Advertisement

ހުރިހާ އިންތިހާބެއް ކާމިޔާބުކޮށްދިން ހަސަން އަށް ގައުމީ މަޖިލީހުގެ ހިފެހެއްޓުމެއް ނެތް ޝުކުރާއި ތައުރީފު

10 ފެބުރުވަރީ 2022 - 22:38 0

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު. --ފޮޓޯ: އަދަދު


ހުރިހާ އިންތިހާބެއް ކާމިޔާބުކޮށްދިން ހަސަން އަށް ގައުމީ މަޖިލީހުގެ ހިފެހެއްޓުމެއް ނެތް ޝުކުރާއި ތައުރީފު

10 ފެބުރުވަރީ 2022 - 22:38 0

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ޗެއާޕާސަންގެ ގޮތުގައި އަލްއުސްތާޒް ހަސަން ލަތީފު މިދިޔަ ފަސް އަހަރު ކޮށްދެއްވި މަސައްކަތްތައް އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ފާހަގަކުރައްވައި އޭނާ އަށް ހިފެހެއްޓުމެއް ނެތް ޝުކުރު މިރޭ އަދާކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ހަސަންގެ ޗެއާޕާސަންކަމުގެ ދައުރު ހޮނިހިރު ދުވަހު ހަމަވާތީ މިރޭގެ ގައުމީ މަޖިލީހުގެ ޖަލްސާއަކީ އޭނާ ރިޔާސަތު ބެލެހެއްޓެވި ފަހު ޖަލްސާ އެވެ.

ހަސަންގެ ދައުރުގައި އެމްޑީޕީ ވަނީ ވާދަކުރި ހުރިހާ އިންތިހާބެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި މިދިޔަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ފާހަގަކުރެވެ އެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވީ ހަސަން އަށް ނުހަނު ޝުކުރާއި އެހާމެ މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރި ސަރުކާރުގެ އެންމެ އަނިޔާވެރި ދުވަސްވަރު ހަސަން މަގާމާ ހަވާލުވެވަޑައިގެން، އެންމެ ފުރަތަމަ އޮތް ބ. ކަމަދޫގެ ކައުންސިލުގެ ބައި އިލެކްޝަން އެމްޑީޕީ އަށް ކާމިޔާބުކޮށްދެއްވިކަން ނަޝީދު ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ފުރަތަމަ ޗެއާޕާސަން ވިދާޅުވި ގޮތުގައި އެ އިންތިހާބު އެމްޑީޕީ ކާމިޔާބުކުރުމަކީ އެ ޕާޓީގެ ސިޔާސީ ބާރު ފެނި އެ ޕާޓީ އަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިދާނެކަން ދިވެހިންނާއި ބޭރު މީހުންނަށް ގަބޫލުކުރެވިގެންދިޔަ ކަމެއް ކަމަށެވެ. އަދި އޭގެ ފަހުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން އިއްތިހާދެއް އެކުލަވާލުމަށް ހަސަން ކުރެއްވި މަސައްކަތް ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެކަން އެހެން ނުވި ނަމަ މިއަދު އެހެން ނަތީޖާއެއް ފެނިފައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އޭގެ ފަހުން އެ އިންތިހާބަށް ނަޝީދަށް ކުރިމަތިލެއްވެން ނެތުމުން ކުރިމަތި އުނދަގޫ ދަނޑިވަޅުގައި ޕާޓީގެ ފަރާތުން އެހެން ކެންޑިޑޭޓަކު (މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު) ނެރުއްވުމަށް ހަސަން ދެއްކެވި މިސްރާބުގެ ސީދާކަން ވެސް ނަޝީދު ފާހަގަކުރެއްވި އެވެ.

