Advertisement

އުރީދޫގެ ފައިދާ އިތުރުވެ ހިއްސާއަކަށް 2.70ރ. ބަހަން ނިންމައިފި

5 ފެބުރުވަރީ 2022 - 17:41 0

އަމަން ހަލީމް

އަމަން ހަލީމް

އުރީދޫގެ ލޯޔަލް ކަސްޓަމަރުންނަށް ހާއްސަ ކްލަބް ޕްރިމިއާ: އުރީދޫން ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންސް ހިދުމަތް ފޯރުކޯށްދޭން ފެށިތާ 15 އަހަރު ވެއްޖެ -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


އުރީދޫގެ ފައިދާ އިތުރުވެ ހިއްސާއަކަށް 2.70ރ. ބަހަން ނިންމައިފި

5 ފެބުރުވަރީ 2022 - 17:41 0

ނިމުނު އަހަރުގެ ތެރޭގައި އުރީދޫއަށް ލިބުނު އާމްދަނީ އާއި ފައިދާ އޭގެ ކުރީ އަހަރަށް ވުރެ އިތުރުވުމާ ގުޅިގެން ކޮންމެ ހިއްސާއަކަށް 2.70ރ. ބަހަން އެ ކުންފުނީގެ ބޯޑުން ފާސްކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބޯޑު ބައްދަލުވުމުގައި ކުންފުނީގެ ބޯޑުން ވަނީ ފައިދާއިން ބަހާ އަދަދާއި ކުންފުނީގެ އަހަރީ ރިޕޯޓާއި އޮޑިޓުކޮށްފައިވާ މާލީ ރިޕޯޓުތައް ފާސްކޮށްފަ އެވެ. ހިއްސާގެ ފައިދާއިން ބަހަން ބޯޑުން ނިންމި އަދަދާއި މާލީ ރިޕޯޓުތަކާ މެދު ގޮތެއް ނިންމާނީ ކުންފުނީގެ އަހަރީ އާންމު ބައްދަލުވުމުގަ އެވެ.

ބޯޑުގެ ނިންމުންތަކާ ގުޅިގެން އުރީދުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހާއި އެޖެންޑާ މި މަހު 20 ގެ ކުރިން އާންމު ކުރާނެ ކަމަށެވެ. މި ޖަލްސާގައި ބައިވެރިވެ ވޯޓުލާ ހިއްސާގެ ފައިދާ ލިބެނީ މި މަހުގެ 17 ގެ ރަޖިސްޓްރީ ކުރާ ހިއްސާދާރުންނަށް އެކަނި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އުރީދޫ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އޮޑިޓުނުކުރާ ނިމުނު އަހަރުގެ މާލީ ރިޕޯޓު ދައްކާ ގޮތުގައި އޭގެ ކުރީ އަހަރަށް ވުރެ އާމްދަނީ އާއި ފައިދާ އިތުރެވެ.

އެގޮތުން އެ ކުންފުންޏަށް އަހަރުގެ ތެރޭގައި 1.78 ބިލިއަން ރުފިޔާ އާމްދަނީއަށް ލިބިފައިވާއިރު، ޓެކުހަށް ކެނޑުމުގެ ކުރިން ބައި ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ފައިދާއެއް ޖެހުނެވެ.

ފައިދާއިން އިންކަމް ޓެކުހަށްވާ 83.9 މިލިއަން ރުފިޔާ ކެނޑުމުން ފައިދާވީ 464 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރު އެ ކުންފުންޏަށް ފައިދާވި 407 މިލިއަން ރުފިޔާއަށް 57 މިިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ކުންފުނީގެ އާމްދަނީ އާއި ހަރަދަށް ބަލާއިރު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ 1.3 ބިލިއަން ރުފިޔާ ލިބުނު މޮބައިލް ހިދުމަތްތަކުންނެވެ. ބާކީ އާމްދަނީއަކީ ފިކްސްޑް، ބްރޯޑްބޭންޑު އަދި އެންޓްޕްރައިޒް ހިދުމަތުން ލިބުނު 420 މިލިއަން ރުފިޔާ އާއި ވިތުހޯލްޑިން ޓެކްސް ރިފަންޑު ހިމެނޭ ގޮތަށް އެހެނިހެން އާމްދަނީގެ 28.5 މިލިއަން ރުފިޔާ އެވެ.

ހަރަދަށް ބަލާއިރު އެންމެ ބޮޑު ހަރަދެއް ހިނގީ ހިދުމަތް ދިނުމުގެ ހަރަދަށް ހިނގި 298.8 މިލިއަން ރުފިޔާ އާއި އެހެނިހެން ހިންގުމުގެ ހަރަދުތަކަށް ހިނގި 276 މިލިއަން ރުފިޔާގެ އިތުރުން މުވައްޒަފުންގެ ހަރަދަށް 222.6 މިލިއަން ރުފިޔާ އެވެ. އެހެނިހެން ހިންގުމުގެ ހަރަދުގެ ތެރޭގައި ގިނައީ ލައިސަންސިން އާއި ނެޓްވާކް ހިިންގުމުގެ ހަރަދުތަކެވެ.

މިދިޔަ އަހަރު އެ ކުންފުނިން ހިއްސާއަކަށް ބެހީ 2.34ރ. އެވެ.

އުރީދޫގެ 90 ޕަސެންޓް ހިއްސާވަނީ ގަތަރުގެ ވަތަނިއްޔާ އިންޓަނޭޝަނަލް އެވެ. ޕަބްލިކް ކުންފުންޏަކަށް ބަދަލުވީ ފަހުން ވިއްކާލީ 10 ޕަސެންޓު ހިއްސާގެ ތެރެއިން 5.64 ޕަސެންޓް ހިއްސާ ތަމްސީލުކުރަނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުންނެވެ. އުރީދޫ މޯލްޑިވްސްގައި އާންމުންގެ ހިއްސާގެ އަދަދަކީ 3.86 ޕަސެންޓެވެ.