Advertisement

އެންމެ 30 ޕަސަންޓުން ވެރިކަން؛ ހުދާ ކަޅާހާ ސާފެއް ނޫން!

14 ފެބުރުވަރީ 2022 - 11:22 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މަދުވެގެން 30 ޕަސަންޓް ވޯޓު ލިބިގެން ވެރިކަމަށް އާދެވޭ ގޮތަށް ނަޝީދު ހުށަހެޅުއްވި އިސްލާހާމެދު ހިޔާލުތަފާތުވުން ބޮޑު. -ގްރެފިކްސް/ އަބްދުﷲ ޝަފީއު (އަބޯ)/އަދަދު


އެންމެ 30 ޕަސަންޓުން ވެރިކަން؛ ހުދާ ކަޅާހާ ސާފެއް ނޫން!

14 ފެބުރުވަރީ 2022 - 11:22 0

ވާދަވެރި 2013 ގެ ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދު, އެމްޑީޕީގެ އެކަނި ތާއިދާއެކު ނުކުންނަވައި, 46.93 ޕަސެންޓް ވޯޓު ހޯއްދެވި އެވެ. ނަމަވެސް, ދެވަނަ ބުރަށްފަހު ވެރިކަމަށް ވަޑައިގެންނެވީ ފުރަތަމަ ބުރުގައި 29.72 ޕަސެންޓް ލިބުނު ރައީސް އަބްދުالله ޔާމީނެވެ. ފެހި ގާނޫނުއަސާސީގެ ދަށުން ފުރަތަމަ އިންތިހާބުގައި ރައީސް މައުމޫންއަށް ވެރިކަން ނުލިބުނީ ވެސް އެ އުސޫލުންނެވެ.

އެ އިންތިހާބުގައި ކޯލިޝަންއާއެކު ދެވަނަ ބުރުގައި ނަޝީދަށް ވެރިކަމަށް ވަޑައިގެންނެވުނު ނަމަވެސް, މިހާރު އެއީ އެމަނިކުފާނަށް ހަމަޖެހޭ އުސޫލެއް ނޫނެވެ. އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކީ 51 ޕަސެންޓް ލިބިފައި ނެތް ނަމަވެސް, މޮޅުވާ ކެންޑިޑޭޓްގެ ގޮތުން ލިޔަން ނަޝީދު ހުށަހަޅުއްވަނީ އޭގެ ވަށައިގެން އެތައް ކަމެއް އޮތުންނެވެ.

އެ މަސައްކަތުގެ ފެށުން އައީ މިފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އިންތިހާބަށްފަހު އެވެ. އެ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝީދު ކާމިޔާބު ކުރެއްވީ 50 ޕަސެންޓަށްވުރެ ދަށުންނެވެ. އެއާއެކު އޭގެ ކަންބޮޑުވުން ނަޝީދު ފާޅު ކުރެއްވި އެވެ.

"...ޝުކުރިއްޔާ! އެކަމަކު 50 ޕަސެންޓް ހުރަސް ނުކުރި, ބަރުލަމާނީއަށް ބަދަލުނުވެއްޖެނަމަ އަޅުގަނޑުމެން ވެރިކަމުގައި ނުތިބޭނެ," ނަތީޖާ އައުމާއެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް އައި މަރުހަބާގެ މެސެޖްތަކަށް ރިޕްލައި ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވިސްނުމަކީ ކޯލިޝަން ނޫން މަގެއް

ރައްޔިތުންގެ 30 ޕަސެންޓު ވޯޓުން ވެރިއަކު ހޮވުމަށް ނަޝީދު ދެއްކެވީ ދެ ސަބަބެވެ. އެއީ ކޯލިޝަނަކާ ނުލައި ވެރިކަމަށް އާދެވޭނެ މަގު ތަނަވަސް ކުރުމާއި އެމްޑީޕީގެ ވެރިކަން ދެމެހެއްޓުމެވެ.

ނަޝީދުގެ ވެރިކަމުން ފެށިގެން ރާއްޖޭގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުން އެކަން ކުރައްވާފައި ވަނީ ކޯލިޝަނެއް ހައްދަވައިގެނެވެ. ނަމަވެސް ކޯލިޝަން ވެރިކަމަށް ފަސް އަހަރު ހިންގުން އުނދަގޫ ކަމަށް ނަޝީދު ދެކިވަޑައިގަންނަވަ އެވެ.

