Advertisement

ދިވެހި ފިލްމު "ދެރިޔާ" އިން ޞޯދުބޭގެ މޮޅު ޅެންވެރިކަން

25 ފެބުރުވަރީ 2022 - 08:50 0

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

ޢަބްދުﷲ ޞާދިޤް "އަދަދު" އަށް އިންޓަވިއު ދެއްވަނީ. --ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ދިވެހި ފިލްމު "ދެރިޔާ" އިން ޞޯދުބޭގެ މޮޅު ޅެންވެރިކަން

25 ފެބުރުވަރީ 2022 - 08:50 0

މޮޅެތި ދިވެހި ފިލްމުގެ ވާހަކަ ދައްކާ ކޮންމެ މެހެފިލެއްގައިމެ، 1994 ވަނަ އަހަރުގެ "ސުޕަރހިޓް" ފިލްމު "ދެރިޔާ" ގެ ނަންގަނެވޭނެ އެވެ. ދިވެހި ފިލްމުތަކުގެ ފަންނީ މަސައްކަތްތަކަށް ބަދަލުތަކެއް ގެނުވި ފިލްމަކަށް އެ ފިލްމުވާނެ އެވެ. ފިލްމީ ދުނިޔެއަށް މުޅީން އާ ދެ މޫނެއް ލީޑް ރޯލުން ފެނުނު އިރު، އެ ފިލްމުގައި ދެން ފެންނަ ތަޖުރިބާކާރު އެކްޓަރުންނާ އެއް ހަމައެއްގައި އެ ދެ ފަންނާނުންނަށް ފައި ހަމަ ކޮށްލެވުމުގެ އެއް ސަބަބު ކަމުގައި ގިނަ ބަޔަކު ދައްކަނީ މޮޅު ޑިރެކްޓަރ މުޙައްމަދު ނިޔާޒު "ޓެޑްރީ" އެވެ. އަނެއް ބަޔަކު އެ ފިލްމުން ދައްކާ މަންޒަރުތަކުގެ މަސްދަރު ކަމުގައި ދައްކަނީ، ޕްރޮޑިއުސަރު ޢަބްދުލް މުޙައިމިނުގެ ހިކުމަތްތެރިކަމެވެ.

އަޅުގަނޑަށް އެ ފިލްމު ޚާއްޞަ ވަނީ އެ ފިލްމުގެ ސައުންޑްޓްރެކުންނެވެ. ފިލްމުގެ ލަވަތަކުގައި އެހުރި ފުން ޢިބާރާތްތަކުން ދޭ ޢިބުރަތްތެރި ދަރުސްތަކުންނެވެ. ލަވަތަކުގެ ކޮންމެ ލަފުޒެއް، އެ ފިލްމުގެ ވާހަކައާ ގުޅި ލާމެހިގެންދާ ރީތިކަމުންނެވެ. ހައިރާންވާންވީ ސަބަބެއް ނެތެވެ. ލަވަތައް ހައްދަވާފައިވަނީ، ތަޢާރަފަކަށް ބޭނުންނުވާ، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޞާދިޤް (ސޯދުބެ) އެވެ. މިލަވަތައް ޢާއްމުންނަށް ތަޢާރަފުވިތާ މިހާރު މި ވަނީ 28 އަހަރު ވެފައެވެ. އެހެންނަމަވެސް މި ލަވަތަކުގެ ޚިޔާލުތައް އަދިވެސް ދަނީ ދިރެމުން ދިރެމުންނެވެ. މި ލަވަތަކުގައި އިޝާރާތްކުރައްވާ އިޖުތިމާޢީ މައްސަލަތަކަށް އަދިވެސް ވަނީ ހައްލެއް ނުހޯދިފަ އެވެ. އެހެންކަމުން، މިއަދުވެސް އެ ލަވަތައް ވެފައިވަނީ، އެ ފަދަ ތަޖުރިބާތައް ކުރަން ޖެހުނު މީހުންނަށް ލިބޭ ތަސައްލީއަކަށެވެ. ކުޑަ ކުޑަ މިސާލެކެވެ. "ހިލަހިތެއް ކަރުނައިން މަޑުވާނެހޭ؟” މި ލަވައިގެ މައިގަނޑު ބައްލަވާށެވެ.

