Advertisement

2019 ގައި ނޫމަރާ ފަރަށް އެރި ބާޖުން ޖޫރިމަނާގެ ގޮތުގައި 61 މިލިއަން ރުފިޔާ ދައްކައިފި

14 ފެބުރުވަރީ 2022 - 21:10 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ނޫމަރާ ނެރު މައްޗަށް ބާޖު އުރިފައި: މި ހާދިސާގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު


2019 ގައި ނޫމަރާ ފަރަށް އެރި ބާޖުން ޖޫރިމަނާގެ ގޮތުގައި 61 މިލިއަން ރުފިޔާ ދައްކައިފި

14 ފެބުރުވަރީ 2022 - 21:10 1

ދެހާސް ނަވާރަވަނަ އަހަރު ށ. ނޫމަރާ ފަރަށް އެރި ބާޖުން ޖޫރިމަނާގެ ގޮތުގައި 61 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

ނޫމަރާ ފަރަށް "މެރިން ޕަވާ-2317" ނަމަކަށް ކިޔާ ބާޖެއް އެރީ އޮކްޓޯބަރު 26، 2019 ގަ އެވެ.

އީޕީއޭއިން ބުނީ ބާޖު އުރުމުގެ ސަބަބުން ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ވަޒަންކޮށް، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ބާޖުގެ ވެރިފަރާތް 4,015,710.70 ޑޮލަރު ނުވަތަ 61،922،259 ރުފިޔާއިން ޖޫރިމަނާކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 8 ގަ އެވެ. އެ ބާޖުގެ ރާއްޖޭގެ އެޖެންޓަކީ ރޮހޮފް ޕްރައިވެޓް ލިމިޓެޑެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ނައީމް ވަނީ އެ ކުންފުނިން މި ހަފްތާގެ ތެރޭގައި އެމްއެމްއޭ އަށް އެ ޖޫރިމަނާ ދައްކާފައިވާކަން "އަދަދު" އަށް ކަށަވަރު ކޮށްދީފަ އެވެ. ހަމައެހެންމެ މީގެކުރިން ކ. ރަސްފަރީ ފަރަށް އެރި ޕެނަމާގެ އާގު ބޯޓުން ވެސް 10 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް ނައީމް މައުލޫމާތު ދެއްވި އެވެ.

މި ޖޫރިމަނާ ފައިސާގެ ތެރެއިން ބަޔެއް ދިނުމަށް ނޫމަރާ ކައުންސިލުން ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީ އާއި އީޕީއޭ ގައި ވެސް އެދިފައިވެ އެވެ. ނަމަވެސް، އެކަމުގައި އަދި ނިންމާފައިވާ ގޮތް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ނޫމަރާ ބަނދަރު ހަދަން ގެނައި އެ ބާޖް ފަރު މައްޗަށް އުރިފައި އޮންނަތާ ދެ އަހަރު ދުވަސްވި ފަހުން ފުންކޮށް، އަދި އަޑިއަށް ގޮސްފައިވާ ބައިތައް ނަގައި ސަރަހައްދު ސާފުކޮށް ނިންމީ މިދިޔަ ނޮވެންބަރު މަހެވެ. އެރަށަކީ ގާމަތި ރަށަކަށް ވުމާއެކު، ބާޖު އުރުނު ސަރަހައްދަކީ އާންމު ގޮތެއްގައި ވެސް އާދަޔާ ހިލާފަށް އޮއެ ގަދަ ސަރަހައްދެކެވެ. ބާޖު އުރުމުގެ ސަބަބުން ނޫމަރާގެ ފަރުގެ 1،632 އަކަމީޓަރުގެ ސަރަހައްދެއް ހަލާކުވެފައިވާ ކަމަށް އީޕީއޭއިން ކުރިން ބުނެފައިވެ އެވެ.