ރައްޔިތުންގެ 30 ޕަސެންޓު ވޯޓަކީ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ވެރިއަކު ހޮވުމަށް އެކަށީގެންވާ އަދަދެއްގެ ވޯޓެވެ.

"ރާއްޖޭގެ ހުރިހާ ރައްޔިތުން ހަރު އަޑުން އެމްޑީޕީގެ ވެރިކަމެއް މި ރާއްޖޭގައި އަބަދުމެ އޮތުމަށް ކުރިއަށް އޮތް ފަސް އަހަރަށް އަދި އިތުރު ފަސް އަހަރަށް ވެސް އޮތުމަށް އެ ގޮވަމުންދާ ގޮވުން އަޅުގަނޑުމެން ކަނުލާ އަޑުއަހަން ޖެހޭނެ," އެމަނިކުފާނުގެ ހުށަހެޅުން އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވި އެވެ.

އަގުލަބިއްޔަތުގެ ތާއީދު ނެތް ވެރިކަމެއް؟

ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލަން ނަޝީދު ބޭނުންފުޅުވުމަކީ އާ ވާހަކައެއް ނޫނެވެ. އެކަމަކު ވެރިކަން ހޯދުމުގެ ބޭނުމުގައި އެމްޑީޕީގެ "ސައިޒަށް" ރައްޔިތުންގެ ތާއީދު ތިރި ކުރުމަކީ ގިނަ ބަޔަކަށް ހަޖަމުކުރަން އުނދަގޫވާ ހުށަހެޅުމެކެވެ.

މިހާރު ގާނޫނުއަސާސީގައި އޮންނަ ގޮތުން ވޯޓުގެ 51 ޕަސެންޓް ހޯދައިގެން މެނުވީ ރާއްޖޭގެ ރައީސް ކަމަށް އިންތިހާބެއް ނުވެވޭނެ އެވެ. އެހެންވެ, ދެވަނަ ބުރެއްގެ ވޯޓަށް މީގެކުރިން ބޭއްވި ދެ ރިޔާސީ އިންތިހާބެއްގައި ވެސް ދާން ޖެހުނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ނަޝީދުއާ ދެމެދު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ދާން ޖެހުނީ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް 51 ޕަސެންޓަށްވުރެ އިތުރަށް ވޯޓު ނުލިބުމުންނެވެ. ހަމައެގޮތަށް 2013 ވަނަ އަހަރުގެ އިންތިހާބުގައި ފުރަތަމަ ބުރުގައި ނަޝީދަށް އެންމެ ގިނަ ވޯޓު ލިބުނު ނަމަވެސް, ވެރިކަމަށް ނާދެވުނީ 51 ޕަސެންޓް ނުލިބުމުންނެވެ. ދެވަނަ ބުރުގައި ނަޝީދު ބަލިވީ އެމަނިކުފާނާ ދެކޮޅަށް އެހެން ކެންޑިޑޭޓުން ޔާމީންއާއެކު ކޯލިޝަން ހެދުމުންނެވެ.

އެންމެފަހުން ބޭއްވި އިންތިހާބުގައި ދެވަނަ ބުރަކަށް ދާން ނުޖެހުނީ އެންމެ ދެ ކެންޑިޑޭޓުން ވާދަކުރުމުންނެވެ. ނަމަވެސް, އެ އިންތިހާބުގައި ރައީސް އިބްރާހިމް ސޯލިހަށް ކާމިޔާބު ހޯދުނީ މައުމޫނާއި ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީއާއެކު ހެދި ކޯލިޝަނާއެކު އެވެ.

ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ އެހެން ޕާޓީތަކުގެ އެހީތެރިކަމާއެކު ކޯލިޝަނެއްގެ ތެރެއިންނެވެ. ނަމަވެސް، އެމަނިކުފާނަކީ ކޯލިޝަން ވެރިކަމަކާ އަބަދުވެސް ދެކޮޅު ބޭފުޅެކެވެ. ރައީސް ސޯލިހާމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ފަހަތުގައި ކޯލިޝަން ރޫޅާލަން ދެކޮޅު ހެއްދެވުން ހިމެނެ އެވެ.

އެހެންކަމުން، މި އިސްލާހަކީ ކޯލިޝަނަކާ ނުލާ ސީދާ ވެރިކަމަށް އައުމަށް ނަޝީދު އުފަންކުރުވި ފޯމިއުލާއެކެވެ. އެކަމަކު, މިކަން އިދިކޮޅުން ސިފަކުރަނީ އެމްޑީޕީއަށް މަޖިލީހުގައި ލިބިފައި އޮތް "ސުޕަ-މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި" ބޭނުން ކުރުން ކަމަށެވެ.

