Advertisement

ނައިބު ރައީސް، ރައީސްކަމުގެ މަސްއޫލިއްޔަތުގެ ހުވާކުރެއްވުން މާދަމާ ހެނދުނު

24 ފެބުރުވަރީ 2022 - 22:03 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ނައިބު ރައީސް ފައިސަލް ނަސީމް. މިއީ ރާއްޖޭގެ ނައިބު ރައީސްއަކު ވެރިކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ފަހަރު. -- ފޮޓޯ: ރައީސް އޮފީސް


ނައިބު ރައީސް، ރައީސްކަމުގެ މަސްއޫލިއްޔަތުގެ ހުވާކުރެއްވުން މާދަމާ ހެނދުނު

24 ފެބުރުވަރީ 2022 - 22:03 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރައްވާތީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ހުވާ ނައިބު ރައީސް ފައިސަލް ނަސީމް މާދަމާ ހެނދުނު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މާދަމާ ހެނދުނު 06:00 ގައި ނައިބު ރައީސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ހުވާ ކުރައްވާނެކަން "އަދަދު" އަށް ވަނީ އެނގިފަ އެވެ. ގާނޫނުއަސާސީގައިވާ ގޮތުން އެމަނިކުފާނު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާގެ ހުވާ އެވެ.

އެމަނިކުފާނު ހުވާ ކުރައްވާނީ އުއްތަމަ ފަނޑިޔާރު ނުވަތަ އުއްތަމަ ފަނޑިޔާރު ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިފުޅުމަތީ އެވެ.

ރައީސް ސޯލިހު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑޮކްޓަރުންގެ ލަފަޔާއެކު މާދަމާ ހެނދުނުގެ ވަގުތެއްގައި އެމަނިކުފާނުގެ ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އޮޕަރޭޝަން ކުރާ ވަގުތު ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާއި ހަވާލުވެވަޑައިގަންނަވާނީ އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމް ކަމަށާއި އެކަން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަންގަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެރިކަމުގެ ބާރުތައް މިގޮތަށް ނައިބު ރައީސްގެ އަތްޕުޅަށް ބަދަލުވާނެ ފުރަތަމަ ފަހަރެވެ.

ސިޔާސީ ދާއިރާއަށް ފައިސަލް ނުކުމެވަޑައިގެންނެވީ 2004 ވަނަ އަހަރު އެވެ. ރާއްޖޭގެ ގާނޫނުއަސާސީ އިސްލާހުކުރުމަށް އެކުލަވާލި ހާއްސަ މަޖިލީހުގެ ފުވައްމުލަކުގެ މެމްބަރެއްގެ ގޮތުގައެވެ. އެ މަޖިލިސް އުވިގެން ދިއުމަށް ފަހު، ސިޔާސީ ދާއިރާއާ ދުރުގައި ހުންނެވުމަށް ފަހު، 2014 ވަނަ އަހަރު، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވައި ކާމިޔާބު ކުރެއްވިއެވެ.

ޒުވާނުންގެ ދާއިރާއަށް ކޮށްދެއްވާ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން 1999 ވަނަ އަހަރު ޒުވާނުންގެ ގައުމީ އިނާމު ފައިސަލަށް ލިބިވަޑައިގަތެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކޮށްދެއްވާ ހިދުމަތް ފާހަގަކުރުމުގެ ގޮތުން، ޑިސްއެބިލިޓީ އެމްބެސެޑަރުކަން 2014 ވަނަ ލިބިވަޑައިގަތެވެ. އަދި ޓޫރިޒަމްގެ ދާއިރާއަށް ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކޮށް، މަޓާޓޯއިން ހާއްސަ އެވޯޑެއް 2015 ވަނަ އަހަރު ފައިސަލަށް ލިބިވަޑައިގެންފައި ވެއެވެ.

ނައިބު ރައީސް ކަމުގެ ހުވާ ފައިސަލް ކުރެއްވީ ނޮވެމްބަރު 17، 2018 ގަ އެވެ. އެމަނިކުފާނު ރައީސް ސޯލިހުގެ ރަނިންމޭޓުގެ ގޮތުގައި އިންތިހާބުގައި ވާދަކުރެއްވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.

ގާނޫނުއަސާސީގެ 123 ވަނަ މާއްދާގެ ހ. ގައި އޮތީ "ރައީސުލްޖުމްހޫރިއްޔާ އަށް އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޛުރުވެރިވެއްޖެ ކަމަށް ޤަބޫލުކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރާންވާނެ،" ކަމަށެވެ.