Advertisement

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރަން ރައީސް ނިންމަވައިފި

3 ފެބުރުވަރީ 2022 - 09:57 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ "ރިވެލި އެވޯޑް" ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރަން ރައީސް ނިންމަވައިފި

3 ފެބުރުވަރީ 2022 - 09:57 0

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ އިނާޔަތް މި އަހަރު ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ގާނޫނުގައިވާ ގޮތުން ކޮންމެ މަހަކު ދެމުން އަންނަނީ 2،000 ރުފިޔާގެ އިނާޔަތެކެވެ.

ނަމަވެސް, އެ މިންވަރު އިތުރުކޮށްދިނުމަށް އެދި މިފަހުން ރައީސްއަށް ޕެޓިޝަނެއް ހުށަހަޅާފައިވެ އެވެ. އެ ޕެޓިޝަނުގައި އެދިފައިވަނީ އިނާޔަތް 5،000 ރުފިޔާއަށް ބޮޑުކޮށް ދިނުމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނެސް ހާއްސަ އެހީ ބޭނުންވާ މީހުންނަށް 5،000 އާއި 7،000 ރުފިޔާއާ ދެމެދުގެ އިނާޔަތެއް 2019 ވަނަ އަހަރު މަޖިލީޖަށް ބިލެއް ވެސް ހުށަހެޅި އެވެ. ނަމަވެސް އެ ބިލަށް މަޖިލީހުގެ ތާއީދު ނުލިބި ބޭރުކޮށްލީ އެވެ.

މި އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ އިނާޔަތް ބޮޑުކުރަން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް، އިނާޔަތް ބޮޑުކުރާނެ މިންވަރު ރައީސް ހާމަކުރައްވާފައެއް ނުވެ އެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، މިހާތަނަށް އައިއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޖުމްލަ އަދަދާއި ތަފްސީލް އެނގޭނެ ގައުމީ ދަފްތަރެއް ނެތް ކަމަށެވެ. އެހެންކަމުން، އެފަދަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެ ދަފްތަރު ނިންމައި، މި އަހަރުގެ ފަހުކޮޅު އިނާޔަތް ބޮޑުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެ ދަފްތަރަކީ އެމީހުންނަށް ބޭނުންވާ ފަރުވާ އާއި ރީހެބިލިޓޭޝަން އަދި ތެރަޕީއާ އެހެނިހެން ހިދުމަތްތަށް ފޯރުކޮށްދިނުމަށް އޮތް ވަސީލަތް ކަމުގައިވާނެ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްދޭ އިނާޔަތް ބޮޑުކުރަން ނިންމާފައިވާއިރު، ހއ. އިހަވަންދޫގެ ހާއްސަ އެހީއަށް ބޭނުންވާ ތިން ޒުވާނުންގެ ފަރާތުން މިދިޔަ އަހަރު ވަނީ ރައީސަށް ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ.

އެއީ 2000 ރުފިޔާގެ އިނާޔަތަކީ، މިހާރު ދިވެހިރާއްޖޭގެ ހިދުމަތާއި ތަކެތީގެ އަގު ހުރިގޮތައް ބަލާއިރު އެކަށީގެންވާ މިންވަރެއް ކަމަށް ބަލައި ނުގަންނަ ކަމަށްބުނެ ހުށަހެޅި ޕެޓިޝަނެކެވެ.