އިދިކޮޅު ޕީޕީއެމްގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ، 30 ޕަސެންޓަކީ ރައީސަކު އިންތިހާބު ކުރުމަށް "މާ ދަށް" އަދަދެއް ކަމަށެވެ.

"ވެރިއަކަށް ހުންނަންވާނީ ރައްޔިތުންގެ މެޖޯރިޓީ ލިބިފައި އޮތް ބޭފުޅެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" ޝަރީފް ވިދާޅުވި އެވެ.

މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލުކުރައްވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވެސް އެކަމަށް އިއްތިފާގުވެވަޑައިގަންނަވަ އެވެ. އަލީ ހުސެއިން ވިދާޅުވި ގޮތުގައި ރާއްޖޭގައި އެއްވެސް ސިޔާސީ ލީޑަރަކަށް ރައްޔިތުންގެ ސީދާ ތާއީދު ނެތްކަމީ ފެންނާން އޮތް ހަގީގަތް ކަމަށެވެ.

"އެ ހަގީގަތް ބޮލާލައިޖަހާފައި، ގާނޫނުއަސާސީއާ ކުޅެގެން އެހެން މަގަކުން ވެރިކަމަށް އަންނަން އުޅުމަކީ ޑިމޮކްރަސީ އާއި ރައްޔިތުންްގެ އިހުސާސްތަކާ ބީރައްޓެހި ކަމެއް،" އަލީ ވިދާޅުވި އެވެ.

ކޯލިޝަން ހެދުން ހުއްޓުވޭނެ؟

ނަޝީދުގެ ވިސްނުފުޅުގައި ގެންގުޅުއްވާ އިސްލާހުން އެމަނިކުފާނު ބޭނުންފުޅުވާ ނަތީޖާ ހާސިލުވެދާނެތޯ ވެސް އެއީ އުފައްދަންޖެހޭ ސުވާލެކެވެ.

މީގެ ކުރިން އިންތިހާބުތަކުގައި ކަން ހިނގާފައިވާ ގޮތަށް ނަޒަރު ހިންގާލާއިރު، 2008 ގައި ނަޝީދު އަދި 2013 ގައި ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ދެވަނަ ބުރުގައި ކޯލިޝަނެއްގެ އެހީތެރިކަމާއެކު އެވެ.

ނަމަވެސް، 2018 ގައި ރައީސް ސޯލިހާއެކު އެމްޑީޕީ ވެރިކަމަށް އައީ ފުރަތަމަ ބުރުގެ ކުރިން ކޯލިޝަން އެއްބަސްވުމެއްގެ މަތީގަ އެވެ.

އެއާއެކު، ނަޝީދު ހުށަހެޅުއްވި ގޮތަށް މަދުވެގެން 30 ޕަސަންޓު ހޯދައިގެން ވެރިކަމަށް އާދެވޭނެ ދޮރު ހުޅުވިޔަސް، ސަރުކާރުން ހިއްސާ ލިބޭ ގޮތަށް އިންތިހާބުގެ ކުރިން ކޯލިޝަން އެއްބަސްވުމަކަށް އައުމަށް އެއްވެސް ހުރަހެއް ނެތެވެ.

އެ ބާގަނޑު އޮންނާނެކަން އަލީ ހުސެއިން ވެސް ފާހަގަކުރެއްވި އެވެ.

"ގާނޫނުއަސާސީ އެގޮތަށް އިސްލާހުކުރިޔަސް ކޯލިޝަން ހެދުން ހުއްޓުވޭނެ ތަނެއް އަޅުގަނޑަކަށް ނުފެނޭ. ދެން ކޯލިޝަން ހަދާނީ އިންތިހާބުގެ ކުރިއަށް،" އަލީ ވިދާޅުވި އެވެ.

ތާއީދު މިނާ ނާޅީގެ ތަފާތު!

ގިނަ ބަޔަކަށް ނަޝީދުގެ އިސްލާހު ސިފަކުރެވެނީ ރައްޔިތުންގެ ތާއީދު ނެތް ވެރިކަމެއް ގާއިމުކުރުމުގެ ބޮޑު ރޭވުމެއްގެ ގޮތުގަ އެވެ. އެކަމަކު, އެމްޑީޕީގެ ޗެއާޕާސަންގެ ދައުރު މިހާރު ހަމަވެފައިވާ ހަސަން ލަތީފްގެ ފާހަގަކުރެއްވީ އެ އިސްލާހުގެ އަނެއް ފަރާތެވެ.

