Advertisement

ނޫރީ އަށް ބަދަލުގެ ގޮތުގައި އަޔަކްސް އިން 8.8 މިލިއަން ޑޮލަރު ދެނީ

22 ފެބުރުވަރީ 2022 - 13:26 0


ނޫރީ އަށް ބަދަލުގެ ގޮތުގައި އަޔަކްސް އިން 8.8 މިލިއަން ޑޮލަރު ދެނީ

22 ފެބުރުވަރީ 2022 - 13:26 0

އަމްސްޓެޑަމް (ފެބްރުއަރީ 22) - މީގެ ހަތަރު އަހަރު ކުރިން އަޔަކްސް އަށް ކުޅެނިކޮށް ދިމާވި ސިއްހީ މައްސަލަ އަކާ ގުޅިގެން ސިކުނޑި އަށް ބޮޑު ގެއްލުމެއް ލިބުނު ޒުވާން ކުޅުންތެރިޔާ އަބްދެލްހަކް ނޫރީ އަށް ބަދަލެއްގެ ގޮތުގައި 7.85 މިލިއަން ޔޫރޯ (8.8 މިލިއަން ޑޮލަރު) ދިނުމަށް އަޔަކްސް އިން ނިންމައިފި އެވެ.

ވާޑާ ބްރޭމަންއާ ދެކޮޅަށް 2017 ވަނަ އަހަރުގެ ޖުލައި މަހު އަޔަކްސް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އެ ޓީމަށް ކުޅެނިކޮށް، ނޫރީ ވަނީ ދަނޑު މައްޗަށް ކުއްލިއަކަށް ވެއްޓިފަ އެވެ. ހިތުގެ މައްސަލައަކާ ގުޅިގެން ދިމާވި ހާދިސާގައި، ނޫރީގެ ސިކުނޑި އަށް ވަނީ ބޮޑު ގެއްލުމެއް ލިބިފަ އެވެ. މި ހާދިސާ އަށް ފަހު، މީހެއްގެ އެހީއަކާ ނުލައި ނޫރީ އަށް ދެން ނޫޅެވޭނެ އެވެ.

ނޫރީގެ ކޮންޓުރެކްޓް އަޔަކްސް އިން 2020 ވަނަ އަހަރު އުވާލި ނަމަވެސް، އޭނާގެ ސިއްހީ ފަރުވާ އަށް ބޭނުންވާ ހުރިހާ ހަރަދެއް ބެލެހެއްޓުމަށް އެ ކްލަބުން ވަނީ ނިންމައިފަ އެވެ.

އެހެން ނަމަވެސް، ނޫރީގެ ސިކުނޑި އަށް ގެއްލުންވީ ހާދިސާ ދިމާވި ވަގުތު، އޭނާ އަށް އެކަށީގެންވާ ފަރުވާ ދިނުން ލަސްވެގެން ކަމަށް ތަހުގީގުން އެނގުމާ ގުޅިގެން، އަޔަކްސްއާ ދެކޮޅަށް ނޫރީގެ އާއިލާ އިން ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.

މި މައްސަލައިގައި ދެ ފަރާތުން ކުރި މަޝްވަރާތަކަށް ފަހު، އަޔަކްސް އިން ވަނީ ބަދަލެއްގެ ގޮތުގައި ނޫރީގެ އާއިލާ އަށް 7.85 މިލިއަން ޔޫރޯ ދިނުމަށް އަޔަކްސް އިން ވަނީ 2018 ވަނަ އަހަރު ނިންމައިފަ އެވެ.

"މިކަމުގެ ދެ ފަރާތުން އެއްބަސްވުމަކަށް އާދެވުމަކީ ވަރަށް ރަނގަޅު ކަމެއް. އެއީ މި މައްްސަލަ ހައްލުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ކްލަބުން ވެސް ދެކޭތީ،" އަޔަކްސްގެ ޗީފް އެގްޒެކުޓިވް އެޑްވިން ވެންޑަސާ ބުންޏެވެ، "ނޫރީގެ އާއިލާ އިން އޭނާގެ ބަލަހައްޓަމުން ދަނީ ވަރަށް ރަނގަޅަށް. އެކަން ކްލަބުން ވެސް ފާހަގަކުރަން."

ނެދަލޭންޑްސްގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅެފައިވާ ނޫރީ ،24، ވަނީ އަޔަކްސްގެ ޓީމަށް 15 މެޗު ކުޅެފަ އެވެ.

އަޔަކްސް އިން ވަނީ އެ ޓީމުގެ ނޫރީގެ ބޭނުންކުރަމުންދިޔަ "34" ނަމްބަރު ޖޯޒީ ރިޓަޔާކޮށްފަ އެވެ. މީގެ އިތުރުން ނޫރީގެ ނަމުގައި، ކޮންމެ އަހަރަކު ވެސް އަޔަކަސް އެކެޑަމީގެ އެންމެ މޮޅު ކުޅުންތެރިއެއް އެވޯޑް ދޭ ގޮތަށް ވަނީ ނިންމައިފަ އެވެ. -- އޭއެފްޕީ