Advertisement

"ޖަޒީރާ 102" އަށް 155 ޓަނުގެ މަސް ކިރައިފި، މިފްކޯއަށް ތާރީހީ ދުވަހެއް

15 ފެބުރުވަރީ 2022 - 15:12 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ގދ. ތިނަދޫ ގެ ބަނދަރުގައި މަސް ކިރުމަށް ދެ ބިދޭސީއަކު ވަށިގަނޑަކަށް މަސް އަޅައިގެން ގެންދަން މަސައްކަތް ކުރަނީ. މަސް ގަނެ، އެކްސްޕޯޓްކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި މިފްކޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


"ޖަޒީރާ 102" އަށް 155 ޓަނުގެ މަސް ކިރައިފި، މިފްކޯއަށް ތާރީހީ ދުވަހެއް

15 ފެބުރުވަރީ 2022 - 15:12 0

ހޯމަ ދުވަހު 155.57 ޓަނުގެ މަސް ކިރައި, އެއް ބޯޓަކުން އެއް ދުވަހެއްގެ މައްޗަށް އެންމެ ގިނައިން މަސް ކިރުމުގެ ރެކޯޑް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ "ޖަޒީރާ 102" ބޯޓުން ގާއިމް ކޮށްފި އެވެ.

ގދ. ތިނަދޫ ބަނދަރުގައި އޮވެ އެ ބޯޓުން ހޯމަ ދުވަހު މި އަދަދަށް މަސް ކިރާފައިވާއިރު މިހާރު އެ ބޯޓު އަންނަނީ ފެލިވަރު ބަނދަރަށް ދަތުރު ކުރަމުންނެވެ. ކުރިޔަށް އޮތް 30 ގަޑިއިރު ތެރޭ ފެލިވަރަށް އެ ބޯޓު ވަންނާނެ ކަމަށް މި ނޫހަށް މައުލޫމާތު ދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވި އެވެ.

ފެލިވަރަށް މަސް ހުސްކުރުމަށް ފަހު އަނެއްކާ ވެސް މަސް ގަތުމަށް ރާއްޖޭގެ ހިސާބުތަކަށް އެ ބޯޓު ދަތުރުކުރާނެ އެވެ.

އިސްމާއިލް ވިދާޅުވި ގޮތުން އެ ބޯޓު އޮޕަރޭޝަނަށް ނެރުމަށް ފަހު އަމާޒަކަށްވީ ދުވާލެއްގެ މައްޗަށް 120 ޓަނުގެ މަސް ގަތުން ކަމަށެވެ. ނަމަވެސް، ހޯމަ ދުވަހު އެ އަދަދު ބޮޑުތަނުން އިތުރުވެ ރެކޯޑެއް ވަނީ ގާއިމްކޮށްފަ އެވެ.

"މަސްވެރިކަން ޑިސެމްބަރުން ފެށިގެން ވަރަށް ރަނގަޅު. އަޅުގަނޑުމެންގެ ބޯޓުތަކަށް އިއްޔެ ވެސް 400 ޓަނަށް ވުރެ ގިނަ މަސް ކިރި. މިއަދު ތިނަދޫ ބަނދަރުގައި އޮތް ތިން ދޯންޏަކުން އެކަނި ވެސް 62 ޓަނުގެ މަސް ކިިރި،" މި ނޫހާ ވާހަކަ ދައްކަވަމުން އިސްމާއިލް ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި އެކުންފުނީގެ ބޯޓުތަކުން މިއަދު ވެސް 450 ޓަނަށްވުރެ ގިނަ މަސް ގަންނާނެ ކަމަށް ލަފާކުރެވެ އެވެ.

"ޖަޒީރާ 102" ބޯޓަކީ ޕޯލް އެންޑް ލައިން މަސްވެރިކަން ކުރުމަށް ފަރުމާކޮށްފައި އޮތް ޖަޕާނުގެ ބޯޓެކެވެ. މިފްކޯއިން އެ ބޯޓު އޮޕަރޭޝަނަށް ނެރުނީ މޮޑިފިކޭޝަންތަކެއް ގެނައުމަށް ފަހު އެވެ. އެގޮތުން، މިހާރު މަސް ކިރުމަށް ދެ ފަރާތުން ދޯނިފަހަރަށް ގާތް ކުރެވޭނެ އެވެ. އަދި މަސް އަވަހަށް ފިނިކުރުމަށް ބޯޓުގައި ހުރި ފިނިކުރާ ނިޒާމަށް ވެސް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.

މިދިޔަ ޑިސެމްބަރު މަހަކީ ވެސް މިފްކޯއަށް ތާރީހީ މަހެކެވެ. އެގޮތުން، މިފްކޯގެ ތާރީހުގައި އެންމެ ގިނައިން މަސްކިރާ މަސްވެރިންނަށް އެންމެ ގިނައިން ފައިސާ ދޫކުރީ ވެސް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ, 10،948 ޓަނުގެ މަހެވެ. އަދި، 901 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރި އެވެ.

މަސްވެރިކަން އާދަޔާ ހިލާފަށް މި ދުވަސްވަރު ރަނގަޅުވެފައިވުމާއެކު މި ރެކޯޑްތަކަށް މި މަހުގެ ތެރޭގައި ބަދަލު އަައުމަކީ އެކަށީގެންވާ ކަމެކެވެ.

ނިމިގެންދިޔަ 2021 ވަނަ އަހަރަކީ މިފްކޯއިން އެންމެ ގިނައިން މަސް ގަތް އަހަރެވެ. އެގޮތުން މިދިޔަ އަހަރު މަސްވެރިންގެ އަތުން 58،350 ޓަނުގެ މަސް މަސް މިފްކޯއަށް ގަތެވެ. 2020 ވަނަ އަހަރު 49،000 ޓަނުގެ މަސް ގަނެފައިވާއިރު، އޭގެ ކުރީ އަހަރު ގަނެފައިވަނީ 48،000 ޓަނުގެ މަހެވެ.