Advertisement

ވެލެންސިއާގައި މި ފަހަރު ޓީމެއް ބިނާކުރުމުގެ "ޕްލޭނެއް" އެބައޮތް!

25 ޖަނަވަރީ 2022 - 14:01 0

ރ. އަލިފުށި

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ވެލެންސިއާގެ ސީނިއާ ތިން ކުޅުންތެރިން ކަމަށްވާ އީސަ (ކ) ދަގަނޑޭ (މ) އަދި ސެންޓޭ (ވ)ގެ އިތުރުން ކުޑަހީނާ.-- ފޮޓޯ: އަބްދުﷲ އަބީދު: އަދަދު ގްރެފިކްސް: މުހައްމަދު އިސާމް


ވެލެންސިއާގައި މި ފަހަރު ޓީމެއް ބިނާކުރުމުގެ "ޕްލޭނެއް" އެބައޮތް!

25 ޖަނަވަރީ 2022 - 14:01 0

ރ. އަލިފުށި

ދިވެހި ފުޓްބޯޅައިގެ ޒަމާންވީ ބާރެއްގެ ގޮތުގައި ފުރަތަމަ ޑިވިޝަނުގައި މި ވަގުތު އޮތީ ކްލަބް ވެލެންސިއާ އެވެ. ވެލެންސިއާ އިން ހަ ވަރަކަށް އަހަރަށް ފަހު ފުރަތަމަ ޑިވިޝަނުގެ ތަށްޓެއްގައި އަތްލީ މިދިޔަ އާދީއްތަ ދުވަހު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 2-1 އިން ބަލިކޮށް، ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްގެންނެވެ.

ރ. އަލިފުށީ ޓާފް ދަނޑުގައި ކުޅުނު ޕްރެޒިޑެންޓްސް ކަޕް ފައިނަލުން ވެލެންސިއާ މޮޅުވިއިރު، އެ ޓީމުން މި ފަހަރުގެ މުބާރާތުގެ ތަށި އުފުލާލީ މެޗަކުން ބަލިނުވެ އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ކުރިން ވެލެންސިއާ އިން އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގެ ތަށްޓެއްގައި އަތްލީ 2016 ވަނަ އަހަރުގެ އެފްއޭ ކަޕްގަ އެވެ. އޭރު ވެސް ކޯޗިން ޓީމުގައި އިސްކޮށް ހުރީ އެސިސްޓަންޓް ކޯޗު އިސްމާއިލް އާސިފް (ކުޑަހީނާ) އެވެ. މި ފަހަރު ވެސް ވެލެންސިއާ ކޯޗިން ޓީމުގައި ޓީމު ރޭވުމުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވެ ހުރީ ކުޑަހީނާ އެވެ.

ވެލެންސިއާ އިން 2016 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލުގައި ޓީސީ ސްޕޯޓްސް ބަލިކުރިއިރު، ޖެހިގެން އައި އަހަރު އެ ޓީމުން އޭއެފްސީ ކަޕް ކޮލިފައިންގައި ކުޅެގެން ބަލިވީ އެވެ. އޭގެ ފަހުން އެ ޓީމަށް މުޅި ސީޒަނުގައި ވެސް އެދެވޭ ނަތީޖާތަކެއް ނުނެރެވުނެވެ. ވެލެންސިއާ އިން 2018 ވަނަ އަހަރުގެ މާލޭ ލީގުގެ ރެލިގޭޝަނަށް ގޮސް، އެ އަހަރު ޖުލައި މަހު ކުޅުނު ކޮލިފިކޭޝަން ރައުންޑުން ބަލިވެ، ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ އެވެ. އޭރު ކޯޗިން ޓީމުގައި ކުޑަހީނާ އެއް ނެތެވެ.

