Advertisement

ފަސްކުރި މެޗުތައް ޝެޑިއުލްކުރާ ގޮތާމެދު ޓުޗެލްގެ ހިތްހަމަނުޖެހުން

18 ޖަނަވަރީ 2022 - 10:10 0


ފަސްކުރި މެޗުތައް ޝެޑިއުލްކުރާ ގޮތާމެދު ޓުޗެލްގެ ހިތްހަމަނުޖެހުން

18 ޖަނަވަރީ 2022 - 10:10 0

ލަންޑަން (ޖެނުއަރީ 18) - ކޮވިޑްގެ ހާލަތާ ގުޅިގެން ފަސްކުރާ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް އަލުން ޝެޑިއުލްކުރާ ގޮތާމެދު ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަންއާ ދެކޮޅަށް ރަށުން ބޭރުގައި ޗެލްސީ ކުޅޭ މެޗަކީ ކުރިން ޑިސެމްބަރު މަހު ކުޅެން ތާވަލްކޮށްފައި އޮތް މެޗެކެވެ. އެކަމަކު، އޭރު ކޮވިޑްގެ ކޭސްތައް ގިނަވުމާ އެކު، އެ މެޗު ފަސްކުރީ އެވެ.

ޗެލްސީ އާއި ބްރައިޓަން ކުޅޭ މެޗު ތާވަލްކުރި ދުވަހާ މެދު ހިތްހަމަނުޖެހޭ ކަމަށް ޗެލްސީގެ ޓެކްނިކަލް އެޑްވައިޒާ ޕީޓަ ޗެކް ވެސް ވަނީ ބުނެފަ އެވެ.

ޗެކްގެ ވާހަކަތަކަށް ތާއީދުކުރަމުން، ޓުޗެލް ބުނީ މި ހަފުތާ ބަންދުގައި ޗެލްސީ އަދި ބްރައިޓަން ވެސް އާދިއްތަ ދުވަހު މެޗު ކުޅޭއިރު، ދެ ޓީމު ކުރިމަތިލާ މެޗު "މި ނޫން ދުވަހަކަށް ތާވަލްކުރެވޭނެ" ކަމަށެވެ.

"ކްލަބުގެ މިކަމާމެދު ދެކޭ ގޮތް ޕީޓަ ޗެކް ވަރަށް ސާފު ބުނެދީފި. އޭނާގެ ވާހަކަތަކަށް އަހަރެން ވެސް ތައީދުކުރަން. މިއީ ކޮންމެހެން ރަށުން ބޭރުގައި ޖެހިޖެހިގެން ތިން މެޗު ކުޅެންޖެހޭތީ ދައްކާ ވާހަކަތައެއް ނޫން."

ޓުޗެލް ބުނީ ކޮވިޑްގެ ހާލަތާ ގުޅިގެން ޕްރިމިއާ ލީގުން ގޮތްތައް ކަނޑައަޅާއިރު، އެކަންތައް ކަނޑައަޅާ ގޮތުގެ ތަފްސީލު އެނގެންޖެހޭނެ ކަމަށެވެ.

"ގޮތްތަކެއް ނިންމާއިރު، ވަަރަށް ސާފުކޮށް އޭގެ ސަބަބުތައް އެނގެންޖެހޭ. އަހަރަން މާ ބޮޑު ތަފްސީލެއް ބޭނުމެއް ނޫން އެކަމަކު ސަޕޯޓަރުން އެކަމަށް ބޭނުން ވާނެ،" ޓުޗެލް ބުންޏެވެ.

ފީފާ ބެސްޓް އެވޯޑްސްގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ ޓުޗެލް އެވެ. މިދިޔަ އަހަރު ޗެލްސީއާ ހަވާލުވި ޓުޗެލް ވަނީ އަހަރެއްގެ ތެރޭ އެ ޓީމަށް ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް ކާމިޔާބު ކޮށްދީފަ އެވެ. އަދި މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ފައިނަލުން ލެސްޓާ ސިޓީ އަތުން ބަލިވިއިރު، އެ ޓީމު ވަނީ މި ފަހަރުގެ ލީގު ކަޕް ފައިނަލުން ޖާގަ ހޯދައިފަ އެވެ.

ޓުޗެލް ބުނީ ބްރައިޓަން މެޗަށް ނުކުންއިރު، އަނިޔާގެ އެއްވެސް މައްސަލެއް ޗެލްސީގައި ނެތް ކަމަށެވެ. އެންމެ ފަހުން ޕްރިމިއާ ލީގުގައި ކުޅުނު މެޗުން މެންޗެސްޓާ ސިޓީ އަތުން ބަލިވެ، ޗެލްސީ މި ވަގުތު އޮތީ ތިން ވަނަ އަށް ވެއްޓިފަ އެވެ. އެކަމަކު، މިރޭ ބްރައިޓަން ބަލިކޮށްގެން ޗެލްސީ އަށް އަލުން ދެ ވަަނަ ހޯދިދާނެ އެވެ. -- އޭއެފްޕީ