Advertisement

އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާއިން ބޯނިއޯއަށް ބަދަލުކުރަން ފާސްކޮށްފި

19 ޖަނަވަރީ 2022 - 14:04 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑޮނީޝިއާގެ 76 ވަނަ މިނިވަން ދުވަހާ ދިމާކޮށް ވެރިރަށް ޖަކާޓާގެ މަތިން ގައުމީ ދިދަ ހިފައިގެން ސިފައިން ދަތުރު ކުރަނީ. -- ފޮޓޯ: ރޮއިޓާޒް


އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާއިން ބޯނިއޯއަށް ބަދަލުކުރަން ފާސްކޮށްފި

19 ޖަނަވަރީ 2022 - 14:04 1

ޖަކާޓާ، އިންޑޮނީޝިއާ (ޖެނުއަރީ 19) - އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާއިން ބޯނިއޯއަށް ބަދަލު ކުރަން ޕާލިމެންޓުން ގާނޫނު ފާސްކޮށްފި އެވެ.

ޖަކާޓާއާ 2000 ކިލޯމީޓަރު ދުރުގައި އޮންނަ ބޯނިއޯއަށް ވެރިރަށް ބަދަލު ކުރާއިރު، އެ ތަނަށް ދޭން ފާސްކުރި ނަމަކީ ނުސަންތަރާ އެވެ.

ވެރިރަށް ބަދަލުކުރަން ބޭނުންވާކަން އެންމެ ފުރަތަމަ އިއުލާނު ކުރެއްވީ ރައީސް ޖޯކޯ ވިޑޯޑޯ އޭޕްރިލް 2019 ވަނަ އަހަރު އެވެ. ޕާލިމެންޓުން އެކަމުގެ ގާނޫނު ފާސްކުރުމާ އެކު އެ މަސައްކަތަށް ގާނޫނީ އޮނިގަނޑެއް ލިބިގެންދާނެ އެވެ.

ރައީސް ވިޑޯޑޯ ވިދާޅުވީ ތޮއްޖެހުން ބޮޑު ޖާވާ ރަށުގައި ތަގައްޔަރުވުމުގެ މައްސަލައިގެ އިތުރުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލަ ވެސް ދިމާވާތީ ވެރިރަށް ޖަކާޓާއިން ބަދަލުކުރަން ޖެހޭ ކަމަށެވެ.

ޖަކާޓާގެ މެޓްރޯ ސަރަހައްދުގައި އެކަނިވެސް 30 މިލިއަން މީހުން ދިރިއުޅެ އެވެ. އެ ތަނަށް އިންފްރާސްޓްރަކްޗާގެ މައްސަލަ ދިމާވެފައި ވާއިރު، މޫސުމީ ބަދަލާ ގުޅިފައިވާ ފެންބޮޑުވުމުގެ ހާދިސާތައް ހިންގުން ވަނީ އާއްމުވެފަ އެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި 2050 ވަނަ އަހަރާ ހަމައަށް ދާއިރު، އެ ސިޓީގެ ތިންބައިކޮށްފައި އެއްބައި އޮންނާނީ ކަނޑު އަޑީގަ އެވެ.

މުޅިން އަލަށް ބިނާކުރާ ވެރިރަށުގެ ބޮޑުމިނުގައި 56،180 ހެކްޓަރު ހުންނާނެ އެވެ. އެ ސިޓީ ހުންނާނީ ބޯނިއޯ ރަށުގެ އިންޑޮނީޝިއާއާ ވީ ފަޅީފައި އިރުމަތީ ކަލިމަންތަން ޕްރޮވިންސްގަ އެވެ. ބޯނިއޯ ރަށަކީ މެލޭޝިއާ އާއި ބްރޫނާއީ އަށް ވެސް ނިސްބަތްވާ ހިސާބުތައް އޮންނަ ރަށެކެވެ.

މުޅި ޕްރޮޖެކްޓަށް 256،142 ހެކްޓަރުގެ ސަރަހައްދެއް ކަނޑައަޅާފައި ވާއިރު، މުސްތަގްބަލުގައި އިތުރަށް ތަރައްގީ ކުރާނެ ބޮޑު ސަރަހައްދެއް ވެސް ހިމަނާފައި ވެ އެވެ.

އާ ސިޓީއާ ގުޅޭ ފުރަތަމަ ޑްރާފްޓް ރޭވުންތަކުން ފެންނަނީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި "ސްމާޓް" ސިޓީއެއްގެ ކޮންސެޕްޓެވެ. ނަމަވެސް ޑްރާފްޓްގައިވާ ގިނަ ކަންކަން އަދި ފައިނަލެއް ނުވެ އެވެ.

ސިޓީ ބިނާކުރުމުގެ މަސައްކަތް ފަށަން ރާވާފައި އޮތީ 2020 ވަނަ އަހަރު އެވެ. ނަމަވެސް ކޮވިޑް ބަލިމަޑުކަމާ ހެދި މަސައްކަތް ވަނީ ލަސްކޮށްފަ އެވެ.

ދުނިޔޭގެ ބައެއް އެހެން ގައުމުތަކުން ވެސް މީގެ ކުރިން ވެރިކަށް ކުރާ ރަށް ބަދަލުކޮށްފައި ވެ އެވެ. އެގޮތުން 2003 ވަނަ އަހަރު މެލޭޝިއާގެ ވެރިކަން ކުރާ ރަށް ވަނީ ކުއަލަ ލަމްޕޫރުން ޕުޓްރަޖާޔާ އަށް ބަދަލުކޮށްފަ އެވެ.