Advertisement

އެހެން ގައުމުތަކަށް ވެކްސިން ހޯދައިދިނުމަށް ރާއްޖޭގެ އެއްބާރުލުން ލިބޭނެ: ނައިބު ރައީސް

26 ފެބުރުވަރީ 2022 - 10:24 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ: މެދު ފަންތީގެ ގައުމުތަކުން ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމަށް އޭސީޓީ ފަންޑުން މަދުވާ 16 ބިލިއަން ޑޮލަރު ހަމަކޮށްދިނުމަށް ނައިބް ރައިސް އެދިވަޑައިގެންނެވި-- ފޮޓޯ: ރައީސް އޮފީސް


އެހެން ގައުމުތަކަށް ވެކްސިން ހޯދައިދިނުމަށް ރާއްޖޭގެ އެއްބާރުލުން ލިބޭނެ: ނައިބު ރައީސް

26 ފެބުރުވަރީ 2022 - 10:24 0

ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުންނަށްވެސް ހަމަހަމަކަމާއެކު ވެކްސިން ލިބޭނެކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުމުގައި ރާއްޖެއިން އޮތީ ތައްޔާރަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

"ގެލްވަނައިޒިން މޮމެންޓަމް ފޯ ޔުނިވާސަލް ވެކްސިނޭޝަން" ގެ ނަމުގައި އދ. ގެ މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދާ ޕްލެނަރީ ސެގްމަންޓަކަށް ދެއްވި ވީޑިއޯ މެސެޖެއްގައި ނައިބް ރައީސް ވަނީ ކޮވިޑުން އަރައިގަތުމަށްޓަކައި ވެކްސިންގެ ހަމަހަމަކަން ގާއިމްކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާފައި އެވެ.

އެގޮތުން ދެއްކެވި ވާހަކައިގައި، ދުނިޔޭގެ ހުރިހާ ގައުމަކަށް ވެކްސިން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމުގައި ވިދާޅުވި އެވެ.

"ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ވަނީ ހަމަހަމަކަން ގެއްލިފައި. ވެކްސިން ފޯރުކޮށްދިނުމުގައި އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ގައުމުތަކަށް ވަނީ އިސްކަން ދޭންޖެހިފައި. އާމްދަނީ މަދު އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ބޮޑެތި އާބާދީތަކަށް ވެކްސިން ނުލިބި ވަނީ ފަރަގު ބޮޑުވެފައި،" ނައިބު ރައީސް ވިދާޅުވި އެވެ.

ވެކްސިނަކީ އެންމެންގެ ހައްގު އޭގައި އެކުލެވޭ އެއްޗެއްގެ ގޮތުގައި ދެކި ހުރިހާ ގައުމުތައް ގުޅިގެން މަސައްކަތްކޮށް 2020 ވަނަ އަހަރު ވާލްޑް ޓްރޭޑް އޮގަނައިޒޭޝަނުން ހުށަހެޅި ފަދައިން ކޮވިޑް ވެކްސިންގެ ޕޭޓަންޓްތައް ވަގުތީގޮތުން މަޑުޖައްސާލައި ވެކްސިންގެ ރައްކާތެރިކަން އެންމެހާ ގައުމުތަކަށް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ގައުމުތަކުގެ ލީޑަރުންނަށް ނައިބް ރައީސް ވަނީ ގޮވާލައްވާފަ އެވެ.

އެގޮތުން ދަށް އަދި މެދު ފަންތީގެ ގައުމުތަކުގައި ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމަށް ގާއިމްކޮށްފައިވާ އޭސީޓީ އެކެސެލެރޭޓާގެ ގްރާންޓް ފަންޑިންގް އަށް މަދުވާ 16 ބިލިއަން ޑޮލަރު ހަމަކޮށްދިނުމަށް މަސައްކަތް ކޮށްދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.

"ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ކޮވިޑްގެ ސަބަބުން ކުރިމަތިވި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އެ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުން މުހިންމު،" ފައިސަލް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑުން ރައްކާތެރިކަން ހޯދައިދިނުމަށް އަމާޒުކޮށް ހިންގުނު ވެކްސިން ޖެހުމުގެ ގައުމީ ކެމްޕެއިން "ދިފާއު" ކެމްޕޭނުގެ ކާމިޔާބީގެ މައްޗަށް އަލިއަޅުވާލައްވާ ނައިބް ރައީސް ވިދާޅުވީ ކޮވިޑުގެ ހަލަތުން އަރައިގަތުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އެ ހާލަތުގައި ދިވެހިން އެއް ބައެއްގެ ގޮތުގައި ދެއްކި އެއްބައިވަންތަކަން ކަމަށެވެ.

އަދި ބައިނަލްއަގުވާމީ މުޖުތަމައުއާ ރާއްޖެއާ ދެމެދު ބެހެއްޓި ގާތްކަމާއި ދެއްވި އެހީތެރިކަން ކަމަށް ނައިބް ރައީސް ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ފައިސަލް ވަނީ ވެކްސިންގެ ހަމަހަމަކަން ކަށަވަރުކުރުމަށާއި މުޅި ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުމަށް ބުއްދިވެރި ފިޔަވަޅުތަކެއް އެޅުމަށް ދުނިޔޭގެ ލީޑަރުންނަށް ވެސް ގޮވާލައްވާފަ އެވެ.