Advertisement

ބަދަލުގައި މުވައްޒަފުން ނަގަން ކައުންސިލުތަކަށް ލުޔެއް

26 ފެބުރުވަރީ 2022 - 10:15 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ހދ. ހަނިމާދޫގެ ގޮނޑުދޮށުގައި އަންހެނުންތަކެއް މަޑުކޮށްލައިގެން: ހުސްވެފައިވާ ސިވިލް ސާވިސް މަގާމުތަކަށް މުވައްޒަފުން ނެގުމުގައި ކައުންސިލުތަކަށް ވަނީ ލުއި ދީފައި. -ފައިލް ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު


ބަދަލުގައި މުވައްޒަފުން ނަގަން ކައުންސިލުތަކަށް ލުޔެއް

26 ފެބުރުވަރީ 2022 - 10:15 0

ކައުންސިލްތަކުން ބަޖެޓްކޮށްފައިވާ މަގާމުތަކުން މުވައްޒަފުން ވަކިވުމުގެ ސަބަބުން ހުސްވާ މަގާމުތަކަށް މުވައްޒަފުން އަލުން ނެގުމުގައި މިހާރު އަމަލުކުރަންޖެހޭ އުސޫލަށް ލުއި ދީފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އިގުތިސޯދާއި ދައުލަތުގެ އާމްދަނީއަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ސިވިލް ސާވިސްގެ އިދާރާތަކާއި ދައުލަތުގެ އެހެން އިދާރާތަކަށް ވެސް މުވައްޒަފުން ނެގުން ވަރަށް ބޮޑަށް ހިފެހެއްޓި އެވެ. އަދި ހުސްވާ މަގާމުތަކަށް ވެސް މުވައްޒަފުން ނެގުން ކޮންޓްރޯލްކުރި އެވެ.

މިގޮތުން، މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސިވިލް ސާވިސްގެ ހުސް ވެފައިވާ މަގާމުތަކަށް މުވައްޒަފުން ނަގާއިރު ސީދާ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް އޮތީ އަންގައިފަ އެވެ.

އެ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ ހުސްވާ ސިވިލް ސާވިސްގެ މަގާމުތަކަށް މުވައްޒަފުން ނަގާއިރު، ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭތީ ދިމާވާ ދަތިތައް ހައްލުކުރުމަށް އެ އުސޫލަށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެ އިއުލާނުގައި ބުނީ، ޖެނުއަރީ 1، 2020 ގެ ފަހުން ހުސްވެފައިވާ ނުވަތަ ހުސްވާ މަގާމުތަކަށް މުވައްޒަފުން ހޯދައި، ވަޒީފާ ހަމަޖެއްސުމަށް ފިނޭންސްގެ ހުއްދަ ހޯދަން ނުޖެހޭ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތުން، އެ މުއްދަތުގެ ފަހުން ހުސްވެފައިވާ މަގާމުތަކަށް މުވައްޒަފުން ނަގާއިރު، ސީއެސްވިއުގަ މެދުވެރިކޮށް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅާ އިރު، "ވަކިވާ މުވައްޒަފުންގެ ބަދަލުގައި މުވައްޒަފުން ނެގުމުގެ ހުއްދަ" ފޯމާއެކު ހުށަހެޅުމުން ފުދޭނެކަމަށް އެ އިއުލާނުގައި ބުންޏެވެ.

ނަމަވެސް، ޖެނުއަރީ 1، 2020ގެ ކުރިން ހުސްވެފައިވާ މަގާމުތަކަށް މުވައްޒަފުން ނަގާނަމަ، ފިނޭންސް މިނިސްޓްރީގެ ހުއްދަ އަދިވެސް ހޯދަންޖެހޭނެކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުންޏެވެ.

ސިވިލް ސާވިސްގެ ހުސްވެފައިވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގެ އުސޫލު ބަދަލުކޮށްފައި މިވަނީ ސަރުކާރުގެ ބައެއް ދާއިރާތަކަށް ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށާއި ހިދުމަތްތައް ހަރުދަނާކުރަން ބޭނުންވާ ވަޒީފާ އިތުރުކުރުމަށްޓަކައި މިއަހަރުގެ ދައުލަތުގެ ބަޖެޓްގައި 622.6 މިލިއަން ރުފިޔާ ހިމަނާފައިވަނިކޮށެވެ.

މިއަހަރުގެ ބަޖެޓުގައި 36.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ގޮތުން، އޮފީސްތަކުން މިހާރު ހުސްވެފައި ހުރި މަގާމުތަކާއި އަލަށް އުފައްދާ މަގާމުތަކާއެކު ޖުމުލަ 3،244 މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް ހިމަނާފައި ވެއެވެ.

ދައުލަތުގެ ބަޖެޓުން އަބަދުވެސް އެންމެ ބޮޑު ހޭދައެއް ކުރަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ. އެގޮތުން މި އަހަރުގެ ބަޖެޓުން 9.7 ބިލިއަން ރުފިޔާ މުވައްޒަފުންގެ ހަރަދުތަކަށް ހިނގާނެ ކަމަށް ފިނޭންސުން ލަފާކުރެ އެވެ. މިއީ ޖުމްލަ ހަރަދުގެ 26.4 ޕަސެންޓެވެ.

އެ އަދަދުގެ ތެރެއިން މުސާރަ އާއި އުޖޫރައިގެ ގޮތުގައި ހިނގާނެ ކަމަށް ލަފާކުރަނީ 5.4 މިލިއަން ރުފިޔާ އެވެ. އަދި އެލަވަންސްތަކަށް އިތުރު 4.3 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސުން ލަފާކުރެ އެވެ. މިއީ މި އަހަރު މުވައްޒަފުންގެ ހަރަދުތަކަށް ހިނގާނެ ކަމަށް 8.6 ބިލިއަން ރުފިޔާއަށް ވުރެ 13 ޕަސެންޓު އިތުރު އަދަދެކެވެ.

މުވައްޒަފުންގެ އުޖޫރައަށް ކުރާ ހަރަދުތައް ކޮންމެ އަހަރަކު އިތުރުވަމުން ދިޔަ ނަމަވެސް، މި އަހަރު މިވަރުގެ އިތުރުވުމެއް އަންނަނީ މިނިމަމް ވޭޖާއި ނޭޝަނަލް ޕޭ ހާމަނައިޒޭޝަން ތަންފީޒުކުރަން ނިންމާފައިވާތީ އެވެ.