Advertisement

އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފްގެ ދައުރު ހަމަވަނީ

10 ފެބުރުވަރީ 2022 - 10:28 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލަކަށް ޖަވާބު ދެއްވަނީ. އޭނާގެ ދައުރު މިއަދު ހަމަވާނެ. -- ފޮޓޯ: އެމްޑީޕީ


އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފްގެ ދައުރު ހަމަވަނީ

10 ފެބުރުވަރީ 2022 - 10:28 0

ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ދައުރު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ.

ހަސަން އެ މަގާމަށް އިންތިހާބުކުރީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ވަހީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ފެބްރުއަރީ 10، 2017 ގައި ބޭއްވި އެތެރޭގެ އިންތިހާބަގަ އެވެ. ނަމަވެސް މަގާމާ ހަވާލުވެވަޑައިގެންނެވީ އޭގެ ދެ ދުވަސް ފަހުން ފެބްރުއަރީ 12، ގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޓެރަރިޒަމްގެ ދައުވާ އުފުލުމާ ގުޅިގެން އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކުރެއްވި އަލީ ވަހީދު ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދިނީ ނޮވެމްބަރު، 2016 ގަ އެވެ.

ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގައި އެހެން އެއްވެސް ކެންޑިޑޭޓަކު ވާދަކޮށްފައެއް ނުވެ އެވެ. އެހެންކަމުން ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. އެމްޑީޕީގެ އަސާސީ ގަވާއިދުގައި އޮންނަ ގޮތުން ޗެއާޕާސަންގެ މަގާމު ކަށަވަރު ކުރުމަށް ފެންނަ ނުފެންނަ ވޯޓުގައި 5000 މީހުން އާއެކޭ ބުނަން ޖެހެ އެވެ.

އެ މަގާމަށް ހަސަން ލަތީފް އައްޔަނު ކުރަން އެމްޑީޕީގައި އޭރު ތިބި 49,229 މެމްބަރުންގެ ތެރެއިން 23،188 މީހުން ވޯޓު ދިނެވެ.

"މިއީ ވަރަށް ބޮޑު ޒިންމާއެއް. އަޅުގަނޑު އެންމެ އިސްކަމެއް ދޭނީ ލީޑާޝިޕާއި ގައުމީ މަޖިލީހުގެ ލަފަޔާއެކު ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާ ކުރުމަށް," އެ މަގާމަށް އިންތިހާބުވެވަޑައިގަތުމަށްފަހު ހަސަން ވިދާޅުވެފައިވެ އެވެ.

ހަސަންގެ ދައުރު މިއަދު ހަމަވާއިރު މިރޭ 08:30 ގައި ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާގައި ޗެއާޕާސަންގެ އިންތިހާބު ބާއްވާނެ ތާރީހަކާ މެދު ގޮތެއް ނިންމާނެ އެވެ. މިހާތަނަށް އެމަގާމަށް ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރީ އެ ޕާޓީގެ މަތި ދެކުނު ޕްރޮވިންސްގެ ރައީސް އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ.

އޭނާ އެ މަގާމާ ހަވާލުވިއިރު އިދިކޮޅުގައި އޮތް އެމްޑީޕީއަށް ގިނަ ގޮންޖެހުންތަކެއް ހުއްޓެވެ. ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އޭރުގެ ސަރުކާރުން ތަކުރާރުކޮށް ހުރަސް އަޅައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އޮތީ އަންގާފަ އެވެ.

އޭނާގެ ޗެއާޕާސަން ކަމުގައި އެމްޑީޕީން ކުރިމަތިލި އެންމެ ފުރަތަމަ އިންތިހާބަކީ 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބެވެ. އެފަހަރުގެ އިންތިހާބުގައި އެ ޕާޓީން 300 އަށްވުރެ ގިނަ ގޮނޑި ކާމިޔާބު ކުރި އެވެ.

އެއަށްފަހު ޖެހިގެން އައި 2018 ގައި އޮތް ރިޔާސީ އިންތިހާބުގައި އޭރު ވެރިކަމުގައި ތިބި ޕީޕީއެމް ބަލިކުރުމަށްފަހު ކޯލިޝަނެއްގެ ތެރެއިން ނުކުތް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން އެހެން އެއްވެސް ޕާޓީއަކުން ނުހޯދާ ވަރުގެ ކާމިޔާބީއެއް ހޯދި އެވެ. އެމްޑީޕީން 65 ގޮނޑި އާއެކު ސުޕަމެޖޯރިޓީ ކަށަވަރުކުރިއިރު ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި ހަސަން ކާމިޔާބު ކުރެއްވި އެވެ.

މިިދިޔަ އަހަރު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުގައި 400 ގޮނޑި އެމްޑީޕީން ނެގި ނަމަވެސް އެ ޕާޓީގެ ވަރުގަދަ ސަރަހައްދުތަކުން މުހިންމު ގޮނޑިތަކެއް ގެއްލުނެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.

ކުށެއްގެ އިސްލާހު: ފެބްރުއަރީ 10، 2022


މި ލިޔުމުގައި ކުރިން ބުނެފައި ވާނީ އެމްޑީޕީގެ ޗެއާޕާސަންގެ ދައުރު މިއަދަށް ހަމަވެއްޖެ ކަމަށެވެ. ނަމަވެސް އެއީ މައުލޫމާތުގެ ކުށަކުން ލިޔެވިފައި އޮތް ގޮތެކެވެ. ރަނގަޅު ގޮތަކީ ޗެއާޕަސަންގެ މަގާމު ހަމަވާނީ ފެބްރުއަރީ 12، 2022 ގައި ކަމަށެވެ.