"މަގޭ ލޯބިދަރިފުޅާ ނުމެރޯށެ ކެތްކުރޭ

ހަރުހިތެއް ހިލަހިތެއް ކަރުނައިން މަޑުވާނެހޭ؟"

މިއީ ފިލްމުގެ ބަޠަލާ އާއި އޭނާގެ ދަރިފުޅު އެއްލާލާފައި އޭނާގެ ފިރިމީހާ އޭނާ ފޮނުވާލުމުން، ބޯކޮށް ވާރޭ ވެހޭ ރެއެއްގައި ދަރިފުޅާއެކު އޭނާގެ މައިންބަފައިންގެގެއަށް ދާ މަންޒަރު ފެންނަ ވަގުތު "ޕްލޭބެކް"ގެ ގޮތުގައި އިވޭ ލަވަ އެވެ. ދަރިފުޅު ލޮއްސަން ކިޔައިދޭ "ނާނާ" އެކެވެ. ފިލްމުގެ ބަޠަލުގެ އަނިޔާވެރިކަމާއި، އޭނާގެ ހިތްހަރުކަމާއި ރަޙުމު ކުޑަކަމުގެ ވާހަކަ، މި ދެ ފޮޅުވަތުން މި ސިފަކޮށްދެނީ، ހާދަ ޖަޒުބާތެއް އޭގައި ހިމެނޭ ގޮތަށެވެ. މައެއް މި ލަވަ މި ކިޔައިދެނީ ރޮއި ރޮއި ހުރި ތުއްތު ދަރިފުޅަށެވެ. ދެމައިން ކިތަންމެ ވަރަކަށް ރުޔަސް، އެ ކަރުނަ އެޅެނީ ހިލަ ހިތަކަށް ކަމުގައިވާތީ، އެ ހިތް މަޑު ނުވާނޭކަމަށް ބުނެ ދަރިފުޅަށް ނަޞޭޙަތްދޭ ހިނދު ހާމަވަނީ، އޭނާގެ ހިތުގައިވާ މާޔޫސީ އާއި ނާއުއްމީދެވެ. ގެވެށި އަނިޔާގެ މައްސަލަ އާއި، އެ އަނިޔާގެ ޝިކާރައަކަށްވާ ތުއްތު ދަރިންނާއި މައިންގެ މައްސަލައަކީ އަދިވެސް ދިވެހިންނަށް ޙައްލު ނުކުރެވޭ މައްސަލައެކެވެ. އެ ކުދިން ބޮޑެތިމީހުންނަށް ވެގެންދާއިރުވެސް، ތުއްތު އިރު އެ ލާ "ނަފްސާނީ ފާރުގަނޑު" ނުހިކި ހުރެ އެވެ. އޭގެ ނޭދެވޭ އަސަރުތައް އެއް ޖީލުން އަނެއް ޖީލަށް ވާރުތަވަމުންދާ މަންޒަރު ފެނެ އެވެ.

މި ލަވައަށް 28 އަހަރު ވެފައިވާއިރު، މި ލަވައިގެ ބައެއް ޢިބާރާތްތައް މި ވަނީ ދިވެހިންގެ ބަސްމޮށުމުގައި އެކި މާނައިގައި ބޭނުންކުރާ ޢިބާރާތްތަކަށް ވެފަ އެވެ. ސިޔާސީ ލީޑަރުންނަށް ދެކޮޅުވެރިކަން ދެއްކުމުގެ ގޮތުންވެސް މިހާރު މި ލަވައިގެ ޢިބާރާތް "ހަރުހިތެއް ހިލަހިތެއް ކަރުނައިން މަޑުވާނެހޭ؟" ބޭނުންކުރާ އަޑު އިވެމުންދެ އެވެ. މިއީ މި ލަވައިގައި އަދިވެސް ދިރުން ހުރި ކަމުގެ އަގުހުރި މިސާލެކެވެ.

ފިލްމުގެ ޑައިރެކްޓަރު ޓެޑްރީ


އެހެންލަވައެކެވެ. "ވަކިވީ އަސަރު" މި ލަވައެވެ. ފިލްގައި މި ލަވަ އަޑުއިވެނީ ބަޠަލާގެ ކޮއްކޮގެ މަރާ ގުޅިގެން، އޭނާ ކުރާ ހިތާމައިގެ އަސަރުތައް ދައްކުވައިދިނުމަށެވެ. ފިލްމުގެ ވާހަކަ ނިއެޅެމުންދިޔައިރު، ބަޠަލާގެ ކޮއްކޮ ނިޔާވާއިރު، އޭނާ އިންނަނީ ގެވެށި އަނިޔާ ލިބެމުންދާ މާބަނޑު އަންހެނެއްގެ ޙާލަތުގަ އެވެ. ލަވަ އަޑުއަހަމުންދާއިރު ލޮލުން ކަރުނަ އޮހެނީ ހަމައެކަނި އެކްޓަރުގެއެއް ނޫނެވެ. އަދި ކިއެއްތަ، ލޯބިވާ މީހެއްގެ މަރު ދުއް ކޮންމެ މީހެއްގެ ލޮލުންނެވެ. އެ ހިތާމަ ސިފަކުރައްވަމުން ޞާދިޤް (ނޢޢވ) ލިޔުއްވާފައިވެ އެވެ.

