިތަކުގެ ފަހަތުގައި ތިބެ ޑްރަގް ޑީލަރުން ތިބެ މަނީލޯންޑާ ކުރަނީ އެވެ.

"ބަނގުރަލަށް ގާނޫނެއް ނެތް"

ބަނގުރަލަށް ހާއްސަ ގާނޫނެއް މި ރާއްޖޭގައެއް ނޯވެ އެވެ. އެކަމަށް ރާއްޖޭގައި އޮންނަނީ ވަކި ގަވައިދަކުން ހިންގަން ޖެހޭ ވިޔަފާރިއެއް ހުއްދަ ނެތި ލައިސެންސް ނެތި އިމްޕޯޓު ކުރުމާއި ހުއްދަ ނަގަން ޖެހޭ ކަމެއްގައި ހުއްދަ ނަގައިގެން ކުރުމެވެ.

ބަނގުރަލުގެ މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުންނަށް ހައްގު އަދަބު ލިބޭނެ ފަދަ ގާނޫނެއް ހެދިފައި ނެތިމަކީ ފުލުހުންގެ ތަހުގީގުތަކަށް ހުރަސް އެޅޭ ކަމެއް ކަމަށް ބުންޏެވެ. އެގޮތުން އެފަދަ މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުން އަނބުރާ ކުށުގެ ވެއްޓަށްދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު އާންމު ރައްޔިތުންނަށް ބަނގުރާ ވިއްކާ ހުއްދަ ނޫން ގޮތުގައި ބަނގުރަލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާތީ މިދިޔަ އަހަރު ތިން ސަފާރީއެއްގެ ހުއްދަ ބާތިލުކުރުމަށް އިކޮނަމިކް މިނިސްޓްރީއަށް ހުށަހެޅި އެވެ.

"އާންމުން ބަނގުރާ ގަންނަނީ ގަވާއިދާ ހިލާފަށް އެކަހަލަ މީހުން ލައްވާ. އެ މީހުން ފަތުރުވެރިންނަށް ހިދުމަތްދޭ ސަފާރީތަކުންނާއި ޔޮޓުތަކުން ވެސް ބަނގުރާ ބައެއް ދިވެހިންނަށް ވިއްކާކަން އެނގިފައިވޭ،" ފުލުހުން ބުންޏެވެ.

ހުއްދަ ބާތިލުކޮށްދިނުމަށް އިކޮނަމިކް މިނިސްޓްރީގައި އެދިފައިވީ ނަމަވެސް, ސަރުކާރުން މިހާތަނަށް އެއްވެސް ސަފާރީއެއްގެ ހުއްދަ ބާތިލްކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އައްޑޫގައި ބަނގުރާ ކައްކަނިކޮށް ފުލުހުން އަތުލައިގެންފައި-- ފޮޓޯ: ޕޮލިސް


ބަނގުރަލުގެ އެކި ކަހަލަ މައްސަލަތަކުގައި 2019 ވަނަ އަހަރު 141 މީހުން ހައްޔަރު ކޮށްފައި ވާއިރު 2020 ވަނަ އަހަރު 107 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރު 108 މީހަކު ވަނީ ބަނގުރަލުގެ މައްސަލަތަކުގައި ހައްޔަރުކޮށްފަ އެވެ.

މަސްތުން ސަލާމަތްވާން އާދޭސް ކުރަނީ؛ "ރާއްޖޭގައި ދޭނެ ފަރުވާއެއް ނެތް"

"މަސްތުވާތަކެތިން ދުރައްދާން ކިތަންމެހާ ވެސް ބޭނުން. އާއިލާއާ އެކު އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުން. އެންޑީއޭގަ ރަޖިސްޓާވެގެން އުޅޭތާ މިހާރު ވެދާނެ ދެތިން މަހެއް. ވެއިޓްލިސްޓްގަ އިނީ،" މިއީ މަސްތުވާތަކެތި ބޭނުން ކުރުމަށްފަހު އެކަމުން ސަލާމަތްވާން ބޭނުންވާ މީހެއްގެ ވާހަކަ އެވެ.

ޔުނިވާސިޓީ އޮފް ބިކޮކާ-މިލާނޯއިން 2019 ވަނަ އަހަރު ރާއްޖޭގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި 4،000 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ.

