Advertisement

އިންޑިއާ ކަރަންސީ ސްވޮޕުގެ ދަށުން ނެގި 400 މިލިއަން ޑޮލަރު ދައްކައި ހަލާސްކޮށްފި

10 މާރިޗު 2022 - 14:17 0

އަމަން ހަލީމް

އަމަން ހަލީމް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިދާރާ. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


އިންޑިއާ ކަރަންސީ ސްވޮޕުގެ ދަށުން ނެގި 400 މިލިއަން ޑޮލަރު ދައްކައި ހަލާސްކޮށްފި

10 މާރިޗު 2022 - 14:17 0

ނިމުނު އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ބިލިއަން ޑޮލަރު ހުރި ދައުލަތުގެ ރިޒާވު ދަށްވީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) ގެ ކަރަންސީ ސްވޮޕް ފެސިލިޓީއަށް ފައިސާ ދެއްކުމުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ.

އިންޑިއާގެ މަރުކަޒީ ބޭންކު، އާރުބީއައި އިން ހަމަޖެއްސި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ އެއްބަސްވުމުގައި ސޮއިކުރީ ޖުލައި 22، 2019 ގަ އެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އެ ގައުމުން ހަމަޖައްސައިދިން 1.4 ބިލިއަން ޑޮލަރުގެ އިގުތިސޯދީ ޕެކޭޖުގެ ތެރެއިން ހަމަޖެހިގެން ދިޔަ ފެސިލިޓީ އެކެވެ.

މި 400 މިލިއަން ޑޮލަރުގެ ތެރެއިން 150 މިލިއަން ޑޮލަރު ދެއްކީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ. ޑިސެމްބަރު މަހު ދެއްކީ ބާކީ ހުރި 250 މިލިއަން ޑޮލަރެވެ. މި ފައިސާ ދެއްކުމުން މިހާރު އެ ކަރަންސީ ސްވޮޕުގެ ދަރަނި އަދާކޮށް ނިމުނީ އެވެ.

ކަރަންސީ ސްވޮޕަށް ފައިސާ އަނބުރާ ދައްކަން ޖެހެނީ އިންޓްރެސްޓަކާ އެކީ ކަމުން، އަނބުރާ ދެއްކި އަދަދު 400 މިލިއަން ޑޮލަރަށް ވުރެ ބޮޑު ވާނެ އެވެ. އެކަމަކު ކުއާޓަލީ ބުލެޓިންއަކުން އެ އަދަދު ސާފެއް ނޫނެވެ.

ކަރަންސީ ސްވޮޕަކީ ކޮބާ؟


ކަރަންސީ ސްވޮޕަކީ ދެ ގައުމެއްގެ ދެމެދު ފައިސާ ބަދަލުކުރަން ވެވޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން އެއް ގައުމެއްގެ ފައިސާ އަނެއް ގައުމުގެ މަރުކަޒީ ބޭންކުގައި ބެހެއްޓުމުން އެ އަދަދަށް އެއްބަސްވެވިފައިވާ ބާވަތުގެ ފައިސާ ލިބޭނެ އެވެ. މިހެންކަމުން މިފަދަ އެއްބަސްވުންތައް ގާއިމުކުރަނީ މަރުކަޒީ ބޭންކުތަކުގެ މެދުގަ އެވެ. މި ފައިސާ އަނބުރާ ދައްކާނީ އިންޓްރެސްޓަކާ އެކީ އެވެ.

އެމްއެމްއޭއިން މިއަދު ނެރުނު ކުއާޓަލީ ބުލެޓިންގައި ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ދައުލަތުގެ ރިޒާވުގައި 1.01 ބިލިއަން ޑޮލަރު ހުއްޓެވެ.

އަހަރުގެ ފަހު ކުއާޓަރުގައި 250 މިލިއަން ޑޮލަރު ދެއްކުމުން ރިޒާވު ފައިސާ ވަނީ 791.2 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. މިއީ ކުއާޓަރުން ކުއާޓަރަށް ބަލާނަމަ 20 ޕަސެންޓު ދަށްވުމެކެވެ. ފައިސާއިން ނަމަ 225.5 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.

މިކަމާ ގުޅިގެން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިދިޔަ އޮގަސްޓު މަހު ނޫސްވެރިންނަށް ވިދާޅުވީ، ކަރަންސީ ސްވޮޕަށް ފައިސާ ދައްކަން ނިންމީ އިގުތިސޯދީ ހާލަތު ރަނގަޅުވުމުން ކަމަށެވެ. އަދި މި ފައިސާ ދައްކައިގެން އިގުތިސޯދަށް ދައްޗެއް ނުވާނެ ކަމަށް ވެސް އޭރު އޭނާ ވިދާޅުވި އެވެ.

ކަރަންސީ ސްވޮޕް އެއްބަސްވުމުގައި 2019 ގައި ސޮއިކުރި ނަމަވެސް، ފައިސާގެ ބޮޑު އަދަދެއް ބޭނުންކުރީ ކޮވިޑު ބަލިމަޑުކަމާ ގުޅިގެން ޑޮލަރު އާމްދަނީ ދަށަށް ދިޔުމާ ގުޅިގެންނެވެ. އޭގެ އިތުރުން ދައުލަތުގެ އާމްދަނީއަށް އައި ލޮޅުމާ ގުޅިގެން، ސަރުކާރުގެ ބައެއް ހަރަދުތައް ހަމަޖައްސަން ވެސް މި ފައިސާ ބޭނުންކުރި އެވެ.

މިފަހުން ދައުލަތުގެ ރިޒާވުން ބޮޑު އަދަދެއް މަދުވީ، ކުރިން އިންޑިއާއިން ހަމަޖައްސާފައި އޮތް 150 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕަށް 2019 ގައި 100 މިލިއަން ޑޮލަރު ދެއްކި ފަހަރެވެ. އެކަމަކު ކަރަންސީ ފައިސާއަކީ ސީދާ މަރުކަޒީ ބޭންކަށް ވަންނަ ފައިސާއެއް ކަމުން ކަރަންސީ ސްވޮޕުގެ ސަބަބުން ރިޒާވު އިތުރު ވެސް ވެ އެވެ.