"ދުނިޔޭގެ އުޞޫލާ ކަންތައް ނުހިނގާނެ ގޮތެއް ވޭހޭ

އެހެނަސް އެއަކީ މިހިތަށް ކެތްވާނެކަމެއް ނޫނޭ"

އޭނާއަށް ލިބެމުންދިޔަ ގެވެށި އަނިޔާގެ ސަޒާއަށް އޭނާ ކެތްތެރިވަމުންދިޔަ ނަމަވެސް، ކޮއްކޮ ވަކިވެގެންދިއުމަކީ އޭނާއަށް ކެތްވާނޭ ކަމަކަށް ނުވާކަން އެ ލަވައިން ސާފުކޮށް ކިޔައިދެއެވެ. ސާދާ އެންމެ ޢިބާރާތަކުންނެވެ.

"ރޫޙޭ ތިޔައީ، ކޮއްކޯއޭ، ލޯބީގެ އުފާ ގުޅިފައިވާ"

ކަރުނަ ފޮހެލަން ހިންގަވާށެވެ. މި ފިލްމުގައި ސޯދުބެގެ ގަލަމުން ސިފަކުރައްވާ ހަމައެކަނި އިހުސާސަކީ ހިތާމައެއް ނޫނެވެ. ލޯބީގެ އިހުސާސްތައްވެސް ސިފަކުރައްވަނީ ލުއި ފަސޭހަ ކަމާއެކުގަ އެވެ. ބަޠަލާ ޝާންގެ ލޯބިވެރިޔާ، ކެތްމަދުކަމާއެކު ޝާންގެ އިންތިޒާރުގައި ހުރެ ކުރާ އިހުސާސްތައް ފެންނަނީ "ހިނިތުންވެލީހިނދު" މި ލަވައިންނެވެ. މި ލަވައަށް ޚާއްޞަ ކަމެއް ގެނެސްދޭ އެއް ސިފައަކީ، "ޝާން" ގެ ނަން ލަވައިގައި ހިމަނުއްވާފައި އޮތުމެވެ.

"މަގޭ ޝާނު ވެލީހިނދު ހިނިތުން، ފިލުވައިފި ތަދާއެކުވޭނާ

އަދި ހުސްވެ ޚަބަރު މުޅި ދުނިޔެއިން، ދީވާނަމި ކޮށްލީ ތާދޯ!

ފެނިލާތިޔަހެން ހީނލީމާ، ގުޅި ޚިޔާލުދެއޭ ލޯބީގާ

ފޮނިތަދުގެ މިވާ އިހުސާސުން، ތަކުރާރުވެ ތަދުވީތާދޯ!"

ޝާންގެ އިންތިޒާރުގައި އޭނާއާ ދުރުގައި ހުރި އިރު، އިޤްބާލުގެ ހިތައް އަރާ ފައިބާ ހުރިހާ އިހުސާސެއް އެ ލަވައިގެ ތިން ކަޑިއަށް ސޯދުބޭ ޚުލާސާކުރައްވާފައިވަނީ، ލޯބި، ހަސަދަ، ބިރު، ހިތާމަ، މި އިން އެއްވެސް އިހުސާސެއް އުނިނުކުރައްވަ އެވެ. އެ ލަވައިގެ ކަޑިއަކަށް ބަލާލަމާތޯ އެވެ.

"ވީތަން ނޭނގޭނަމަ ރޮވިދޭ ވީތަން އެނގުމުން ހިތްދިރިދޭ

ރޯވާނެ އިރެއް ނޭނގޭމޭ އަލިފާން ހިތުގާ ހުރެ އަނދަޔޭ

ހިތްވަރު ކުރަމުން އޭ އާދޭ ރޯވާ އަލިފާން ނިވިދޭދޯ!

ފޮނިތަދުގެ މިވާ އިހުސާސުން، ތަކުރާރުވެ ތަދުވީތާދޯ!"