އަދީބު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެއްޗަށް ފަރުވާ ދެވޭނެ ނިޒާމެއް ގާއިމްވެފައި ނުވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި މަސްތުވާ ތަކެއްޗަށް ފަރުވާ ދެވޭނެހެން ގާއިމް ކޮށްފައި ވަނީ ހިންމަފުށީގައި ގާއިމް ކޮށްފައިވާ ރިހެބިލިޓޭޝަން ސެންޓަރު އެކަންޏެވެ. ނަމަވެސް, އެ ތަނުންވެސް އެންމެ އެކަށީގެންވާ ފަރުވާ ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ފަސް ސަރަހައްދުގައި ހިންގަމުން އަންނަ ސެންޓަރުތަކަކީ:

  • ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު (ކ.ހިންމަފުށި)
  • ހާފްވޭ ހައުސް (ހުޅުމާލެ)
  • ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރު (ޏ.ފުވައްމުލައް)
  • ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު (ސ.ހިތަދޫ)
  • ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު (ގދ.ތިނަދޫ)
  • ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު (ހދ.ހަނިމާދޫ)

އަދީބު ފާހަގަ ކުރެއްވި ގޮތުގައި ފަރުވާދޭނެ ތަންތަން ގާއިމް ކޮށްފައިވާ ނަމަވެސް އެ ތަންތަނުގައި އެކަމަށް ވަސީލަތްތައް ގާއިމްވެފައެއް ނެތެވެ. މަސްތުވާ ކޮންމެ މީހަކަށް ފަރުވާ ކުރުމަށް ވަކި ގޮތްތަކެއް ބޭނުން ކުރަން ޖެހެ އެވެ.

އެންޑީއޭ-- ފޮޓޯ: އަދަދު


"ކިޑްނީ ބަލިފަދަ ބަލިތައް ޖެހުނީމަވެސް އަމަލު ކުރާނެ އަސާސްތަކަކާއި އުސޫލުތަކެއް ހުރޭ. ހަމަ އެގޮތަށް މަސްތުވާތަކެތީގެ ފަރުވާގެ އަސާސްތަކަކާއި ކަންތައްތަކަކާއި ސްޓޭންޑާޑްތަކަކާއި އުސޫލުތަކަކާއި ހުރޭ. އެ އެއްޗިއްސަށް ބިނާކޮށް ދޭނެ ފަރުވާއެއް ރާއްޖެއަކު ނުދެވޭ،" އަދީބު ވިދާޅުވި އެވެ.

މަސްތުވާތަކެއްޗަށްދޭ ފަރުވާއަކީ މުޅި މީހާއަށް ބެލުމަށްފަހު މަސްތުވާތަކެއްޗާ ގުޅުންހުރި އެ ބޭނުން ކުރީމަ ވަށައިގެން ލިބިފަ ހުރި ގެއްލުންތައް ބަލާ އެ ގެއްލުންތަކަށް އަމާޒުކޮށްދޭ އެއްޗެކެވެ. ފަރުވާއިން ކުރާ ހަމައެކަނި މަސައްކަތަކީ މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓުވުމެއް ނޫނެވެ.

ފަރުވާގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ބޭނުން ކުރާ މީހާ މަސްތުވާތަކެއްޗަށް ދާން އޮތް މަގުތައް އެ މީހަކަށް އަންގައިދީ އެ މަގުތަކުން އޭނާ އެއްކިބާވާނެ ގޮތްތައް ކިޔައިދިނުމެވެ.

"މިސާލަކަށް އެއީ ފަރުވާ ނިންމުމަށްފަހު ރިހަބުން އައިތަނާ ދިމާވަނީ ބޯ ރައްޓެއްސަކު. ދިމާވީމަ ދެން ކަންކުރާނެ ގޮތް. ނޫންނަމަ މިސާލަކަށް ފެނުނީ ޗުވިންގަމް ފޮއިލްއެއް، އެއީ ކުރުން ހަކުރު ބުއި އެއްޗެއް. ސިކުނޑި ހަނދާން ކޮށްދޭނެ ކުރިން މިހިންނޭ ކަންތައް ކުރީ. އެ ފެނުނީމަ އޭގެ ރަހަލާ ހިސާބަށްވެސްދޭ ބައެއް މީހުންނަށް. މިހިން ވީމަ ހަދާނެ ގޮތަކީ ކޮބައިކަން ބުނެދޭންޖެހޭ، ކިޔާދޭން ވެސް ޖެހޭ ފަރުވާ ތެރޭގައި،" އަދީބު ވިދާޅުވި އެވެ.