ވެލެންސިއާ އިން 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދިއިރު، ކުޑަހީނާ ޓީމުގައި ހުއްޓެވެ. އެ ދުވަހު ވެލެންސިއާ އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނުމަށް ފަހު ކުޑަހީނާ ދިން މީޑިއާ އިންޓަވިއުއެއްގައި ބުނީ ގިނަ އަހަރުތަކެއް ވަންދެން ވެލެންސިއާ ދެ ވަނަ ޑިވިޝަނުގައި ބާއްވަން ބޭނުންނުވާތީ ވަރުގަދަ ޕްލޭނަކާ އެކު ނުކުތީ ކަމަށެވެ.

މިދިޔަ ސީޒަނުގައި ވެލެންސިއާ އިން އަލުން ފުރަތަމަ ޑިވިޝަނުގައި ވާދަކޮށް ދިޔައީ ލީގުގެ ދެ ވަނަ އެވެ.

މި ފަހަރު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުން މާޒިޔާ އަތުން 5-0 އިން ބަލިވި ނަމަވެސް ޕްރެޒިޑެންޓްސް ކަޕް ލީގު ބުރާއި ފައިނަލްގައި މާޒިޔާ ބަލިކޮށް ވެލެންސިއާ އިން މި ވަނީ ހަ ވަނަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕް ހޯދައިފަ އެވެ.

"ރަނގަޅު ޕްރީީ ސީޒަނެއް ނެތި ވާނެ ގޮތް އެ މެޗުގައި (ޗެރިޓީ ޝީލްޑް މެޗު) ދިމާވީ. އެކަމަކު، ބަލާލި ކޮންމެ މީހަކަށް ވެސް އެނގޭނެ މެޗަކަށް ފަހު މެޗެއް ވެލެންސިއާ އިން ކުރިއަރައިގެން އައިކަން. އެ ތަފާތު މި ފެނުނީ،" ފައިނަލް މެޗަށް ފަހު "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ކުޑަހީނާ ބުންޏެވެ.

ވެލެންސިއާގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ޕްރެޒިޑެންޓްސް ކަޕް ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އަބީދު/ އަދަދު


ވެލެންސިއާ އިން އެންމެ ފަހުން އެފްއޭ ކަޕް ކާމިޔާބު ކޮށްފައި ދެ އަހަރު ފަހުން ރެލިގޭޓްވިއިރު، މި ފަހަރު ޕްރެޒިޑެންޓްސް ކަޕްގެ ފަހުން ދެން ފެންނާނީ ކޮން ބަދަލެއްތޯ އެހުމުން ކުޑަހީނާ ބުނީ "މި ފަހަރު ޓީމެއް އެކުލަވާލުމުގެ ރަނގަޅު ޕްލޭނެއް އެބައޮތް" ކަމަށެވެ.

"ޓެކްނިކަލް ހުރިހާ ކަމެއް އަޅުގަނޑު މި ބަލަނީ ރަނގަޅު ވިސްނުމެއްގައި. މީގެ ޕްލޭނެއް އެބައޮތް. ޓީމެއް އެކުލަވާލުން މީގެ ވިސްނުމަކީ. ވެލެންސިއާ ސީނިއާ ޓީމާ އެކު ޖޫނިއާ ކުޅުންތެރިން އެބަ ގެންގުޅެން. އުމުރުފުރާ ލެވަލަށް ބަލާއިރު، 15 ނޫނީ 16 އަހަރުގެ ވެސް ރަނގަޅު ކުޅުންތެރިން އެބަތިބި. އެ ކުދިންނަށް އެހާ އަވަހަށް ޕްރެޝަރު ނުދީ ރަނގަޅު ވަގުތު ނެރެން މި ބަލަނީ،" ކުޑަހީނާ ބުންޏެވެ.

ވެލެންސިއާ ދާން ބޭނުންވާ މިސްރާބަށް ދިިއުމަށްޓަކައި މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ތަށި ހޯދުން ވަރަށް މުހިންމު ކަމަށް މެޗުގެ ކުރިން "އަދަދު" އަށް ދިން އިންޓަވިއުގައި ވެސް ކުޑަހީނާ ފާހަގަކުރި އެވެ. ތަށި ލިބުމުން ކުޑަހީނާ ވަނީ ޗެމްޕިއަންކަން މުހިންމުވީ ސަބަބު އޮޅުން ފިލުވައިދީފަ އެވެ.

