Advertisement

ރަށެއްގައި ފައިނަލް ކުޅޭއިރު މެޗުގެ ހާއްސަކަން އިހުސާސްވޭ: އަސަދުﷲ

22 ޖަނަވަރީ 2022 - 10:09 0

ރ. އަލިފުށި

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

އިއްޔެ ބޭއްވި މާޒިޔާގެ ޕްރެކްޓިހުގެ ތެރެއިން އަސަދުﷲ.-- ފޮޓޯ: އަދަދު


ރަށެއްގައި ފައިނަލް ކުޅޭއިރު މެޗުގެ ހާއްސަކަން އިހުސާސްވޭ: އަސަދުﷲ

22 ޖަނަވަރީ 2022 - 10:09 0

ރ. އަލިފުށި

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ފައިނަލް މެޗު މި ފަހަރު ރ. އަލިފުށީގައި ކުޅޭއިރު، ރަށެއްގައި މި މެޗު ކުޅޭތީ މި މެޗުގެ ބޮޑު ކަމުގެ އިހުސާސް ކުރެވޭ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސަކޮ) ބުނެފި އެވެ.

ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗުގައި މާދަމާ ހަވީރު މާޒިޔާ ނުކުންނާނީ ކްލަބް ވެލެންސިއާއާ ދެކޮޅަށެވެ. މާޒިޔާ އާއި ވެލެންސިއާ އިން އިއްޔެ ވަނީ އަލިފުށީ ޓާފް ދަނޑުގައި ފުރަަތަމަ ޕްރެކްޓިސްތައް ބާއްވައިފަ އެވެ.

މާޒިޔާ ޕްރެކްޓިހަށް ފަހު "އަދަދު" އަށް ދިން އިންޓަވިއުއެއްގައި އަސަދުﷲ ބުނީ ރަށެއްގައި މި ގޮތަށް ފައިނަލް ކުޅޭއިރު، މެޗުގެ މުހިންމު ކަމާއި ހާއްސަކަން އިހުސާސް ކުރެވޭ ކަމަށެވެ.

"ތަފާތުތަކެއް ހުންނާނެ މި ގޮތަށް ރަށެއްގައި ފައިނަލު ކުޅޭއިރު. މިހާރު ވެސް އިހުސާސްވޭ ފައިނަަލަކަށް ކަން މި ރެޑީވަނީ. މާލޭގައި އެ ގޮތަށް ޝެޑިއުލަކަށް ގޮސް މެޗެއް ކުޅުމާ މި ގޮތަށް ރަށަކަށް އައިސް ކުޅެލުމާ ހުންނާނެ ތަފާތުތަކެއް. އެ ގޮތަށް ބަލާއިރު، އިހުސާސްވޭ ވަރަށް ބޮޑު ކަމެއް ކުރަން ކަން މި ރެޑީވަނީ،" އަސަދުﷲ ބުންޏެވެ.

"އޭގެ އިތުރުން މި ގޮތަށް ރަށެއްގައި ތިބޭއިރު މުޅި ޓީމު އެއްކޮށް، ވަގުތުތަކެއް ހޭދަކުރެވި، ޓީމު އެއްބައިވަންތަވުން ކަހަލަ ކަންކަން ރަނގަޅުވެ، ވަރަށް ރަނގަޅު ކަމެއް މިއީ،"


މާޒިޔާ އިން ޕްރެޒިޑެންޓްސް ކަޕް ތަށި އުފުލާލީ 2015 ވަނަ އަހަރު އެވެ. އެ ފަހަރު ފައިނަލް ކުޅުނީ ސ. ހިތަދޫ ޒޯން ސްޓޭޑިއަމްގަ އެވެ. ނިއު ރޭޑިއަންޓް 3-1 އިން ބަލިކޮށް މާޒިޔާ އިން ޗެމްޕިއަންކަން ހޯދި ފައިނަލް ބަަލަން ހިތަދޫ ޒޯން ސްޓޭޑިއަމަށް ގިނަ ބަޔަކު ދިޔަ އެވެ.

އަސަދުﷲ ބުނީ މި ފަަހަރު ވެސް އެ ފަދަ މާހައުލެއްގައި ކުޅެލަން ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"ފުޓްބޯޅައިގައި ކުޅުންތެރިން ދަނޑުމަތީގައި ކުރާ މަސައްކަތެކޭ އެއްވަރަށް ދަނޑު ބޭރުން އެ ކުރާ ސަޕޯޓް ވެސް މުހިންމު، މުޅި ފުޓްބޯޅަ އެއްކޮށް ރަނގަޅު މިވަނީ ސަޕޯޓަރުންގެ ސަޕޯޓް ވެސް ލިބިގެން. އެ މުޅި އެތި އެކުލެވިގެން ފުޓްބޯޅަ މި ކިޔެނީ. އެހެންވީމަ ވަރަށް ރަނގަޅުވާނެ ކަމަށް މި ބަލަނީ،" އަސަދުﷲ ބުންޏެވެ. "ރަށެއްގައި މި ގޮތަށް ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި މި ގޮތަށް ބޮޑު ފައިނަލެއް ކުޅުން މިއީ ރަނގަޅު ކަމެއް،"

ޕްރެޒިޑެންޓްސް ކަޕްގައި މި ފަހަރު ކުޅުނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމެވެ. އަށް ޓީމުގެ މެދުގައި ކުޅުނު ލީގު ބުރުން އެއް ވަނަ ދިޔައީ ވެލެންސިއާ އެވެ. މާޒިޔާ ވަނީ ލީގު ބުރުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ކްލަބް ގްރީން ސްޓްރީޓްސް އާއި ވެލެންސިއާ އަތުން ބަލިވެފަ އެވެ.

މާޒިޔާ އިން ޗެރިޓީ ޝީލްޑް މެޗުގައި ވެލެންސިއާ 5-0 އިން ބަލިކުރި ނަމަވެސް ޕްރެޒިޑެންޓްސް ކަޕް މެޗުގައި ވެލެންސިއާ އިން ވަނީ 1-0 އިން މާޒިޔާ ބަލިކޮށްފަ އެވެ.

އަސަދުﷲ ބުނީ ފައިނަލް މެޗަށް ނުކުންނައިރު، އެންމެ ފަހުން ދެ މެޗުން (ގްރީން ސްޓްރީޓްސް އާއި ވެލެންސިއާ އަތުން) ބަލިވެފައި އޮތުމުން އޭގެއިން ފިލާވަޅު ނަގަން ފުރުސަތު ލިބޭނެ ކަމަށެވެ.

"ބައެއް ފަހަރު އެއީ އެޑްވާންޓޭޖެއް ފައިނަލަށް އަންނައިރު އެ ކަަހަލަ ތަޖުރިބާއެއް ކުރެވިފައި އިނުމަކީ. ކުޅުންތެރިން އިތުރަށް ސީރިއަސްވެ، ގޯސްކޮށްދާ ކަންތައްތައް ރަނގަޅުކުރަން ލިބޭ ވަރަށް ބޮޑު ފުރުސަތެއް. އަސްލު އެ މެޗުތަކުން ފިލާވަޅެއް އެ ލިބުނީ ފައިނަލް މެޗުގެ ކުރިން،" އިތުބާރާ އެކު އަސަދުﷲ ބުންޏެވެ.

އަލިފުށީ ޓާފް ދަނޑުގައި މާޒިޔާ އާއި ވެލެންސިއާ ކުޅޭ ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު ފަށާނީ މާދަމާ ހަވީރު 16:00 ގަ އެވެ.