Advertisement

މަޑިވަރު އެއާޕޯޓު އައިލެންޑް އޭވިއޭޝަނަށް، އަންނަ މަހު ދަތުރުތައް ފަށަނީ

17 ޖަނަވަރީ 2022 - 22:04 0

އަމަން ހަލީމް

އަމަން ހަލީމް

ޅ. މަޑިވަރު އެއާޕޯޓު: މި އެއާޕޯޓު ތަރައްގީކުރީ ކުރެއްދޫ ހޯލްޑިންގްސްއިން. -- ފޮޓޯ: އަދަދު ފައިލް


މަޑިވަރު އެއާޕޯޓު އައިލެންޑް އޭވިއޭޝަނަށް، އަންނަ މަހު ދަތުރުތައް ފަށަނީ

17 ޖަނަވަރީ 2022 - 22:04 0

ގިނަ ރިސޯޓުތަކެއް ހިންގާ ކުރެއްދޫ ހޯލްޑިންގްސްއިން ޅ. މަޑިވަރުގައި ތަރައްގީ ކުރި އެއާޕޯޓު ހިންގާ ބަލަހައްޓަން ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.

ކުރެއްދޫ ހޯލްޑިންގްސް އިން ތަރައްގީކުރި މަޑިވަރު އެއާޕޯޓަށް 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ހަރަދު ވިއެވެ. ދިގުމިނުގައި 1.2 ކިލޯމީޓަރުގެ ރަންވޭއެއް އޮންނަ މި އެއާޕޯޓުގައި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ޑޭޝް އާއި އޭޓީއާރް މަރުކާގެ ފްލައިޓުތަކަށް ޖެއްސެ އެވެ.

މި އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިމި، ޓެސްޓު ފްލައިޓު ޖެއްސީ ނިމުނު ޑިސެމްބަރު މަހު އެވެ.

ރަސްމީކޮށް އެއާޕޯޓާ ހަވާލުވުމަށްފަހު އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެއާޕޯޓު ހުޅުވަން ޖެހޭ ފަހުގެ ތައްޔާރީތައް އެ ކުންފުނިން ފަށާފައިވާ ކަމަށެވެ. މި ތައްޔާރީތައް ނިންމާ ޝެޑިއުލް ދަތުރުތައް ފެށޭނީ ފެބްރުއަރީގައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އައިލެންޑް އޭވިއޭޝަނަކީ އެއާޕޯޓު ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން އަންނަނީ މިހާރު ވެސް ތިން ޑޮމެސްޓިކް އެއާޕޯޓަކާއި އިންޓަނޭޝަނަލް އެއާޕޯޓެއް އޮޕަރޭޓް ކުރަމުންނެވެ.

އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓުކުރާ އެއާޕޯޓުތައް

  • ބ. ދަރަވަންދޫ އެއާޕޯޓު
  • ތ. ތިމަރަފުށި އެއާޕޯޓު
  • ރ. އިފުރު އެއާޕޯޓު
  • ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު

މަޑިވަރު އެއާޕޯޓަށް ދަތުރުތައް ފެށުމުން ވައިގެ މަގުން ދަތުރުނުކުރެވޭ އޮންނާނީ ތިން އަތޮޅެވެ. އެއީ އެއާޕޯޓެއް އަދި ނާޅާ މ. އަތޮޅާއި ފ. އަތޮޅާއި މާލެ ކައިރީގައި އޮންނަ އއ. އަތޮޅެވެ.

މީގެ ތެރެއިން މ. އަތޮޅު މުލީގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ. މި އެއާޕޯޓުގެ އަޅަން 221 މިލިއަން ރުފިޔާއަށް ހަވާލުކުރީ އެމްޓީސީސީއާ އެވެ. އެ ކުންފުނިން ބުނަނީ މި އަހަރުގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތް ނިމޭނެ ކަމަށެވެ.

ފ. އަތޮޅުގައި އަދި އެއާޕޯޓެއް އަޅަން ނުފެށި ނަމަވެސް، އެ އަތޮޅު މަގޫދޫގައި އެއާޕޯޓެއް އަޅަން ވަނީ އިއުލާންކޮށްފަ އެވެ. ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން ރިސޯޓު އަޅަން ރަށްތައް ލިބޭ ގޮތަށް މި ރަށުގައި އެއާޕޯޓު އަޅަން އިއުލާނުކުރީ 126 މިލިއަން ރުފިޔާއަށެވެ.

އަތޮޅުތެރޭގައި ގިނަ އެއާޕޯޓުތަކެއް އެޅުމުގެ ސިޔާސަތަކީ ރައީސް ޔާމީންގެ ސަރުކާރުން ފެށިގެން ތަންފީޒުކުރަމުން އަންނަ، މި ސަރުކާރުން ވެސް ދަމަހައްޓަމުން އަންނަ ސިޔާސަތެކެވެ.

މި ސިޔާސަތުގެ ދަށުން އަމާޒަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެންމެ ގިނަ އިރުވެގެން 20 މިނިޓު ތެރޭގައި ދަތުރުކުރެވޭ ދުރުމިނުގައި އެއާޕޯޓެއް އޮތުމެވެ.

.