ރާއްޖޭގައި މަސްތުވުމަށް ފަރުވާ ދިނުމަށް އެކަށިގެންވާ ވަސީލަތް ނެތްތާ އެކަމަށް މީހުން ވެސް ނެތްކަން އަދީބު ފާހަގަ ކުރެއްވި އެވެ. އެގޮތުން ކިތަންމެ މޮޅު ޕްލޭނެއް ހެދި ނަމަވެސް, މަސްތުވާތަކެއްޗަށް "ދެވިހިފާފައި" ތިބޭ މީހުންނަށް ފަރުވާ ދިނުމަށް ނުވަތަ ކައުންސިލިން ދިނުމަށް ކިޔަވައިގެން ތިބީ ރާއްޖޭގައި ހަތް ވަރަކަށް މީހުން ކަމަށް އަދީބު ވިދާޅުވި އެވެ. އޭގެ ތެރެއިން އެންޑީގައި ތިބީ ހަތަރު މީހުންނެވެ.

"މަސްތުވާތަކެއްޗަށް އަޅުދާސްތުވެފައިވާ މީހަކަށް ޖެނެރަލް ކައުންސިލިން ދިނީމަ އޭގެން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ. އެޑިކްޝަން ކައުންސިލިން ދޭން ޖެހޭނީ. އެ މި ރާއްޖެއަކު ނެތް. މިހަކަލަ ބައިވަރު ދަތިތައް ވެސް އެބަހުރި،" އަދީބު ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އިންތިހާއަށް ބޮޑުވަމުން އަންނައިރު އެކަމަށް ހައްލު ހޯދުމަށް ގާބިލް, ހަރުދަނާ ނިޒާމެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ.

2019ވަނަ އަހަރު ޔުނިސެފްގެ އެހީގައި، މަސްތުވާތަކެތި ބޭނުންކުރާ ކުދިންނަށް ހާއްސަކޮށް ފަރުވާއެއް އެކުލަވާލާފައިވެ އެވެ. ނަމަވެސް, އެ ފެނުނު މީހަކު ވެސް އެންޑީގައި މިހާރު ހުރި ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އަދީބު ވިދާޅުވި އެވެ.

"ކުޑަކުދިންނަށް ފަރުވާ ކުރުމަށް ވަސީލަތްތައް ލިބިފަ އެބަހުރި. އެކަމަކު އެ ކުދިންނާ ވެސް ޑީލްކުރަން ޖެހެނީ ޓްރެއިން ވެފައި ތިބޭ ވަކި ބައެއް. އެއީ ހާއްސަ ޕޮޕިއުލޭޝަނެއް. ރާއްޖޭގަ މިދޭ ފަރުވާއަކުން އެކުދިންނަކަށް އިފެކްޓެއް ނުކުރާނެ. އެ ކުދިންނަށް ސީދާ ބައްޓަންވެފަ އިންނަ ފަރުވާއެއް އިންނަން ޖެހޭނީ،" އަދީބު ވިދާޅުވި އެވެ.

"މަސްތުވާ މީހުންނަށް ފަރުވާ ދެމޭ ކިޔައިގެން ކޮންމެ ސަރުކާރަކުން ވެސް އިދާރާތަކުން ވެސް އެ ދައްކާ ވާހަކައަކީ ހަމަ ސީދާ ވަރަށް ބޮޑު ދޮގު ވާހަކައެއް. ފަރުވާއެއް ރާއްޖެއަކު ނުދެވޭ. އެއީ ވަރަށް ބޮޑު އޮޅުވާލުމެއް."

ރާއްޖޭގައި ކިތަންމެ ވަރަކަށް ފަރުވާ ދިނަސް މަސްތުން ސަލާމަތް ނުވަނީ މީހާގެ ގޯސްކަމުން ނުވަތަ އެކަމުން އަރައިގަންނަން އެ މީހާ މަސައްކަތް ނުކުރާތީ ކަމަށް ބުނާ ބުނުމަށް އަދީބު ވިދާޅުވީ ރާއްޖޭގައި ފަރުވާދޭ ވާހަކައަކީ މުޅިން އޮޅުވާލުމެއް ކަމަށެވެ.

