26 ފެބުރުވަރީ 2022 - 15:10 0
އަހުމަދުﷲ އަބްދުލްހާދީ
މަޖީދިއްޔާ ސްކޫލު: އެ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ދަނީ ރާވަމުން -- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
26 ފެބުރުވަރީ 2022 - 15:10 0
ރާއްޖޭގެ އެންމެ ބޮޑު އަދި ދުވަސްވީ އެއް ސްކޫލުކަމުގައިވާ މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުމާއި ގުޅިގެން ބާއްވާ ހާއްސަ ހަރަކާތްތަކަށްޓަކައި އެ ސްކޫލުގެ މުސްކުޅި ދަރިވަރުންނާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަން އެ ސްކޫލުން ނިންމައިފި އެވެ.
އެ ސްކޫލުން އެކަމަށްޓަކައި ނެރުނު އިއުލާނެއްގައި ބުނީ މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުމާއި ދިމާކޮށް ކުލަގަދަކޮށް އެކަން ފާހަގަކުރުމަށްޓަކައި ތަފާތު ގިނަ ހަރަކާތްތަކެއް ބާއްވަން ހަމަޖެހިފައިވާކަމަށެވެ. އެ ހަރަކާތްތައް ބާއްވަނީ އެ ސްކޫލަށް 95 އަހަރު ފުރޭ އޭޕްރިލް 19 ވަނަ ދުވަހާއި ދިމާކޮށްކަމަށް އެ އިއުލާނުގައި ބުނެ އެވެ.
އެ ހަރަކާތްތަކަށްޓަކައި ސްކޫލުގެ މުސްކުޅި ދަރިވަރުންނާ ބައްދަލުކުރުމަށް ސިލްސިލާ ބައްދަލުވުންތަކެއް އަންނަ ހޯމަ ދުވަހުން ފެށިގެން ތިން ދުވަހަށް ބާއްވާނޭކަމަށް އެ ސްކޫލުން ނެރުނު އިއުލާނުގައި ބުނެ އެވެ.
އެ ބައްދަލުވުންތަކަށް ސްކޫލު އެންމެ ފުރަތަމަ ހުޅުވި ތާރީހުން ފެށިގެން އެ ސްކޫލުގައި މިދިޔަ އަހަރާއި ހަމަޔަށް ކިޔަވައި ނިންމި ހުރިހާ ދަރިވަރުންނަށް ވަނީ ދައުވަތު އަރުވާފަ އެވެ.
ފެބްރުއަރީ 28، 21:00 – 2016 - 2021 އަށް ކިޔެވި ދަރިވަރުން ފެބްރުއަރީ 28، 22:00 – 2010 - 2015 އަށް ކިޔެވި ދަރިވަރުން މާޗު 1، 21:00 – 2000 – 2009 އަށް ކިޔެވި ދަރިވަރުން މާޗު 1، 22:00 – 1989 – 1999 އަށް ކިޔެވި ދަރިވަރުން މާޗު 2، 21:00 – 1978 – 1988 އަށް ކިޔެވި ދަރިވަރުން މާޗު 2، 22:00 – 1927 – 1977 އަށް ކިޔެވި ދަރިވަރުން
ރާއްޖޭގެ އެންމެ ފުރަތަމަ ސަރުކާރު ސްކޫލް ކަމަށްވާ މަޖީދިއްޔާ ހުޅުވިއިރު އެ ސްކޫލަށް ނަން ދީފައިވަނީ މަދަރުސަތުލް ސަނިއްޔަތުލް ހުކޫމަތުލް މަހަލްދީބިއްޔާގެ ނަމުންނެވެ.
އެ ސްކޫލުގެ އެންމެ ފުރަތަމަ ޕްރިންސިޕަލްއަކީ ރާއްޖޭގެ އެންމެ ހިދުމަތްތެރި އެއް އަދީބުކަމުގައިވާ ފަލީލަތުއްޝައިހް ހުސެއިން ސަލާހުއްދީނެވެ. އޭގެ ފަހުން ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ވެސް ވަނީ އެ ސްކޫލުގެ ޕްރިންސިޕަލްކަން ކުރައްވާފަ އެވެ.
މަޖީދިއްޔާ ސްކޫލުގެ ކުރީގެ ފޮޓޯއެއް. ފޮޓޯ: ޓްވިޓާ
ރާއްޖޭގެ ރައީސްކަން ކުރެއްވި ގިނަ ބޭފުޅުންނަކީ މަޖީދިއްޔާ ސްކޫލުން ކިޔަވައިވަޑައިގެންނެވި ބޭފުޅުންކަން ވެސް ފާހަގަކޮށްލެވެ އެވެ.
އެގޮތުން ކުރީގެ ރައީސް އިބްރާހިމް ނާސިރު، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މަޖީދިއްޔާ ސްކޫލުން ކިޔަވައިވަޑައިގެންފަ އެވެ.
އަދި ހަމައެއާއެކު ރާއްޖެ މިހާތަނަށް ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރެއިން ހިމެނޭ އަލީ އަޝްފާގް އަދި އިބްރާހިމް ފަޒީލް ވެސް ކިޔެވީ ހަމަ އެ ސްކޫލުންނެވެ. އޭގެ އިތުރުންވެސް ރާއްޖޭގެ ފާހަގަކޮށްލެވޭ ގިނަ ޝަހުސިއްޔަތުތަކެއް ވަނީ މަޖީދިއްޔާ ސްކޫލުން ކިޔަވާފަ އެވެ.
ރާއްޖޭގެ އެހެން ގިނަ ސްކޫލުތަކެކޭ އެއްގޮތަށް މަޖީދިއްޔާ ސްކޫލުގައި ވެސް މިހާރު ދެ ޖިންސުގެ ކުދިންނަށް ކިޔަވައިދެމުންދާއިރު އެ ސްކޫލު ތާރީހީގޮތުން ފާހަގަކޮށްލެވެނީ ހަމައެކަނި ފިރިހެން ދަރިވަރުންނަށް ކިޔަވައިދިނުމަށް ހާއްސަ ސްކޫލެއްގެ ގޮތުގަ އެވެ.
Comment