ފާއިތުވި ތިން ރިޔާސީ އިންތިހާބުގެ ތެރެއިން ދެ އިންތިހާބުގައި ރައީސްކަމަށް ވަޑައިގެންނެވި ވެރިންނަކީ ރައްޔިތުންގެ ސީދާ ތާއީދުގެ 30 ޕަސަންޓު ވެސް ހަމަނުވާ ބޭފުޅުންނެވެ.

މިގޮތުން، 2008 ގައި ރައީސްކަމަށް ވަޑައިގެންނެވި ނަޝީދު ވެރިކަމަށް ގެންނަން ފެންނަކަމަށް ސީދާ ވޯޓު ދިނީ އެންމެ 25 އެއްހާ ޕަސަންޓް މީހުނެވެ.

އޭގެ ފަހުން، 2013 ގެ ފުރަތަމަ ބުރުގައި ޔާމީނަށް ވެސް 30 ޕަސަންޓު ހަމައެއް ނުވެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެ ދެ އިންތިހާބުގައި ވެސް ވެރިކަމަށް ވަޑައިގެންނެވީ މެޖޯރިޓީ ރައްޔިތުން ނޫނެކޭ ބުނި ދެ ވެރިންނެވެ.

ހަސަން ލަތީފް ވެސް ފާހަގަކުރެއްވި ގޮތަށް އެއީ ރައްޔިތުންނަށް އެންމެ އިންސާފުވެރި ގޮތްތޯ އެއީ ވެސް އުފެދޭ ސުވާލެކެވެ.

އޭނާ ވިދާޅުވި ގޮތުގައި 50 ޕަސަންޓާއި އެއް ވޯޓު ހޯދަން ކޯލިޝަނެއް ހަދައިގެން ވެރިކަންކުރަން ކުރިމަތިވާ ގޮންޖެހުންތަކަކީ ވެސް ވިސްނާލަން މުހިންމު ނުކުތާއެކެވެ.

ގާނޫނުއަސާސީގައި މިހާރު ބުނާ 50 ޕަސަންޓް ހުރަސްކުރަން، އަމިއްލައަށް ވާދަކޮށްގެން އިންތިހާބުތަކުގައި ރައްޔިތުންގެ ތާއީދު ފެންނަން ނެތް ޕާޓީތަކަށް ދައުލަތް ހިންގުމުގެ އިސް ސަފުން ގިނަ ޖާގަތަކެއް ދޭންޖެހޭކަން ހަސަން ފާހަގަކުރެއްވި އެވެ.

"ސިޔާސީ ޕާޓީއަކާއެކު ކޯލިޝަން ހަދާއިރު، އެ ސިޔާސީ ޕާޓީއެއްގެ ނެތް މިންވަރަށް އެބަ ދޭންޖެހޭ އިންތިހާބުގެ ކުރިން ކޯލިޝަނެއް ހަދާއިރު،" ފާއިތުވި ތިން ވެރިކަމުގައި ވެސް ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުވެގެންދިޔަ ކަމަށް ނުސީދާކޮށް އިޝާރާތްކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި ތަފާތު ފިކުރުގެ ޕާޓީތަކުން އެކުވެގެން ކުރާ ވެރިކަމެއްގައި މައި ޕާޓީން ރައްޔިތުންނަށް ވާ ވައުދުތައް ފުއްދަން ވެސް ބޮޑެތި ދަތިތަކެއް ކުރިމަތި ވެއެވެ.

އޭގެ ބަދަލުގައި ނަޝީދު ހުށަހަޅުއްވާފައިވާ ގޮތަށް މަދުވެގެން 30 ޕަސަންޓާ ހަމައަށް ރައްޔިތުންގެ ތާއީދު އޮތް ވެރިއަކު ގައުމު ހިންގެވުމަކީ ރައްޔިތުންނަށް އެންމެ އިންސާފުވެރި ގޮތް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"މިހާރު ހުށަހަޅާފައިވާ ގޮތުން ވެރިކަމަށް ދެން އަންނާނީ މަދުވެގެން 30 ޕަސަންޓް ތާއީދު އޮތް ބޭފުޅެއް. އޭގެ މާނައަކީ އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ލިބޭނީ އެއަށްވުރެ މަދުންނޭ ވޯޓު،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ނަޝީދު ހުށަހެޅުއްވި އިސްލާހަކީ މިހާރު ކަން ހިނގަމުންދާ ގޮތް ބަދަލުކުރުމުގެ މަފްހޫމެއް ކަމަށެވެ.