މުޅި ލަވަ ބަރާވެފައިވަނީ ސިފަކުރުމުގެ މުހިއްމު އުކުޅުތައް ކަމުގައިވާ "ސިމިލީ" ތަކާއި "މެޓަފޯތައް" އަދި "ހައިޕަރބޯލްތަކުންނެވެ." ހަސަދަ އަކީ ހުޅުފަޅައިގެން ދާން ތައްޔާރުވެފައިވާ އަލިފާނުގެ ގޮތުގަ އެވެ. ލޯތްބަކީ "ފޮނި ތަދު" ގެ ގޮތުގަ އެވެ.

މި ހުރިހާ ލަވަތަކެއްގެ ތެރެއިންވެސް އަޅުގަނޑަށް އެންމެ ޚާއްޞަވާ ލަވައަކީ "ރިޔަލެއް ނެތި އޮޑިއެއް ނުދުވާނެ" މި ލަވަ އެވެ. ފިލްމުގައި މި ލަވަ އަޑުއިވެނީ އޯޕަނިންގ ކްރެޑިޓްސްގެ އާއި އޯޕަނިންގ ސީންތަކުގެ ޕްލޭބެކްގެ ގޮތުގަ އެވެ. ސޯދުބޭ ވިދާޅުވާ ގޮތުގައި މިލަވައިގެ ޝިޢާރަކީ އުފާވެރި ދިރިއުޅުމަކަށް ދެ މިންތީގެ ދުޅަހެޔޮ ގުޅުމުގެ މުހިއްމުކަމެވެ. ރިޔަލެއް ނެތި އޮޑިއެއް ނުދުވާ ބީދައިން، އޮޑިއެއް ނެތި ރިޔަލެއްގެ ބޭނުމެއްވެސް ނޯންނާނޭ ގޮތަށެވެ. މި ލަވަވެސް ފުރިފައިވަނީ މިސާލުތަކުންނެވެ. މިންތީގެ ތަޢައްޞަބުތަކާއި، އެ ތަޢައްޞަބުތައް ބަލައިނުގަންނާނޭކަމަށް ބުނެ ދޭ ޒުވާބުތަކަށެވެ. އެފަދަ "ޖާހިލު" ވާހަކަތައް އަޑުއިވުމަކީ ތިމާމެން ރުޅިއަރުވަން މަސައްކަތްކުރުންކަމަށް ސިފަވާ ސިފަކުރުންތަކެއް ތަކުރާރުކުރައްވަމުންނެވެ. މައިގަނޑާއި ފުރަތަމަ ކަޑި މިތާ ނައްސުކޮށްލާނަމަވެ.

"ފިރިހެންކުދިން:

ނުމެކެކި ހުރެގެން ދުންގެންފިއްޔާ ކާނޭ މީހަކު ނުމެވާނޭ

ޅަދުވަސް އަމުދުން ގެއްލިއްޖެއްޔާ މީހަކު ހޭވެސް ނާހާނޭ

އަންހެންކުދިން:

ހީކުރަނީ ފިރިހެނުން މޮޔަބަޔެކޭ އަންހެނުން

ހީވިގޮތެއް ހަމަހިލާ ނުމެވާނޭ ކަށަވަރުން

ކުޅަނދުރަށޭ ހަތަޔަށޭ ގާއުކަނީ ދެނެތިބޭ"

މިގޮތަށް ދެ މިންތީގެ ބަހުސެއް ސިފަވާ ފަދައިން ލިޔެފައި މި އޮންނަ ލަވައިން އޮޑިއެއް ދުވުމަށް "ދެ ރިޔާ" ނެގުން މުހިއްމުވާ ސަބަބުކިޔައިދެނީ ދިރިއުޅުގެ އެކި ޞަފުޙާތަކުން މިސާލު ނަގައިގެންނެވެ. "ސަންޕަގެ ހައްވާފުޅަށް ކަންވީ ގޮތާ ހެދިގޮތާ" ކޮންމެ ޅަވަރުކުއްޖަކަށް ވާނޭހެއްޔާ ސުވާލުކުރައްވާފައި އެވަނީ ސަންޕަގެ ހައްވާފުޅަށް ލިބުނު ގެވެށި އަނިޔާއަށް އިޝާރާތްކުރައްވަމުންކަމަށް ސޯދުބެ ވިދާޅުވެފައިވަނީ އަންހެންވެރިންގެ ބަސް އިއްވަވަމުންނެވެ. މީގެ އިތުރުން، ބޮއްކުރާދޮށަށް އޮޑި ނުކަނބާނެކަމާއި، މިނެދޭނީ މިނެދޭ ނާޅިއަކުންކަންވެސް ސިފަކުރައްވަ އެވެ. ލަވައިގެ މައިގަނޑުން އެ ދޭ ނަޞޭޙަތްވެސް ދެކެލައްވާށެވެ. ރަނގަޅަށް ނުކެކި ހުރެ ދުންގަންނަ އެއްޗެއް ކާނޭ މީހެއް ނުވާނޭ ވާހަކަ އެވެ. ޅަދުވަސް ނަގާލައިފިނަމަ ދެން ކުރިމަތިވާނޭ ގޮންޖެހުންތަކާއި ދަތިތަކުގެ ވާހަކަ އެވެ. އަގުހުރި ގޮތުގައި، ޙިކުމަތްތެރިކަމާއެކު ޅަދުވަސް ވެއަތުކުރުމުގެ މުހިއްމުކަމުގެ ވާހަކަ އެވެ.

