Advertisement

ޔަމަނުގެ ޖަލަށް ދިން ހަމަލާ ސައުދީ ކޯލިޝަނުން ތަހުގީގު ކުރަނީ

28 ޖަނަވަރީ 2022 - 06:02 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޖަލަށް ދިން ވައިގެ ހަމަލާގައި މަރުވި މީހުންގެ ޖަނާޒާ ކުރިއަށް ދަނީ. -- ފޮޓޯ: އޭއެފްޕީ


ޔަމަނުގެ ޖަލަށް ދިން ހަމަލާ ސައުދީ ކޯލިޝަނުން ތަހުގީގު ކުރަނީ

28 ޖަނަވަރީ 2022 - 06:02 0

ރިޔާދް، ސައުދީ އަރަބިއްޔާ (ޖެނުއަރީ 27) - މިދިޔަ ހަފްތާގައި ޔަމަނުގެ ޖަލަކަށް ދިން ވައިގެ ހަމަލާގެ ފަހަތުގައި ވަނީ ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަން ކަމަށް ތުހުމަތުކޮށްފައި ވަނިކޮށް، އެ ކޯލިޝަނުން އެކަން ދޮގުކުރުމަށް ފަހު، ހާއްސަ ތަހުގީގެއް ފަށައިފި އެވެ.

ޔަމަނުގެ ހޫތީ ހަނގުރާމަވެރިންގެ މައި ރަށް، ސާދާގައި ހުންނަ ޖަލަށް މިދިޔަ ހުކުރު ދުވަހު ހަމަލާ ދިނީ ސައުދީ ކޯލިޝަނުން ނޫން ކަމަށް އެ ކޯލިޝަނުން ބުނެ އެވެ. ޑޮކްޓާޒް ވިތައުޓް ބޯޑާޒް (އެމްއެސްއެފް) އިން ބުނީ އެ ހަމަލާގައި މަދުވެގެން 70 މީހުން މަރުވި ކަމަށެވެ.

ނަމަވެސް ކޯލިޝަނުން ގާއިމްކޮށްފައިވާ ޖޮއިންޓް އިންސިޑެންޓްސް އެސެސްމަންޓް ޓީމް (ޖޭއައިއޭޓީ) އިން އެ ހަމަލާ ތަހުގީގު ކުރަމުންދާ ކަމަށް ސައުދީ ޕްރެސް އެޖެންސީން ބުންޏެވެ. ޖޭއައިއޭޓީ މުޅިން މިނިވަންކޮށް އޮޕަރޭޓް ކުރާ ތަނެއް ކަމަށް އެ ކޯލިޝަނުން ބުނެ އެވެ.

"ހަމަލާގެ ހަބަރު ފެތުރެން ފެށި ފުރަތަމަ ވަގުތުން ފެށިގެން، އެކަމަށް ހާއްސަ ޓީމުން ވަނީ ތަހުގީގު ފަށައި، ޑޭޓާ އާއި ލިޔުންތައް އެއްކުރަން ފަށާފައި،" ސައުދީ ޕްރެސް އެޖެންސީން ހަބަރު ފެތުރި އެވެ.

"ތަހުގީގު ނިމުނުހާ އަވަހަކަށް ނަތީޖާ އިއުލާނު ކުރާނެ."

ސައުދީ އަސްކަރީ ކޯލިޝަނުން 2015 ވަނަ އަހަރު ޔަމަނުގެ ދާހިލީ ހަނގުރާމައިގެ ތެރެއަށް ވަނީ އިރާނުން އެހީވާ ހޫތީން ބަލި ކުރުމަށް، ޔަމަން ސަރުކަރުގެ އެދުމަކަށެވެ.