"ވަރަށް ބޮޑު ހަރަދެއްތާ ޓީމެއް ހިންގުމަކީ. އެ ގޮތަށް ބަލާއިރު. ކާމިޔާބު ހޯދާ ޓީމަކަށް މި ސްޕޮންސަރުން ވެސް މި ލިބެނީ. ދެން އަހަރެމެން ސްޕޮންސަރުން ކައިރިއަށްދާއިރު މި ތަށި ހޯދިކަން ދެއްކެން އޮންނާނެ. އަނެއްކޮޅުން، މި ޓީމުގައި މި ތިބި ޒުވާން ކުޅުންތެރިން ވެސް ފޮލޯ ކުރާނެ ކަމެއް (ތަށްޓެއް) މި ހޯދުނީ. ދެން އެހެން ގޮތަކަށް ވިސްނާއިރު ތަށި ހޯދާ ޓީމަކަށް ކުޅެން ކުޅުންތެރިން ވެސް ބޭނުންވާނެ،" ކުޑަހީނާ ބުންޏެވެ.

ކުޑަހީނާ ބުނީ ވެލެންސިއާ އިން ޓީމެއް ބިނާކުރަން ކުރާ މަސައްކަތުގެ އެއް ހެއްކަކީ ކްލަބް ގްރީން ސްޓްރީޓްސްގައި ވިދަމުން އަންނަ ޒުވާން ކުޅުންތެރިޔާ އަބްދުﷲ ޔާމީން (ޔާނު)ގެ ސޮއި ހޯދުން ކަމަށެވެ.

މި ސީޒަނަށް ޕްރެކްޓިސް ފެށިއިރު ވެލެންސިއާގެ ކޯޗަކަށް މުހައްމަދު އާތިފް (އާތީ) ހުއްޓެވެ. އެކަމަކު، ސީޒަންގެ ފުރަތަމަ މެޗުގެ ކުރިން އާތީ މަގާމު ދޫކޮށްލި އެވެ. އޭގެ ފަހުން މުޅި މުބާރާތުގައި ވެސް ވެލެންސިއާ އިން މަސައްކަތް ކުރީ ކޯޗިން ޓީމެއްގެ ގޮތުގަ އެވެ. ކުޑަހީނާގެ އިތުރުން ދެން ހަރަކާތްތެރިވީ އާފިއު މުހައްމަދާއި އިލްމާއު ހުސެއިން (މައު) އެވެ.

އާ ހެޑް ކޯޗެއް ޓީމާ ގުޅުމާ ބެހޭގޮތުން ކުޑަހީނާ ބުނީ ޕްލޭނެއް އޮއްވައި އޭގެއަށް ފެތޭ އެކުގައި މަސައްކަތް ކުރެވޭ ކޯޗެއް އައުމުން ކްލަބް ބޭނުންވާ މިސްރާބަށް ދާން ފަސޭހަވާނެ ކަމަށެވެ.

ފައިނަލަށް ނުކުތްއިރު ޔަގީންކަން އޮތް: ކުޑަހީނާ

ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ވެލެންސިއާ އަތުން ޕޮއިންޓް ގެއްލުނީ އެންމެ މެޗަކުންނެވެ. އެއީ އީގަލްސްއާ 2-2 އިން އެއްވަރުވި މެޗުގަ އެވެ. ލީގު ބުރުގެ ފަހު މެޗުގައި މާޒިޔާއާ ދެކޮޅަށް ނުކުތްއިރު ވެސް ވެލެންސިއާ އަށް އޮތީ ފައިނަލުގެ ޖާގަ ކަށަވަރުވެފަ އެވެ. އެ ހާލަތުގައި ވެސް ވެލެންސިއާ އިން ވަރުގަދަ ރޫހެއްގައި ނުކުމެ 1-0 އިން މާޒިޔާގެ މައްޗަށް ކުރިހޯދި އެވެ.