މިގޮތުން، ޕަސަންޓުގެ އިތުރުން ވެރިކަމަށް އާދެވޭނީ ރައްޔިތުންގެ ކިހާ ވޯޓެއް ލިބިގެެން ކަމާއި އެފަދަ ތަފްސީލުތައް ކޮންގްރެސްގައި މަޝްވަރާކުރެވި، އެ ހިޔާލު އިތުރަށް ފުރިހަމަ ކުރެވޭނެ ކަމަށެވެ.

"މިއީ މިކަން ކުރެވިދާނެ ގޮތުގެ ހުށަހެޅުމެއް. ކޮންސެޕްޓެއް. އަޅުގަނޑު ގަބޫލުކުރަނީ އެކަމަށް ކޮންގްރެސްގައި އިތުރަށް މަޝްވަރާކުރެވި ގޮތްތަކެއް ނިންމިގެންދާނެ ކަމަށް،" ހަސަން ވިދާޅުވި އެވެ.

ސިޔާސީ ކަންކަމަކީ އެކަކާއި ދޭއް އެއްކުރީމަ ތިނެކޭ ބުނެވޭހާ އާދައިގެ ކަމެއް ނޫނެވެ. އޭގެ ވަށިގެން ބައިވަރު ކަންތައްތަކެއް އެނބުރޭނެ އެވެ.

ނަޝީދުގެ ހުށަހެޅުމާއެކު އުފަންވެގެން މިއުޅެނީ ރައްޔިތުންގެ ތާއީދު މިނާނެ ގޮތުގެ ސުވާލެކެވެ;

އަމިއްލައަށް ވާދަކޮށްގެން އިންތިހާބެއް ކާމިޔާބުނުކުރެވޭ ޕާޓީއަކުން، ރިޔާސީ އިންތިހާބެއްގެ ދެވަނަ ބުރުގައި ހިއްސާކުރަނީ ކިތައް ވޯޓުތޯ ބެލޭނެ ގޮތެއް ނޯވެ އެވެ. އެފަދަ ޕާޓީއަކަށް ސަރުކާރުގެ ބޮޑެތި ނިންމުންތަކުގައި ބަސް ބުނުމުގެ ޖާގަ ލިބެންޖެހޭ މިންވަރަކީ ވެސް ކޮށްލަންޖެހޭނެ ސުވާލެކެވެ.

ދެން އޮތީ ހަމަ އެ ފައިސާ ފޮތީގެ އަނެއް ފުށެވެ. ނަޝީދުގެ ހުށަހެޅުން އެމްޑީޕީގެ ތެރެއިން ސިއްކަ ޖެހިގެން، މަޖިލީހުގެ ތަޅުމާ ހަމައަށް އައުމުން، އެއާ މެދު ގޮތެއް ނިންމަން ތިބި ގިނަ މެމްބަރުންނަކީ ވެސް އެ ދާއިރާއެއްގެ މެޖޯރިޓީ ރައްޔިތުންގެ ތާއީދު ނެތް މަންދޫބުންނެވެ. މަޖިލިސް އިންތިހާބުގައި އޮންނަ އުސޫލަކީ ކިތަންމެ ދަށް ޕަސެންޓެއް ނަމަވެސް, އެންމެ މަތިން ވޯޓު ހޯދާފައިވާ ކެންޑިޑޭޓް ނަމަ, ހޮވޭ ގޮތަށެވެ.

އެ އުސޫލު ރިޔާސީ އިންތިހާބަށް ގެންނަން ދެކޮޅު ހަދާ މެންބަރުން ވެސް އިންތިހާބުވެފައި ތިބީ އެގޮތަށެވެ. އެހެންވެ, ރައްޔިތުންނާ ސީދާ ގުޅުންހުރި އެފަދަ ބޮޑު ނިންމުމެއް އެ މެމްބަރުން ނިންމުމަކީ ވެސް އިންސާފުކަމާމެދު ސުވާލު އުފެދެ އެވެ.

ކޮންމެ ގޮތަކަށް ބެލި ނަމަވެސް، ސިޔާސީ ޕާޓީތަކުގެ މަައިގަނޑު މަގްސަދަކީ ވެރިކަން ހޯދުމެވެ. ރައްޔިތުންގެ ތާއީދު ހޯދުން އަބަދުވެސް އަންނާނީ އޭގެ ފަހަށެވެ.