Advertisement

ތޭރަ ދަރިވަރުން ރޭޕްކުރި އިންޑޮނީޝިއާގެ ޓީޗަރު އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

15 ފެބުރުވަރީ 2022 - 19:30 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ވިރަވަން އަކީ އިންޑޮނީޝިއާގެ ބޯޑިން ސްކޫލެއް ހިންގާ މީހެއް. -- ފޮޓޯ: ވެސްޓް ޖާވާ ޕްރޮސެކިއުޓާ އޮފީސް


ތޭރަ ދަރިވަރުން ރޭޕްކުރި އިންޑޮނީޝިއާގެ ޓީޗަރު އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

15 ފެބުރުވަރީ 2022 - 19:30 0

އިންޑޮނީޝިއާގައި ބޯޑިން ސްކޫލެއް ހިންގި ޓީޗަރަކު، 13 އަންހެން ދަރިވަރުން ގްރޫމްކޮށް ރޭޕްކުރި މައްސަލައިގައި އޭނާ އުމުރަށް ޖަލަށް ހުކުމްކޮށްފި އެވެ.

ހެރީ ވިރަވަންގެ މައްސަލަ ފެންމަތިވީ މިދިޔަ އަހަރު އެވެ. އުމުރުން 11-16 އަހަރުގެ ކުދިންތަކެއް ރޭޕްކުރިކަން ފަޅާ އެރުމުން، އިންޑޮނީޝިއާގެ ރައްޔިތުން ތިބީ ޝޮކެއްގަ އެވެ.

ވިރަވަން އަކީ ދީނީ އިލްމު އުނގަންނައިދޭ ޓީޗަރެކެވެ. އޭނާ ވަނީ 2016 ވަނަ އަހަރުން ފެށިގެން ދަރިވަރުން ރޭޕްކޮށްފަ އެވެ. އޭގެ ތެރެއިން އަށް ދަރިވަރުން ބަލިވެ އިނދެ، ނުވަ ތުއްތު ކުދިން އުފަންވި އެވެ.

ޕްރޮސެކިއުޓަރުން ކޯޓުގައި އެދުނީ އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވައި ދިނުމަށެވެ. ނަމަވެސް ބަންޑުންގް ޑިސްޓްރިކްޓު ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އަންގާރަ ދުވަހު ކަނޑައެޅީ އުމުރުން 36 އަހަރުގެ ވިރަވަން އުމުރަށް ޖަލަށް ލުމަށެވެ.

އޭގެ އިތުރުން "ކެމިކަލް ކާސްޓްރޭޝަން"ގެ އެހީގައި ވިރަވަންގެ ޖިންސީ އެދުންވެރިކަން ކުޑަކުރަން ވެސް ޕްރޮސެކިއުޓަރުން ހުށަހެޅި އެވެ. ނަމަވެސް ކޯޓުން ނިންމީ އެކޮޅާ ދެކޮޅަށެވެ.

އެތައް އަހަރަކަށް ދެމިގެން ދިޔަ ޖިންސީ އަނިޔާ ފަޅާ އެރީ މިދިޔަ އަހަރުގެ މޭ މަހު، ސްކޫލުގެ ދަރިވަރަކު ބަލިވެއިނުމުން، އެކަން ބެލެނިވެރިންނަށް އެނގުނު ހިސާބުންނެވެ.

އިންޑޮނީޝިއާގެ ސަރުކާރުން ބުނީ ވިރަވަން ރޭޕްކުރި ކޮންމެ ދަރިވަރަކަށް ފައިސާގެ ބަދަލުގެ ގޮތުގައި 5،945 އެމެރިކާ ޑޮލަރު ނުވަތަ 85 މިލިއަން އިންޑޮނީޝިއަން ރުޕިއާ ދޭނެ ކަމަށެވެ.