މި ލަވައިގައި ފިރިހެންވެރިން އެހެން ބުނަނީ އަންހެންވެރިންނަށް ކުރާ މަލާމާތެއްގެ ގޮތުގަ އެވެ. އެހެންނަމަވެސް އަންހެންވެރިން އެއަށް ޒުވާބު ދިނުމުން، ދެން ފިރިހެންވެރިން އަލުން ފަށާއިރު، އެއީ ސަމާސާއެއް ކަމަށް ބުނެ އެވެ. ލަވައިގައި މި މޭރުމުން ބުނި ދެރަބަހެއްކަމުގައިވިޔަސް، މި ދެ ފޮޅުވަތަކީ، ދިރިއުޅުމުގެ އަގުހުރި ފިލާވަޅެއް ދޭ ފޮޅުވަތެއްކަމަށްވެސް އަޑުއަހާ މީހަކަށް ބެލޭނޭ ޖާގަ އެބައޮތެވެ. ސީދާ ލަވައާ ކުޑަކޮށް ފެޔަށް ޖެހިލާނަމެވެ. އޮފީސް މާހައުލާއި، ޢާއްމު ދިރިއުޅުމުގައްޔާއި ސިޔާސީ ޕޯޑިއަމްތަކުގައިވެސް ނުކެކި ތިބެ ދުންގަނެފައި ތިބޭ އެތައް ބަޔަކު އެބަ ފެނެ އެވެ. އަދި އެމީހުންނަށް ހެދޭ ގޯސްތައް "ރަނގަޅަށް ކައްކާފައި" ތިބޭ ސިކުނޑިތަކުން އިސްލާޙުކުރާ މަންޒަރު ފެނެ އެވެ.

"ދެރިޔާ" މި ފިލްމުގެ ސައުންޑްޓްރެކްގައި ފެންނަނީ ހަމައެކަނި ސޯދުބޭގެ މަސައްކަތެއް ނޫނެވެ. އެހެންނަމަވެސް، އަޅުގަނޑަށް ސޯދުބޭގެ މަސައްކަތްތައް ޙާއްޞަ ވަނީ ފިލްމުގެ ޕްލޮޓާ ގުޅުވާލައްވާފައިވާ އޮމާންކަމުންނެވެ. މިސާލުތަކުގެ ރީތިކަމުންނެވެ. ޝިޢާރުތައް ހާމަކުރައްވާފައިވާ ފުރިހަމަކަމުންނެވެ. ސޯދުބެ ވިދާޅުވާ ގޮތުން މިއީ ފިލްމުގެ ޕްރޮޑިއުސަރު ޢަބްދުﷲ މުހައިމިންގެ އިރުޝާދަށް، އެކުލަވާލައްވާފައިވާ ލަވަތަކެއް ކަމަށެވެ. މަންޒަރުތައް ސިފަވެގެންދާނޭ ގޮތަށް ވިސްނަމުން ކުރައްވާފައިވާ މަސައްކަތެއްކަމަށެވެ.

މިއަދުވެސް ދިވެހި ފިލްމީ ދާއިރާގައި ފިލްމުތަކުގެ ސައުންޑްޓްރެކް ހަދައެކެވެ. ޕްލޭބެކްގެ ގޮތުގައި އެ ލަވަތައް ބޭނުންކުރެ އެވެ. މި ފަދަ ލަވަތައް ހަދާ ޒުވާން ޅެންވެރިންނާއި މި ފަދަ ފިލްތަކުގެ ޑިރެކްޓަރުންނާއި ޕްރޮޑިއުސަރުންނަށް، އަދިވެސް، 28 އަހަރަށް ފަހުވެސް، ދިވެހި ފިލްމު "ދެރިޔާ" އާއި އޭގެ ލަވަތަކުން ދަސްކުރެވޭނޭ ފިލާވަޅުތައް އެބަހުރިކަން ގައިމެވެ.