"2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އަދި އެއަށް ފަހު އެޖެންޑާ 19، 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބު ވިދިގެން އައި ކައުންސިލުގެ އިންތިހާބު. އެހިސާބުން އަދި ނުހުއްޓާ ދާދި އިހަކަށް ދުވަހު ކޮމަންޑޫ އަށް ގޮސް ވެސް އަޅުގަނޑުމެން އިންތިހާބަކުން މޮޅުވެއްޖެ. އަޅުގަނޑު އެހެންވީމާ މަނިކުފާނަށް ނުހަނު ޝުކުރު ދަންނަވަން،" ނަޝީދު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އެމްޑީޕީ


ޗެއާޕާސަންގެ ނާއިބު، އިދާރީ، އަލީ ނިޔާޒް ވިދާޅުވީ ފަސް އަހަރު ދުވަހު ހަސަން ކޮށްދެއްވި ހިދުމަތް ބަލައިގަނެ ޝުކުރުއަދާކުރާ ކަމަށެވެ. އޭނާ ވެސް ވަނީ ހަސަންގެ ދައުރުގައި އެމްޑީޕީން ވާދަކުރި ހުރިހާ އިންތިހާބެއް ކާމިޔާބުކުރިކަން ފާހަގަކުރައްވައިފަ އެވެ.

މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވީ ޔާމީނުގެ ވެރިކަމުގައި ޗެއާޕާސަންގެ މަގާމު ފުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެ ދަތި ވަގުތު ހަސަން ކޮށްދެއްވި މަސައްކަތް ބަލައިގަނެ ޝުކުރުއަދާކުރާ ކަމަށެވެ.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވެސް ވަނީ ޔާމީނުގެ ހުދުމުހުތާރުވެރިކަމުގައި، އެންމެ ބާރުބޮޑުވި ދުވަސްވަރު އަދި ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލިސް ބަންދުކޮށްފައި އޮއްވާ ހަސަން ޕާޓީ ހިންގެވި ހިންގެވުމަށް ތައުރީފުކުރައްވައިފަ އެވެ.

އެމްޑީޕީގެ ހުވަދޫ ދާއިރާގެ ރައީސް ހުސެއިން އަމްރު ވެސް ވަނީ ޕާޓީ އަށް އެންމެ ދަތި އުނދަގޫ ވަގުތުގައި ހުރިހާ މެމްބަރުންނާ އެކުގައި ހަސަން މަސައްކަތްކުރައްވައި ހުރިހާ އިންތިހާބެއް ކާމިޔަބުކުރެއްވިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވައިފަ އެވެ.

މިރޭގެ ޖަލްސާގައި ވާހަކަދެއްކެވި ހުރިހާ މެމްބަރުން ވެސް ވާހަކަ ފެށްޓެވުމުގެ ކުރިން ހަސަންގެ މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކުރެއްވި އެވެ.

ހަސަން ވަނީ ރައީސް ސޯލިހު އާއި ރައީސް ނަޝީދު އަދި ޕާޓީގެ އިސްވެރިންނާއި މެމްބަރުން ދެއްވި ހިތްވަރާއި އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވައިފަ އެވެ.

އެމްޑީޕީން ސިޔާސީ ކެރިއަރު ފެށްޓެވި ހަސަން އޭގެ ފަހުން ފެނިގެންދިޔައީ އިބްރާހިމް އިސްމާއިލް (އިބްރާ) ގެ މޯލްޑިވްސް ސޯޝަލް ލިބަރަލް ޕާޓީ އިންނެވެ. އޭނާ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 2008 ގައި ސްޕޯޓްސް މިނިސްޓަރަކަށް ވަޑައިގަތީ އެ ޕާޓީގެ ސްލޮޓުގަ އެވެ. ނަމަވެސް ފަހުން އަލުން އެމްޑީޕީއާ ގުޅިވަޑައިގެން އެ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވެވަޑައިގަތެވެ. އޭނާ އެމްޑީޕީގެ އިދާރީ އެންމެ އިސް މަގާމު ކަމަށްވާ ޗެއާޕާސަންގެ މަގާމަށް ހޮވިވަޑައިގަތީ ފެބްރުއަރީ 10، 2017 ގައި ބޭއްވި އިންތިހާބުގަ އެވެ. މަގާމާ ހަވާލުވެވަޑައިގަތީ ފެބްރުއަރީ 12 ވަނަ ދުވަހު އެވެ.