ރާއްޖޭގައި ކަންތައް ކުރާ ގޮތުން ރަނގަޅުވާން ބޭނުންވާ މީހާއާ ދޭތެރޭ މީހުން ދެކޭ ގޮތް ވެސް ބަދަލުވެ އެވެ. ކުއްޖާ ތިން ހަތަރު ފަހަރަށް ވެސް ފަރުވާއަށް ފޮނުވާފަ ގެންނައިރު ވެސް އެއްވެސް ބަދަލެއް ނާންނަމަ, ބެލެނިވެރިން ނިންމާނީ އެއީ ކުއްޖާގެ މައްސަލައެއް ކަމަށެވެ.

"ރަނގަޅުވާނެ ބޭނުންވާ ކުދިންނާ ދޭތެރޭ ދެކޭ ގޮތް ބަދަލުވަނީ. ސަރުކާރުން ބޮޑެތި ހަރަދުކޮށްގެން ހިލޭއޭ ފަރުވާތަކެއް އެ ދެނީ. އެކަމަކު ކުއްޖާ ރަނގަޅުވާން ބޭނުން ނުވާތީއޭ ރަނގަޅު ނުވަނީ. އެއްވެސް މީހަކު ނުބަލާ ކުއްޖާއަށް މި ދެނީ އެ ކުއްޖާ ބޭނުން ކުރި އެތީގެ ސަބަބުން ރަނގަޅުވާ ފަރުވާއެއްތޯއެއް،" އަދީބު ވިދާޅުވި އެވެ.

މަސްތުވާ ތަކެއްޗާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ހަފްލާގައި ސީޕީ ބައިވ ެރިވަނީ-- ފޮޓޯ: އާއިމް ޒަމީރު / އަދަދު


މަސްތުވާތަކެތީގެ މައްސަލާގައި ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ އެ ކަމުގައި ހިމެނޭ މީހުން ދޫވަނީ ހަމައެކަނި ފުލުހުންގެ ތަހުގީގީ ގޯސްތަކާ ހެދިއެއް ނޫނެވެ. އެކަމުގައި ދައުވާ އުފުލުމާއި ކޯޓުތަކުގައި ވެސް ގާނޫނީ ބާގަނޑުތަކެއް ހުރި ކަމަށެވެ.

ފުލުހުންނަށް ވެސް ގޯސް ހެދޭކަން ގަބޫލު ކުރައްވާ ސީޕީ ވިދާޅުވީ ކޮންމެ ފަހަރަކު އެއީ ފުލުހުންގެ އިހުމާލުންވާ ކަންކަން ނޫން ކަމަށެވެ. އެކަމުގައި ނިޒާމުގެ ތެރޭގައި ހަރުދަނާ ކުރަން ޖެހޭ ގިނަ ކަންކަން ހުރި ކަން ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

އެންމެ ތުއްތު ކުއްޖާއިން ފެށިގެން އުމުރުން ދުވަސްވެ ގައިބާރު ނެތިފައިވާ މީހާ ވެސް މިއަދު މި ރާއްޖޭގައި ވަކި ފަރަގެއް ނެތެވެ. މަސްތުގެ ފުން ކަނޑުގައި ގެނބެނީ އެވެ. ގައުމުގެ އިސްވެރިން ވެސް މި ކަމުގަ އެވެ.

އެހީއަކަށްއެދި އާދޭސްކުރާ އަޑު އަހާލާނެ މީހަކު ވެސް ނެތެވެ. މީގެން އެއްވެސް ކަމަކީ އެންމެ މީހަކަށް ރަނގަޅު ކުރެވޭނެ ކަންކަމެއް ނޫނެވެ. މަސްތުގެ ވަބާއަކީ މި ގައުމުގެ ވެރި މީހާއިން ފެށިގެން އެންމެ ނިކަމެތި އާންމު މީހާ ވެސް ބައިވެރިވުމެއް އޮވެގެން ނޫނީ ނުހުއްޓުވޭނެހާ ގޯސްހާލަތުގައި އޮތް ކަމެއްކަން މިއަދު މި ވަނީ ހާމަވެފަ އެވެ.