ފައިނަލް މެޗުގައި ވެލެންސިއާ އިން ތިން ވަނަ މިނިޓްގައި ލީޑުނެގީ ޑަކްސަން ޕުސްލަސް ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގައި މާޒިޔާގެ ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) އެ ޓީމަށް އެއްވަރުކޮށްދިންއިރު، ވެލެންސިއާ މޮޅުވި ގޯލު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ސްޕެއިންގެ ފޯވާޑް ބޯހަސް މާޓީން އެވެ.

ވެލެންސިއާ ކުޅުންތެރިން އެ ޓީމުގެ އެސިސްޓަންޓް ކޯޗު ކުޑަހީނާ އުފުލާލައިގެން.-- ފޮޓޯ: އަބްދުﷲ އަބީދު/ އަދަދު


ވެލެންސިއާ އިން ޖެހި ދެ ގޯލުގައި ވެސް މާޒިޔާ ފަހަތުން ހެދުނު ގޯސް ބޮޑު ރޯލެއް ކުޅުނެވެ. މުޅި މެޗަށް ބަލާއިރު، މާޒިޔާގެ އެޓޭކަރުން ހުއްޓުވުމުގައި ވެލެންސިއާގެ ޑިފެންސް އިން ވެސް މުހިންމު ދައުރެއް އަދާކުރި އެވެ.

"ޔަގީންކަން އޮތް އަހަރެމެންގެ ޑިފެންޑަރުން ޓެކްޓިކަލް ޑިސިޕްލިން ހިފަަހައްޓައިފިއްޔާ މި މެޗު ނެގޭނެ ކަމުގެ. މެޗު ބަލާލީމަ އެނގޭނެ އަހަރެމެން ކިހާ ވިސްނުންތެރިކަމާ އެކުކަން ތައްޔާރުވެފައި ހުރީ. މެޗަށް ނުކުތްއިރު މެޗުގެ އެއްވެސް ޕްރެޝަރެއް ކުޅުންތެރިންނަށް ނުދީ. ބޭނުންވާ ގޭމް ކުޅެލަން ހިތްވަރު ދިނީ. އެ ވޯކް ކޮށްފި. އެ ތަފާތު ދަނޑުމަތީގައި މަސައްކަތުން އެ ދެއްކީ،" ކުޑަހީނާ ބުންޏެވެ.

އަލިފުށީގައި ފައިނަލް މެޗު ކުޅުން ވެގެންދިޔައީ ޓީމެއްގެ ގޮތުގައި ވެލެންސިއާގެ ރޫހު ރަނގަޅުވި ސަބަބެއް ކަމަށް ކުޑަހީނާ ފާހަގަކުރި އެވެ.

މާޒިޔާ ވަނީ ޕްރެޒިޑެންޓްސް ކަޕްގައި އެ ޓީމު ކުޅުނު ފަހު ތިން މެޗުން ވެސް ބަލިވެފަ އެވެ. ލީގު ބުރުގެ ފަހު ދެ މެޗުން ކްލަބް ގްރީން ސްޓްރީޓްސް އަތުން 2-0 އިން ވެލެންސިއާ އަތުން 1-0 އިން ބަލިވިއިރު، ފައިނަލުގައި 2-1 އިން ވަނީ ބަލިވެފަ އެވެ. ފައިނަލް މެޗަށް ފަހު މާޒިޔާގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) "އަދަދު" އަށް ބުނީ ފަހަތަށް ދާ ބޯޅަތަކުގައި ބޮޑު މިސްޓޭކް ހެދިގެން ގޯލު ވަންނަނަމަ މެޗުތަކުން މޮޅުވާން އުނދަގޫވާނެ ކަމަށެވެ.

ފުރަތަމަ ޑިވިޝަންގެ ޓީމުތަކުން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހު ހަ ވަނަ ދުވަހު ފަށަން ޝެޑިއުލްކޮށްފައިވާ ދިވެހި ޕްރިމިއާ ލީގަށެވެ.